ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބަޖެޓަށް ގެނެސްފައިވާ ބައެއް ބަދަލުތައް މެމްބަރުން ބައްލަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ނޮވެމްބަރ 2016 - 19:32
އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަންނަ އަހަރު ކަނޑައެޅި ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އާ 21 މަޝްރޫއެއް ބަޖެޓްގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސް ކުރަން މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިިރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅި އިރު ޕީއެސްއައިޕީ އޮތް ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ފިނޭންސް މިނިސްޓްރީން އެހެން ވުޒާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެ ބަދަލުތައް ގެނައީ، އޭނާ ވިދާޅުވި ގޮތުގައި، މެމްބަރުންގެ ދާއިރާތަކާ ގުޅޭ ގޮތުން ހިމަނަން ބޭނުންވެވަޑައިގެންނެވި ކަންތައްތަކަށް ބަޖެޓު ކުރުމަށެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ފާހަގަކުރެއްވި ގޮތުގައި އެ ބަދަލުތަކާ އެކު ވެސް މުޅި ޕީއެސްއައިޕީގެ ބަޖެޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، ބައެއް ސަރަހައްދުތަކުގައި ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓުން އެކެއް ނުވަތަ ދެ ޕަސެންޓް އުނި ކުރުމަށް ފަހު، އެހެން މަޝްރޫއަކަށް ހަމަޖެއްސީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް މާލޭގައި ހިންގާ މަޝްރޫއެއްގެ ބަޖެޓުން އެ މިންވަރު ނެގުމަށް ފަހު އެހެން ރަށެއްގެ ބަނދަރު ހެދުމަށް ހާއްސަކޮށްފައި މިވަނީ،" ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.
ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ނިހާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ބަދަލުތަކުގެ ތެރޭގައި އިދިކޮޅު މެމްބަރުން އެދިވަޑައިގެންނެވި މަޝްރޫއުތައް ވެސް ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ގޮތުން، އިދިކޮޅު އެމްޑީޕީގެ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފާއި ކޮމަންޑޫ ދާއިރާގެ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެދިވަޑައިގެންނެވި ދެ މަޝްރޫއެއް ހިމަނާފައި ވާއިރު، އިދިކޮޅު އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާގަ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބައެއް މެމްބަރުންގެ ދާއިރާތަކުގައި ވެސް އާ މަޝްރޫއުތަކެއް ހިންގަން ހަމަޖައްސާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން މަޝްރޫއުތައް ހިމަނާފައި މިވަނީ ރައްޔިތުންގެ ބޭނުންތަކަށް ބަލައިގެން، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމަށް އިސްކަން ދީގެން. އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން ބޭނުންވޭ މީގައި އިދިކޮޅު މެމްބަރެއް، އަޅުގަނޑުމެންގެ އަމިއްލަ މެމްބަރެއް ތަފާތު ކުރުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ޕީޕީއެމް އާއި އެމްޑީއޭގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ހުރިހާ މެމްބަރުން އެދިވަޑައިގެންނެވި މަޝްރޫއުތައް ނުހިމެނުނު ކަމަށް ނިހާން އެއްބަސްވެވަޑައިގެންނެވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ބަޖެޓު ކޮށްފައިވާ މަޝްރޫއުތަކުގެ ވަކި މިންވަރެއް އާ މަޝްރޫއުތަކަށް ހަމަޖައްސަން ޖެހުމާއި ބައެއް މިނިސްޓްރީތަކުން ހިންގާ މަޝްރޫއުތައް އެހެން ވުޒާރާއެއްގެ މަޝްރޫއަކާ ދިމާ ނުވުމެވެ.
ޕީއެސްއައިޕީ އަށް ގެނައި ބަދަލުތައް ނިހާން އިއްވަވަމުން ގެންދެވި އިރު، ބައެއް މެމްބަރުން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ. އެ ގޮތުން، ޕީޕީއެމްގެ ބައެއް މެމްބަރުން ޝަކުވާ ކުރެއްވުމަށް ނިހާން ކައިރި އަށް ވަޑައިގެންނެވި އެވެ. އަދި ނިހާން ކައިރީގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދާ އެ ވާހަކަ ދެއްކެވި އެވެ. އެކަމަކު، އެ މެމްބަރުންގެ ވާހަކަ އަށް ނިހާން ވިދާޅުވީ އެ ކަންކަން މަޖިލީހުގެ ތަޅުމުގައި، އިސްލާހުތަކެއްގެ ގޮތުގައި ހުށަހެޅުއްވުމަށެވެ.
ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބަޖެޓަށް ގެނެސްފައިވާ ބައެއް ބަދަލުތައް މެމްބަރުން ބައްލަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ޖުމްލަ 26.8 ބިލިއަން ރުފިޔާގެ ބަޖެޓުން އަށް ބިލިއަން ރުފިޔާ (29.8 ޕަސެންޓް) ޕީއެސްއައިޕީ އަށް ހަރަދުކުރާނެ އެވެ. އެއީ އާއްމު ބަޖެޓުން 4.4 ބިލިއަން ރުފިޔާ އާއި ބޭރުގެ ލޯނުން 2.9 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ތެރެއިން 397.1 މިލިއަން ރުފިޔާ އެވެ.
އެންމެ ފުރަތަމަ މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު، ޕީއެސްއައިޕީ އަށް ބަޖެޓުކޮށްފައިވާ ފައިސާ ހަރަދުކުރަން ނިންމާފައި ވަނީ ޖުމްލަ 704 މަޝްރޫއަކަށެވެ. އެއީ އަލަށް ފަށާ 293 މަޝްރޫއަކަށް 2.9 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 5.36 ޕަސެންޓް) އާއި މިހާރު ކުރިއަށް ދާ 411 މަޝްރޫއަކަށް 5.1 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 63.6 ޕަސެންޓް) އެވެ. އެކަމަކު، ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު، ބަޖެޓުގެ ޖުމްލަ އަށް ބަދަލު ނަޔަސް، ހިންގާ މަޝްރޫއުތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެކަމަކު، އަލަށް ހިމަނާފައި ވަނީ ރަށު ލެވެލްގެ މަޝްރޫއުތަކެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ރަށްރަށުގެ ބަނދަރު ހެދުމާއި ނަރުދަމާ އެޅުމާއި މަސްމާރުކޭޓު ހެދުމާއި ބައެއް ތަންތަން މަރާމާތު ކުރުމެވެ. ގައުމީ ފެންވަރުގެ ނުވަތަ ބޮޑު މަޝްރޫއެއް، ޕީއެސްއައިޕީ އަށް ގެނައި ބަދަލުތަކުގެ ތެރެއަކު ނުހިމެނެ އެވެ.
ޕީއެސްއައިޕީގެ ބަޖެޓު، ސަރުކާރުން ފަހުން ގެނައި ބަދަލުތަކާ އެކު މަޖިލީހުގެ ކޮމިޓީން ފާސްކުރި އިރު، އާ މަޝްރޫއުތައް ހިމަނާފައިވާ އިދިކޮޅު ބައެއް މެމްބަރުން ވޯޓު ދެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޝަރީފާއި ނާޝިދު ހިމެނިވަޑައިގަންނަވާއިރު، އެ ދެ ބޭފުޅުން ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް މުޅި ބަޖެޓު ފާސް ކުރަން ފެންނަ ކަމަށް ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވޯޓު ދެއްވައިފަ އެވެ. އެކަމަކު، ޖޭޕީގެ އެއްވެސް މެމްބަރަކު ކޮމިޓީ އަށް މިއަދު ހާޒިރެއް ނުވެ އެވެ.
ކޮމިޓީން މިއަދު ބަޖެޓު ދިރާސާކޮށް ނިންމައި ފާސްކޮށްފައި ވާއިރު، ކޮމިޓީގެ ރިޕޯޓު އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އަދި އެ ދުވަހު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލލ
18 November 2016
ދައުލަތުގެ އިދާރާ އޮފީސް ތަކުގައި އެއާރކޯން ލިފުޓު ކަރަންޓު ސިޑި ހުންނަ އިރު މިސްކިތް ތަކުގައި މިފަސޭކަން ނުހުންނަނީ ކީއްވެބާ؟ މިސްކިތް ތަކުގައިވެސް އެއަރކޯން އާއި ކަރަންޓު ސިޑި ހުންނަން އެބަޖެހޭ!
