ހޮޓަލަށް ހަމަލާ ދިން އިރު ޗައިނާ ސަފީރު އެ ހޮޓަލުގައި ނޫޅުއްވާ. --ފޮޓޯ:ރޮއިޓާސް
22 އެޕްރީލް 2021 - 14:03
ގުއެޓާ (އެޕްރީލް 22) - ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ގުއެޓާ ސިޓީގައި ޗައިނާގެ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވާ ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ހަތަރު މީހުން މަރުވެއްޖެ އެވެ.
ބޮމުގެ ހަމަލާ ދީފައި ވަނީ ސެރީނާ ހޮޓަލުގެ ކާރު ޕާކިންގަ އެވެ. މަރުވި މީހުންގެ ތެރޭގައި އެ ހޮޓަލުގެ ދެ ސެކިއުރިޓީ ގާޑު ހިމެނެ އެވެ. ހަމަލާ ދިން ނަމަވެސް ހޮޓަލުގައި ތިބި އެއްވެސް ގެސްޓަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
"ހަމަލާގައި ހަތަރު މީހުން މަރުވެ 12 މީހުން ޒަޚަމްވި،" ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޝެއިޚް ރާޝިދު އަހުމަދު އޭއެފްޕީ އަށް ވިދާޅުވި އެވެ. "އެއީ ޓެރަރިޒަމްގެ ހަމަލާއެއް."
އޭނާ ވިދާޅުވީ އަފްޣާނިސްތާން ބޯޑަރާ ކައިރީގައި އޮންނަ ބަލޮޗިސްތާން ޕްރޮވިންސްގެ ވެރިރަށުގެ ސެރީނާ ހޮޓަލުގައި ޗައިނާގެ ސަފީރު ނޮންގް ރޮންގް ހިމެނޭ ގޮތަށް ހަތަރު މީހުންގެ ވަފުދެއް ރޭ މަޑުކުރަން އޮތީ ހަމަޖެހިފައި ކަމަށެވެ. ނަމަވެސް ހޮޓަލުގައި ހަމަލާ ދިން ވަގުތު ސަފީރުވީ ބައްދަލުވުމަކަށް ވަޑައިގެންފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުއެޓާ އަށް ޒިޔާރަތްކުރާ އިއްޒަތްތެރިން އާއްމުކޮށް މަޑުކުރައްވަނީ ސެރީނާ ހޮޓަލުގައި. --ފޮޓޯ:އީޕީއޭ
ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައި ވަނީ ޕާކިސްތާނީ ތާލިބާނުންނެވެ.
ބަލޮޗިސްތާނަކީ ހަނގުރާމަވެރި ޖަމާއަތްތައް ވަރަށް ބޮޑަށް ހަރަކާތްތެރިވާ ޕްރޮވިންސެކެވެ. އެ ސަރަހައްދުގައި ޗައިނާ އިން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކާ ހަނގުރާމަވެރި ޖަމާއަތްތަކުން ދެކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީީޙިނި
24 April 2021
މުސްލިމުގައުމުތަކުގަ ތައުލީމީ ފެންވަރުދައްވީމަ ކޮންމެ ބަޔަކައްވެސް މިމީހުންގެ ސިކުންޑިޔާ ކުޅެލެވިދާނެ، ފައިސާ ގޯންނެއްދީފަ ޖިހާދޭ ބުނޭ ޢޭރުން ބޭނުން ވަރަކައް ބޮންގޮއްވާދޭނެ، އަދި ބޮލެއް ހެރެއްޖެޔާ ފައިސާގޯނި ކަޓުވާލާފަވެސް އެކަން ކުރެވޭނެ.
ރޯނު
23 April 2021
މުސްލިމް ގައުމުތަކުގަ ހުޅަނގުން ބޭނުންވާ ހުރިހާ ކަމެއް ހާސިލު ކުރުމަށް އެއްމެ ކުރީ ސަފުގަ މިތިބެނީ މި ހަރުކަށި ފިކުރުގެ މީހުން. އަފްއާނިސްތާން މިހާރު އޮތް ހާލަތަށް ފުރަތަމަ ވެއްޓުނީވެސް ހަމަ މިހެން. ސީރިޔާގަވެސް ވީ މިހެން. ވީގާ މުސްލިމުންނޭ ކިޔާފަ ދޮގު ހަބަރު ފަތުރާފަ ޗައިނާގަ ހަމަނުޖެހުން އުފައްދަންވެސް ބޭނުންކުރާނީ ހަމަ މިމީހުން. އެއްމެ ފަހަރަކުވެސް ހުރިހާ ގެއްލުމެއް އަދި ހުރިހާ ފައިދާއެއް މިވަނީ ކޮންބަޔަކަށްކަން ވިސްނާލާނަމަ.
ރަދީފްއޮފިޝިއަލް
22 April 2021
ޕާކިސްތާން އަދި އަފްއާނިސްތާނު އުޅޭނީ އަބަދުވެސް ކޮންމެވެސް ބޮމަކުން ސަލާމަތް ނުވެވިގެން.ދެރަކަމެއް.