ޚަބަރު

ކޮވިޑް-19: އައްޑޫގައި ޖަމާއަތުގައި ނަމާދުކުރުން އަނެއްކާ ވެސް މެދުކަނޑާލައިފި

މަރަދޫގެ މިސްކިތެއް.

އައްޑޫގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ،މިއަދުގެ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި އެވެ.

އައްޑޫގައި ކުރިން ވެސް ކޮވިޑާ ހެދި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ރޯދަމަހު އެވެ.

އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ 1 އިން ފެށިގެން އެ ސިޓީ އަށް އަރައިފޭބުން އޮތީ މަނާކޮށްފަ އެވެ. މި މަހުގެ 7 އިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 ކާފިއު ހިންގާއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން ކާފިއުގެ ވަގުތު ވަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށް އިތުރުކޮށްފަ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނިގޮތުގައި މި ވަގުތު އައްޑޫގައި ކޮވިޑްގެ ކޮންޓްރޯލް ކުރަން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރިތޯ ބެލުމަށްޓަކައި އެ ތަންތަން އިންސްޕެކްޓް ކުރަމުން ގެންދިއުމާއި ގައިޑްލައިނާ ހިލާފަށް ހުރި ތަންތަނަށް ފިޔަވަޅުއެޅުން ހިމެނެ އެވެ.

އަދި ކާފިއުގެ ވަގުތުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާ ނަމަ އީއޯސީގެ ހުއްދަ ނެގުމާއި ހުއްދައަކާ ނުލައި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އެޅުމާއި އެއް އަވަށުން އަނެއް އަވަށަށް ނުދިއުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި ގޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެއަށް ނުގެންދިއުމަށް އެ އިދާރާ އިން ވަނީ އަންގައިފަ އެވެ.

މިދިޔަ މަހުން ފެށިގެން އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ އިރު އީއޯސީން ރޭ އާންމުކުރި އެންމެ ފަހުުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ވަގުތު އައްޑޫގައި ކޮވިޑް ޖެހިފައިވާ 98 މީހަކު އެބަތިއްބެވެ. އިއްޔެ އެކަނި ވެސް 15 މީހަކު އެ ބައްޔަށް އަލަށް ޕޮޒިޓިވްވެ، އެޑްމިޓްކޮށްގެން ފަރުވާ ދެނީ އެކަކަށެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު ކޭސްތައް އެންމެ ގިނައީ ހުޅުދޫގަ އެވެ. އެ އަވަށުން ބަލި ޖެހުނު މީހުންގެ އަދަދު 52 ގައި އޮތް އިރު، ހުޅުދުއާ އެއްފަސްކޮށް ގުޅިފައި އޮންނަ މީދޫގެ ކޭސްތަކުގެ އަދަދަކީ 11 އެވެ.

ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ހިތަދޫގައި ކޮވިޑަށް ޕޮޒިޓިވް 27 މީހަކު ތިބި އިރު ފޭދޫގައި ހަ މީހަކު އެބަތިއްބެވެ. އަދި މަރަދޫފޭދޫގެ އެކްޓިވް ކޭހުގެ އަދަދަކީ އެކެކެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން ކޮވިޑްގެ އެއްވެސް ކޭހެއް ނެތީ މަރަދޫގަ އެވެ. އައްޑޫގައި މި އަހަރުގެ ފެބްރުއަރީ މަގުގެ ތެރޭގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވި އިރު، މަރަދޫން އެއްވެސް މީހަކަށް އެ ބަލި ނުޖެހެ އެވެ.

އައްޑޫ މޮނިޓަރިން އަށް ގެނައި ފަހުން މިހާތަނަށް 1،813 ސާމްޕަލް ނަގާފައިވެ އެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 303 އަށް އަރަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454