މަރިޔަބު
18 November 2016
އެމީހަކު ބުނަން ބޭނުން އެއްޗެއް ލިޔެލާނެ ފުރުސަތު މި ކޮމެންޓްތަކުން ލިޔެލެވޭނަމަ، ރިޔާޒް ރަސީދުދެކެ ރައްޔިތުން އަންނަ ރުޅި ހާމަވެގެންދާނެ.
އިންސައިޑް
18 November 2016
ރާއްޖޭގެ ސަރުކާރު ހިންގާ މެކޭނިޒަމް އަށް ބަލާއިރު މިނިސްޓްރީ ތަކުގައި އިދާރީ މަސައްކަތް ކުރަން ތިބޭ މީހުން ގެ އަދަދު އެކްސްޓްރާ އޯޑިނަރީ ލެވެލް އަށް ވުރެން ގިނަ އެވެ. ކީއްކުރާ ޕީއެސް އެއްތޯ މަހަކު 45 ހާސް ރުފިޔާ ދީފައި ބައިތިއްބަން ޖެހޭ. ހަމަ އެކަނި އެސްޓީއޯ ވެހިކަލް ގަރާޖް ކުރި މަތީގައި ހުރި މިނިސްޓްރީން މާލެ ސަރަަހައްދުގައި މަސައްކަތް ކުރާ މީހުންގެ އަދަދު އެބައަރާ 700 އަށް ވުރެން މައްޗަށް. އެއީ ވަރަށް ބޮޑު އަދަދެކެވެ. ކުޑަ ރަށެއްގެ އާބާދީ އެކެވެ. އެމިނިސްޓްރީގައި ޑިރެޓަރުންގެ ފަތިވަރުގެ އަދަދުވެސް ގިނަ 200 އަށް ވުރެން. ސަރުކާރުގެ ސިވިލް ސާރވިސްގެ ސިޔާސަތަކީ ސެކްރެޓަރީ އަށް ވުރެން މައްޗަށް ދިޔައިމާ އަމިއްލަ އަތުން އެއްވެސް ކަމެއް ނުކޮށް އަމުރު ކުރަން ތިބެނީ އެވެ. މިބައި ސަރުކާރުގެ މިނިސްޓްރީ ތަކުގައި ގިނައީ. ހުރިހާ ބޮޑުންގެ ކަމަކީ ސަރުކާރުގެ ރިސޯސް ބޭނުން ކޮށްގެން ފޭސް ބުކް އަދި ޓްވިޓަރ އަށް ވަަދެ އިންޓަރނެޓް ސާރފް ކުރުމެވެ. މީ ސިވިލް ސާރވިސް ގެ ތެރޭން މިނިސްޓްރީ ތަކުގައި ތިބޭ ބޮޑުންގެ އިންސައިޑް ސްޓޯރީ. މިނިސްޓްރީން މުވައްޒަފުން ކުރާ އެއްވެސް މަސައްކަތެއް ނޯވެއެެވެ. ދަތް ކޮއްޓާލަން ވެސް އައުޓް ސޯސް ކޮށްފައި ހުންނަނީ. ދެން އޮންނަނީ ކަޓް ކެއުން. ބުނެ ކިޔައިގެން ކޮންޓްރެކްޓަރުން އަތުން މޭރީ ބްރައުން އިން ކާތަކެތި ގެނެސް ގެން އެބަކައޭ މިނިސްޓްރީ ތަކުގައި ތިބޭ ސިވިލް ސާރވެންޓުންގެ ބޮޑުން. މީ ދެން ވަރަށް ގޮތެއް ނެތީމާ ދޯ މިކަން ކުރާނީ. ގޮތެއް ނެތީތާ. މިކަން ކަން ބަލާ ދިރާސާ ކޮށް މިއަންނަ އަހަރު ސިވިލް ސާރވިސް ސްޓްރީމް ލައިން ކުރަން އެބަޖެހޭ ސަރުކާރުން. ވޭޖް ބިލް ހޭދަ ކުރަން ޖެހޭނީ ޓީޗަރުން އަދި ނަރުހުން އަދި ޑޮކްޓަރުން ފަދަ ޕޮޓެންޝަލް މީހުންނަށެވެ. އިދާރީ މީހުންނަށް ޚަރަދު ކުރަން ޖެހޭނީ ކުޑަ އެމައުންޓެކެވެ.
