ހައި ކޯޓު: ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރަން އެ ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
16 މެއި 2021 - 17:02
ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން އެވެ. އޭނާ އެ އިންތިޚާބު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުއާ ވާދަކޮށް، އެއް ވޯޓުގެ ތަފާތުންނެވެ. އިރުޝާދުގެ ފަރާތުން އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނުނިމެނީސް، ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް ހުވާކޮށްގެން އިރުޝާދުގެ ހައްގަށް އުނިކަން އަތުވެދާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓުން ނިމެންދެން، ފިއްލަދޫ ކައުންސިލްގެ ރައީސް މަގާމުގެ ހުވާ ކުރުން ފަސްކުރަން އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުުން އަމުރުކުރީ ކަމަށް އެ އަމުރުގައިވެ އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަހީދެވެ.
މީގެކުރިން ހައި ކޯޓުން ވަނީ ގއ. ކޮނޑޭ ކައުންސިލްގެ އިންތިޚާބީ ރައީސް ހުވާ ކުރުން ފަސްކުރަން ވެސް އަމުރުކޮށްފަ އެވެ. ހައި ކޯޓުން އެގޮތަށް އަމުރު ނެރުނީ އަލަށް ހޮވުނު ކައުންސިލްތަކުގެ މެމްބަރުން ހުވާ ކުރުން މާދަމާ ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ.
އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ ދަށުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަން ޖެހޭއިރު، އެ ބާވަތުގެ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ވެސް ޤާނޫނު ލާޒިމް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1235
16 May 2021
"ވޯޓުން ނުވިއްޔާ ކޯޓުން" ޕީ.ޕީ.އެމް ގެ ލޮޖިކް