އައްޑޫގައި ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 200 އާ ގާތްކުރޭ.
06 މެއި 2021 - 12:21
އަައްޑޫން ކޮވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނި މުޅި އައްޑޫ މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބަލީގައި ތަހައްމަލު ކުރާ މީހުންގެ އަދަދު 29 އަށް އަރައިފި އެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނީ، އެއީ ހުޅުމީދޫގެ 14 މީހަކާއި ހިތަދޫގެ 13 މީހަކާއި ފޭދޫން އެކަކާއި ބަންދުކޮށްފައި އޮތް ރިސޯޓް ޝަންގްރިއްލާގެ މީހަކު ކަމަށެވެ. ހިތަދޫގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި ހޮސްޕިޓަލްގެ ނަރުހަކު ވެސް ހިމެނެ އެވެ. އެހެންވެ، އޭއީއެޗްގެ ގިނަ ނަރުހުންތަކެއް މިހާރު ތިބީ އައިސޮލޭޝަނުގަ އެވެ.
އައްޑޫގައި ކޮވިޑް އިތުރުވަމުންދާ އިރު، މީގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ގިނަ އެވެ. އެ އަދަދު މިހާރު 200 އާ ގާތްކުރެ އެވެ. ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާއިރު، އެކަމާ ގުޅިގެން ދެން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް މިހާރު އަންނަނީ އަޅަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރެގައި އައްޑޫގެ ކޮވިޑް ޖެހުނު މީހުނގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް، މާޗު މަހުގެ ކުރީކޮޅު ހާލަތު ވަރަށް ބޮޑަށް ރަނގަޅުވި އެވެ. އެ ދުވަސްވަރު ވެސް މުޅި އައްޑޫ މަހެއްހާ ދުވަހުގެ މޮނިޓަރިންގައި އޮތެވެ.
އަލުން އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެންނަން ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އައްޑޫ ބަންދުކުރީ މި މަހުގެ 1 ގަ އެވެ. ކޮންޓެކްޓް ޓްރޭސިން ނިމެންދެން އައްޑޫ އޮންނާނީ މޮނިޓަރިންގަ އެވެ. މިއާ އެކު ބައެއް ފިޔަވަޅުތައް ވެސް އަޅާފައިވެ އެވެ. އޭގެ ތެރޭގައި އެއް އަވަށުން އަނެއް އަވަށަށް ނުދިއުން ހިމެނެ އެވެ.
އޭއީއެޗުން ބުނެފައިވާ ގޮތުގައި އަމާޒަކީ ވެސް ވީހާ ވެސް ހަލުވިކޮށް، ކޮންޓެކްޓް ޓްރޭސިން ނިންމުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
06 May 2021
މިކަހަލަ ވަގުތުތަކުގައި އައްޑޫމީހުން ވަރަށް ބަސްއަހާނެ. އިރާދަކުރެއްވިއްޔާ މުޅިއަތޮޅުން ބަލި އެއްކޮށް ނެތޭނެ. އަދި މުޅި ރާއްޖެއިންވެސް މުޅިދުނިޔެއިން ވެސް ބަލިނެތޭނެ.