ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ނަޝީދު ސަލާމަތްކުރަން ސިފައިން ކުރި މަސައްކަތް ރަނގަޅު: ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މީގެ ކުރިން ބޭއްވި މީޑިއާބްރީފިންއެއް ގައި ވާހަކަ ދައްކަވަނީ.، އޭނާ މިރޭ ވިދާޅުވީ ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން ސިފައިން ކުރި މަަސައްކަތް ރަނގަޅުކަމަށް. ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/މިހާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުން އެ މަނިކުފާނު ސަލާމަތް ކުރަން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން މަސައްކަތް ކުރި ގޮތް ރަނގަޅު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އިއްޔެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ސިފައިންގެ ހެޑްކުއާޓަރުގައި ބޭއްވި މިޑިއާ ބްރީފިންގައި ޝަމާލް ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ގޮއްވައިލުމުން، އެ މަނިކުފާނު ވެއްޓިވަޑައިގެންނެވުމާ އެކު އެންމެ ކައިރީގައިވާ އޭޑީކޭ ހޮސްޕިޓަލަށް ގެންދަން ވަރަށް އަވަހަށް މަސައްކަތް ކުރި ކަމަށެވެ. އެ ހަމަލާގައި އަނިޔާވެފައި ތިބި ނަމަވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ނަޝީދު އޭޑީކޭ އަށް ގެންދެވުނީ ސިފައިން، ކުރިން ހަދާފައިވާ ޑްރިލްތަކާ އެއްގޮތަށް މަސައްކަތް ކުރުމުން ކަމަށް ވެސް ޗީފް ވިދާޅުވި އެވެ.

ހަމަލާ ދިން ހިސާބުން ފެށިގެން ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ ހަމައަށް އެސްޕީޖީން މަސައްކަތްކުރި ގޮތް ބްރީފިންގައި ޝަމާލް ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު ހޮސްޕިޓަލަށް ގެންދިއުމަށްް މަސައްކަތް ފެށި އިރު އެ މަނިކުފާނުގެ ކާރުކޮޅު ދުއްވާ ޑްރައިވަރު ވެސް ހުރީ ޒަހަމްވެފައި ކަމަށާއި އެހެންވެ، އެ ކާރު ދުއްވޭ ގޮތް ފުރަތަމަ ނުވި ކަމަށެވެ. އެހެންވެ އެ މަނިކުފާނު ހޮސްޕިޓަލަށް ގެންދިޔައީ ބެކަޕް ވެހިކަލްގަ އެވެ.

ހަމަލާދިން ވަގުތު ކަން ހިނގި ގޮތް

ޝަމާލް ވިދާޅުވިގޮތުގައި ސައިކަލެއްގައި ހަރުކޮށްފައިވާ އައީޑީ ގޮއްވައިލީ، ނަޝީދުގެ ގެކޮޅު ކެނެރީގެ އިން ނުކުމެވަޑައިގެން، ބޮޑީގާޑުންނާއެކު ހިންގަވާފައި އެ މަނިކުފާނު މަޖީދީ މަގަށް މިސްރާބު ޖެއްސެވި ވަގުތުގަ އެވެ. އޭރުގައި ނަޝީދުގެ ކުރީގައި ސީޕީޓީމުގެ އެޖެންޓުން ތިބި ކަމަށާއި އެ ޓީމުގެ އެންމެ އިސް އޮފިސަރު، އެ މަނިކުފާނުގެ ފަހަތްޕުޅުގައި ދޮޅުފޫޓެއްހާ ދުރުގައި ހުރި ކަމަށް ވެސް ޗީފް ވިދާޅުވި އެވެ.