ރެވެނިއު
18 November 2016
ބަޖެޓުގެ ސީލިންގް ލެވެލް އަށް ބަދަލު ނުގެނެސް ބަޖެޓް ރިޝަފުލް ކުރުން އެއީ ރަނގަޅު ކަމެއް. އެކަމަކު އެގޮތަށް ރިޝަފުލް ކުރާއިރު ޖެހޭނެ ޕީއެސްއައިޕީން ކުރެވޭ އިންވެސްޓްމަންޓް އަކީ އޭގެ ރިޓާން ލިބޭނެ އެއްޗިއްސަށް ވާން. ރާއްޖެތެރޭގައި ބަނދަރު ހަދާފައި ހިލޭ ބަނދަރު ބޭނުން ކުރަން ދީގެން ނުވާނެެއެވެ. އެކަށީގެންވާ އަގު ނަގަން ޖެހޭނެ ބަނދަރުގައި އޮޑި ދޯނި ފަހަރު އަޅާނަމަ. އަދި ބަނދަރުގައި ސެކިއުރިޓީ ވެސް ކުރަން ޖެހޭނެއެވެ. މިފަދަ ކަންކަން ކުރަން މަޖްލީހުގެ މާލިއްޔަތު ކޮމެޓީން ވިސްނާ ތޯއެވެ.
ކީއްވެތަ
18 November 2016
ސަރުކާރުގެ ބަޖެޓުން އާބާދީ ކުޑަ ރަށްރަށަށް ޕީއެސްއައިޕީގެ ދަށުން ޚަރަދު ކުރުން ހުއްޓާލަން ޖެހޭނެ އަންނަ އަހަރުން ފެށިގެން. ކުދި ކުދި އާބާދީ ހިމެނޭ ރަށް ރަށުގެ މީހުން ހުޅުމާލެ އަށް ބަދަލު ކުރުމަށް ޓަކައި ސަރުކާރުން ވަރަށް އެގްރެސިވް ކޮށް މިކަން ކުރަން ޕްލޭން ކުރަންވީއެވެ. މިޕްލޭންގެ ދަށުން 3000 އިން ދަށުގެ އާބާދީ ތައް ހިމެނޭ ހުރިހާ ރަށް ރަށު މީހުން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ޓަކައި އަހަރަކު މާލެ ސަރަހައްދުން ކުއްޔަށް ދޭން ޖެހޭނެ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 5000 ހައުސިންގް ޔުނިޓްސް. އެއިރުން މާލެ ސަރަހައްދަށް އަހަރަކު 5000 މީހުން ބަދަލު ކުރެވޭނެ ނޫންތޯއެވެ. މިގޮތަށް މިމަސައްކަތް މެދުނުކެނޑި ކުރާތާ 10 އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ވަރަށް ރަނގަޅު އަސަރު ކުރާނެއެވެ. މިކަން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވެސް އަދި މަޖްލީހުގެ އިގްތިސާދީ ކޮމެޓީން ނުވިސްނަނީ އެއީ ކީއްވެގެންތޯއެވެ.
ޢަލީމޫސާ
18 November 2016
ކޮބާ އައިހެވަން .ސެފްޓެންބަރު މަސް ނިމިދިޔައީ ނިކަން އަޑަށް ބާރުލައިފަ ބުނި 2016 ސެންފްޓެއްބަރގަ ހިންކާނަމޭ. ކޮބާ ހޯރަފުށީ ދާއިރާގެ އެއާރފޯޓް.. ބަޖަޓްގަ މާފަހުން އިއުލާނުކުރި ތަންތަން ބަޖަޓްގ އޮތީ. މެންބަރ މަޖިލިސް ތެރޭ އަދިވެސް ރައީސް މީހާއަށް ސަނާކިއުމްގަ. ޥ ސަލާމް
ޙޯރަފުށި
18 November 2016
ކޮބާތޯ ހޯރަފުށީ ދައިރާ މެންބަރު ؟ 2017 ބަޖަޓްގަ ހޯރަފުށްޓަށް އެއްވެސް ކަމެއް ނެތް އިރު މަނިކުފާނު ތި އިންނަވަނީ ރަށްއިތުން ކައިރީ އެއާރފޯޓެއް އަޅާނޭ ކިޔާގެން މަޖިލިސް ތެރޭ ހަނު.