އޭރުގައި ކާރުކޮޅު އޮތީ މަޖީދީ މަގުގައި އިރަށްވާ ގޮތަށް ޕާކް ކޮށްފަ އެވެ. އައިއީޑީ ހަރުކޮށްފައިވާ ސައިކަލު ހުރީ ނީލޯފަރު ހިނގުމުން މަޖީދީމަގަށް ނުކުންނަ ކަންމައްޗަށްވާ ގޮތަށް ޕާކްކޮށްފައި ކަމަށާއި އެ އައިއީޑީ ގޮއްވައިލީ އިއްޔެ ރޭގެ 8:27 އެހާ އިރު ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 8:27 ހާއިރު، އެތާނގައި ހަމަ ކަންމައްޗަށް ވާ ކަހަލަ ގޮތަކަށް ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއަކުން އެހެން ގޮތަކަށް ދަންނަވާ ނަމަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ގޮއްވާލައި ވަރަށް ނުރައްކާތެރި ވަރަށް ވަރުގަދަ ހަމަލާއެއް އެ މަނިިކުފާނަށް ދިނީ،" އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވިގޮތުގައި ހަމަލާ ދިނުމާއެކު ނަޝީދު ވެއްޓިވަޑައިގެންނެވި އެވެ. އެ ވަގުތު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ. އޭރުގައި އެ މަނިކުފާނުގެ ފަހަތްޕުޅުގައި ހުރި ސިފައިންގެ އެޖެންޓު ވެސް ޒަހަމްވި ކަމަށާއި ކާރުކޮޅުގެ ދޮރު ހުޅުވަން ހުރި އެޖެންޓު ވެސް ޒަހަމްވި ކަަމަށް ޗީފް ވިދާޅުވި އެވެ. ގޮއްވާލި އީއައިޑީގެ ބާރު ވެސް ވަރަށް ގަދަ ކަމަށާއި އެއީ ހޯމް މޭޑް ނޮން މިލިޓަރީ ގްރޭޑް ގޮވާ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"ވެއްޓިވަޑައިގެންނެވި ހިސާބުން ޕީއެސްއިން ނަގައިގަތީ، އެ މަނިކުފާނު ނަގައިގަނެގެން ކާރުކޮޅަށްލީ. ލާން މަސައްކަތްކުރީ. ލީ ހިސާބުން، ތިން ވަނަ މީހަކަށް ހުރި ޑްރަައިވަރު [ކާރު] ދުއްވާލަން މަސަައްކަތްކުރީ. އޭރު އޭނާ ވެސް ހުރީ ޝޮކް ތެރޭގަ އާއި ކޮންމެވެސް ވަރަކަށް ޒަހަމްވެފައި، އެއާ އެކީގައި އެ ކާރުކޮޅު އޭނާއަކަށް ނުދުއްވުން،" ޝަމާލް ވިދާޅުވި އެވެ.

އެ ކާރު ދުއްވޭ ގޮތް ނުވުުމުން ނަޝީދު ގެންދެވީ، އެ މަނިކުފާނުގެ ކާރުކޮޅުގެ ފަހަތުގައި އޮންނަ ބެކަޕް ކާރަށެވެ. އެ ކާރުގައި ނަޝީދު އޭޑީކޭއަށް ގެންދިޔަ އިރު ގަޑިން 8:35 ހާއިރު ކަމަށާއި އެހެންވީމާ ގޮއްވައިލުމާއި ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭގައި ހޭދަވީ ގާތްގަނޑަކަށް އަށް މިނެޓް ކަަމަށް ޝަމާލް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ވަރަށްް ހަލުވިކޮށްް، އަދި އެ މީހުން އެ ޝޮކްގައި ތިބެގެން ވެސް، އެ މީހުން އިންޖަަރީ ވެގެން ތިބެގެން ވެސް އެ މަނިކުފާނަށް އިސްކަންދީ އެ މަނިކުފާނާ ވާހަކަ ދައްކަމުން ދިޔައީ. އަދި އެ މަނިކުފާނުގެ ހާލުކޮޅު ކިިހިނެތްތޯ އަހައި އެ މަނިކުފާނަށް ކޮމްފޮޓް ދެމުން އަދި އެ މަނިިކުފާނު ވެސް ވިދާޅުވީ ތިމަންނަގެ ހާލު ރަނގަޅޭ. އެހެން ނަމަވެސް ވަރަށް ބޮޑަށް އެ މަނިކުފާނު ޒަހަމްވެފައި އޮތީ،" ޝަމާލް ތަފްސީލްކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ނަޝީދު އޭރު ވިދާޅުވަމުން ގެންދެވީ ކޮންމެވެސް ވަރަކަށް މެއަށް ތަދުވާ ވާހަކަ ކަމަށެވެ.

އައީޑީ ގޮއްވައިލުމުގެ ސަބަބުން ނަޝީދުގެ ފުއްޕާމެއާއި ފުރަމެއަށާއި އިސްތަށިފުޅަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށް އޭޑީކޭއިން މިއަދު ބުންޏެވެ. އެ ގެއްލުންތަކަށް ފަރުވާކުރުމަށްޓަކައި ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

9 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 88%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންރަހާ

08 May 2021

ފުލުހުންނާ ސިފައިންގެ އިސްވެރިން ވިސްނަންޖެހޭނެދޯ ދީނީ ކަންތަކާ ސިޔާސީ ކަންތަކާ ހިތުހުރި ގޮތަކައް ހިތުހުރި އެއްޗެއް ގޮވަމުންދާ ބޭފުޅެއް ނަޝީދަކީ އެބޭފުޅާގެ ސިކިއުރިޓީ ވަރައް ވަރުގަދަކުރަން ޖެހޭނެކަން" ރާއްޖޭގަ މިވެގެންދިޔަ ތަނުގަ ހަމަލާދީފަ ހުރީ ހިތުހުރި އެއްޗެއް ހިތުހުރި ގޮތަކައް ޓުވިޓު ކުރަމުން ބުނަމުން ދިޔަމީހުންނައް މިވަރު ތިބޭފުޅުންނައް ނުވިސްނެނީތޯ ނޫނީ އެހެން އެކަންވާން ދޫކޮއްލަނީތޯ ނަޝީދައް ލިބުނު ގެއްލުމުގެ ޒިންމާ ތިބޭފުޅުން ނަގަންޖެހޭނެ

The name is already taken The name is available. Register?

ބޮން

08 May 2021

ތިބާވަތުގެ ތަކެތި ގޮއްވަން ދިވެހިންނަށް ދަސްކޮށްދިން މީހުންނަކީ ވެސް ހަމަ ނަޝީދުމެން. މައުމޫނު ވެރިކަމުގަ ކޮއިމަލާ ލޯންޗް ކިޔާ ލޯންޗެއް ގޮއްވާލި ވާހަކަ އަޑުއަހާފަ އޮންނާނީ. އަދި ދަރުބާރުގޭގަ އޮތް ސާކުސަމިޓު ތެރޭ އެއްޗެއް ގޮއްވާލަން އުޅެމުގައިވެސް ހިމެނެނީ ހަމަ ނަޝީދުގެ ގުރޫޕު. އެންމެ ފަހުން އޭތި އައިސް މިއޮތީ ނަޝީދު އާ ލައިގަނެފަ.

The name is already taken The name is available. Register?

އަލީއަބްދުﷲ

08 May 2021

ރައީސް ނަޝީދުއަށް ފޯރުކޮށް ދެނީ ޗީފް ޖަސްޓިސް ފަދަ ބޭފުޅުންނަށް ފޯރުކޮށްދޭ ލެވަލްއަށް ވުރެ ވަރުގަދަ ސެކިއުރިޓީއެއް ކަމަށް ވިދާޅުވާ އިރު އެމަނުކުފާނުގެ މޮޓޯކޭޑުގައި ޖޭމާ ވެހިކަލެއް ނެތީ ކީއްވެތޯ؟ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯ ކޭޑްގައި ބޭނުންކުރާ ފަދަ ޖޭމާ ވެހިކަލެއް ބޭނުން ކުރި ނަމަ އެއްވެސް ރިމޯޓު ބޮމެއް ނުގޮއްވޭނެ. ރިމޯޓުގެ ސިގްނަލް ޖޭމް ކުރެވޭނެ. އެފަދަ އިތުރު ވެހިކަލް ނެތީތޯ؟ ނެތް ނަމަ ރާއްޖެއަށް ގެންނަނީ ކޮން އިރަކުތޯ؟

The name is already taken The name is available. Register?