ލިމިޓްސް
17 November 2016
އާސަންދަ ވެސް މިހާރު އެދަނީ އެމްޑީޕީ އަޑީގައި އޮވެގެން އޭގެ ލިމިޓް ލެސް އުސޫލުންނެވެ. އާސަންދައިގެ ޚަރަދު ވަރަށް ބޮޑެވެ. އަމިއްލަ ކްލިނިކްސް ތަކަށް އާސަންދަ ދީފައިވާ އިރު އަމިއްލަ ކްލިނިކްސް ތަކުން އެއްގޮތަކަށް ވެސް ބަލި މީހުންނަށް ދޭން ޖެހޭ ފަރުވާ އެއް އެއްގޮތަކަށް ވެސް ނުދީ ގިނަ ބަލި މީހުން ބެލޭ ތޯ ބަލަނީ އެވެ. އެއިރުން ޑޮކްޓަރަށް ދައްކާ މީހުން ގިނަވުމުން އާސަންދައިގެ ތެރޭން ގިނަ އަދަދެއްގެ ފައިސާ ޕަންޕް ކުރެވޭނެ ނޫންތޯއެވެ. އާސަންދަ ވެސް ދީގެން ނުވާނެ އާސަންދައިން ޚަރަދުކުރާ ކޮންމެ ޕޭޝަންޓަކު ކޮންމެ އަހަރަކު ފެށުމުން ސައިކަލް އަހަރީ ފީ ދައްކާ އުސޫލުން އަހަރަކު 3 ހާސް ރުފިޔާ ދައްކަން އެންސްޕާއަށް. އެއިރުން އެންސްޕާގެ ކާރޑް ލިބޭނީ. އެން ސްޕާ ލިމިޓް ލެސް އުސޫލުން ކުރިއަށް ނުގެންދެވޭނެ އިންކަމް ޓެކްސް ނޫން ވިޔަފާރިވެރިން ނޮޅާލިއަސް. އެން ސްޕާ އިން ދޭ ޚިދްމަތް ތައް އަމިއްލަ ކްލިނިކްސް ތަކަށް ދީގެން ނުވާނެ. އެ ދޭން ޖެހޭނީ އަމިއްލަ ހޮސްޕިޓާ ތަކަށް އެކަނި އެވެ.
ބިގޭ
18 November 2016
ތެދެކެވެ. މިބޭފުޅުންނަކީ މުއްސަނދިން ވީމާ ބޮލުގެ އިސްތަށްޓެއްގައި ރިއްސާލިޔަސް ސިންގަޕޫރުން އެމެރިކާއިން ބޭސްފަރުވާ ކުރެވިދާނެއެވެ. އަހަރެމެން ނިކަމެތި ރައްޔިތުންނަށް އާދައިގެ ކްލިނިކަކުން ފަރުވާ ހޯދުންވެސް ވަނީ ހާދަ ބޮޑު ކަމަކަށެވެ. އެކަމަކު އަހަރެމެން އަތުން އެކިއެކި ނަންނަމުގައި ޓެކްސް ނަގާ ނިކަމެތިކޮށްފައި ދެންއަދި ތިޔަ އާސަންދަވެސް ނުދޭންވީ ހެއްޔެވެ؟
ރައްޔިތު
17 November 2016
ރައްޔިތުންގެ މަޖިލީހަކީ: 1. ބަޖެޓް ފާސްކުރުމުގެ ބާރު އޮތްތަނެއް 2. ބަޖެޓްތައްޔާރުކޮށް ހުށަހެޅުން މި އޮންނަނީ ސަރުކާރަށް. ބަޖެޓްތައްޔާރުކުރަނީ ސަރުކާރުގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމަށް. ބަޖެޓް ތައްޔާރުކުރުމަކީ ޓެކްނިކަލް ކަމެއް. މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކުޑަކުރުމުން ކަންބޮޑުވާއިރު އެމީހުން މުޅިއަހަރު ކުރީ ކޮންކަމެއްތޯވެސް ރައްޔިތުން މަޖިލީހަށް ބަލާނުލެވޭ. 3. ސަރުކާރުން ހުށަހަޅާ ބަޖެޓް ކަމު ނުދައްޏާ ފާސް ނުކުރާނީ. ބޭނުންހާ ގޮތަކަށް މޮޑުމުގެ ބާރެއް މަޖިލީހަކަށް ނޯންނާނެ!
އަލިފުބާގަ
17 November 2016
މިގައުމުގަ ހަމައެކަނި އޮންނަންވީ ރައްޔިތުންގެ މަޖްލިސް! އެއީ ބަޔަކީ. ބޯ ހަލާކު!