މޮޑަފްް

08 May 2021

ސުވާލަކީ ނަޝީދަކީ ތިހާ ހައިރިސްކް ބޭފުޅަކަށްވާއިރު ސިގްނަލް ޖޭމަރ ވެހިކަލް ނެތީ ކީއްވެހޭ. އޭތި އޮތްނަމަ ތިގޮއްވުން ނުގޮއްވުނީސް. ޖޭމަރ އާންމުކޮށް ފެންނަނީ ރައީސް ދަތުރުކުރައްވާއިރު އެކަނި. ދެން ޝަމާލުގެ ވާހަކައިން ދޭހަވީ ޑްރައިވަރަށް ލިބުނު ޝޮކުން ކާރު ނުދުއްވުނީ ކަމަށް. ކާރު ނުދުއްވޭވަރަށް ޒަޚަމްވިކަމަކަށް ނުބެލެވޭ. އަދި ކާރުވެސް ނުދުއްވޭވަރަށް ހަލާކުވިކަމަކަށް ނުބެލެވޭ. އެހެންކަމުން އެމީހުންގެ ޕްރޮފެޝަނަލް ކަމާމެދު ސުވާލު އެފެދިދާނެ.

The name is already taken The name is available. Register?

ލުގުމާން

08 May 2021

ވަރަށް ރަނގަޅީ އާދަޔާޚިފަށް ތާ ރަނގަޅީ އެމަނިކުފާނު އެއޮށްނެވީ އައިސީޔޫގައި ވިއްޔާ. އަދިވެސް ތިބެގެން އަނގަ އަރުވާތި. މިހާރުވެސް މަސްމާރުކޭތަށް ތާސްކުޅެން ދާނަމޭ ވިދާވިޔަސް ގެންދާނެ. ކޮބާހޭ ކަލޭމެންގެ ޕްރޮފެޝަނަލިޒްމްއަކީ.

The name is already taken The name is available. Register?

ޢެކޮއި

08 May 2021

ޢިއްޒައްތެރި ރައީސް، މަނިކުފާނު އަވަހައް ޑިފެންސް މިނިސްޓަރ ، ހޯމްމިނިސްޓަރ ، އާމީ ޗީފް، ސީޕީ ، ދެވުޒާރާގެ ޢިންޓެލް ހެޑުން މަގާމުން ދުރުކޮއް މިވުޒާރާތަކައް މަގާމުގެ މަސްއޫލިއްޔަތު ނެންގެވޭ ވަރުގެ ގާބިލް ބޭފުޅުން ލައްވާ. ނޫސްވެރިން މަގާމުގެ މަސްއޫލިއަޔަތު ނަންގަވަންތޯ އެއްސެވީމަ، ތިމަންނަމެން ޕުރޮޓޮކޯލް ފޮލޯކުރީމޭ، ތިމަންމެންނައް ތިޔަކަންތަ އިނގޭނަމަ ތިޔަކަމެއް ނުވީސް އޭ ބުނާަަކަހަލަ މީހުން ތިޔަފަދަ މަގަމުގައި ނުބައިތިްބަ.

The name is already taken The name is available. Register?

ހަސަނު

08 May 2021

ބޮން ގޮވި ފަހުން ކުރި މަސައްކަތް ހަމަ ރަނގަޅު.. މަށަށް ރަނގަޅު ނޫނީ އޭގެ ކުރިން ފަރުވާ ކުޑަ ކޮށް ކަންކަން ކޮށްފާ ހުރުމުން...

The name is already taken The name is available. Register?

ޢެކޮއި

08 May 2021

ޢެކޮއި، ސިފައިންގެ މަސައްކަތް ރަނގަޅުނުވެގެނެއް ނޫން މިއުޅެނީ، މަސައްކަތުގެ އަގުވަޒަންކޮއް ޕުރޮމޯސަން ދޭނީ އެފަދަ ހަފުލާގައި. ދުނިޔޭގެ ތަހުޒީބްގައުމެއްގައި ނަމަ، ޑިފެންސްމިނިސްޓާރ، ހޯމްމިނިސްޓަރ ، އާމީ ޗީފް، ސީޕީ ، ދެ ވުޒާރާގެ ޢިންޓެލް ހެޑުން މިހާރު ތިބޭނީ މަގާމުން ދުރުކޮއްފަ، ފުރެޟް ބަޔަކާ ހަވާލުކޮއް ތިޔަމައްސަލަ ބަލާނީ، މި އުޅެނީ ކެނެރީގެ ނަޟީދު އައް ހަމަލާ ދެވިގެނެއްނުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އައް ހަމަލާދެވިގެން.

The name is already taken The name is available. Register?

މޯދީ

08 May 2021

އުތުރުތިލަފަޅު ސަލާމަތްކުރަން އިނޑިއާއަށް ވިއްކާލިގޮތްވެސް ރަނގަޅުތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454