ލިސްޓުގައި ތިބީ ޕާސަންސް އޮފް އިންޓަރެސްޓް. ތަހުގީގު އަވަސްކޮށް، އޭގެތެރެއިން ތުހުމަތުކުރެވޭ އެންމެންނާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައީސަށް މިވަގުތު އެންމެ މުހިންމު އެއް ކަންތައް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި. -- ފޮޓޯ: ރައީސް އޮފީސް
18 މެއި 2021 - 13:47
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންގެ ލިސްޓުގެ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ. އަދި މި ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ހުށަހަޅާ ގޮތަށް 241 ކޮމިޓީން ނިންމާފައިވެ އެވެ.
ނަމަވެސް ކޮމިޝަން އުފެއްދިފާ ދެ އަހަރު ފަހުން ހެދި މި ލިސްޓުން ދައްކާ ގޮތުގައި އޭގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ނުފަށާ މީހުންނެވެ. ގިނަ މީހުންގެ މައުލޫމާތު ގޮޅީގައި އޮތީ "އިންފޮމޭޝަން ކަލެކްޝަން" ނުވަތަ އަދިވެސް މައުލޫމާތު އެއްކުރަމުން ދާ ކަމަށެވެ. ތަހުގީގު ކުރިއަށްދާ ކަމަށް އޮތީ އެންމެ 24.7 ޕަސެންޓްގެ އެވެ.
ލިސްޓުގައި ނަން އޮތް، ސަރުކާރު މަގާމުތަކުގައި ތިބި މީހުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ލިސްޓުގައި ހުރި ނަންތަކަކީ "ޕާސަންސް އޮފް އިންޓަރެސްޓް" ނުވަތަ މައްސަލާގައި ހިމެނޭތޯ ތަހުގީގުކޮށް ބަލަންޖެހޭ މީހުން ކަމަށެވެ. ޚިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން އެނގޭނީ ތަހުގީގުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ތިބީ ޕާސަންސް އޮފް އިންޓަރެސްޓް. ތަހުގީގު އަވަސްކޮށް، އޭގެތެރެއިން ތުހުމަތުކުރެވޭ އެންމެންނާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައީސަށް މިވަގުތު އެންމެ މުހިންމު އެއް ކަންތައް،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަހުގީގަށް ފަހު ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އެ މައްސަލައެއްގައި ކޯޓުގައި ދައުވާކުރުމާ އެކު ސަރުކާރުން ފިޔަވަޅު އަޅާނެ އެވެ. އަދި ކޯޓު މަރުހަލާ ނިމެންދެން ފިޔަވަޅު ނާޅައި ސަރުކާރުން މަޑު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ލިސްޓުގައިވާ ނަންތަކުގެ ތެރެއިން ވަގުތުން ވަކިކުރެވޭ ފަދަ މަގާމުގައި ތިބި ކަމަށް ފެންނަނީ މަދު ބައެކެވެ. އެއީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންނެވެ. ލިސްޓު އާންމުކުރުމާ އެކު އޮޑިޓާ ޖެނަރަލް މަގާމުން އިސްތިއުފާ ދެއްވިޔަސް، އެހެން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުތަކުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ ތެރެއިން އެތައް ބަޔަކު ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް މިއީ އިންތިހާބީ މަގާމުތަކަށް ވާނީ އެ ބޭފުޅުން މަގާމުން ވަކިކުރެވޭކަށް ނެތެވެ. ދެން ހުރީ ކުރީގެ ބައެއް ފަނޑިޔާރުންގެ ނަންތަކާއި މިނިވަން މުއައްސަސާތަކުގެ ކުރީގެ ބައެއް މެންބަރުންނެވެ.
މި ލިސްޓުން އަދި އެތައް ބައެއްގެ ނަން އުނިވެދާނެ ކަމަށާއި މީގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނިންމައިގެން ނުވާނެ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ތަހުގީގު ނުކޮށް އޮއްވައި، ލިސްޓު އާންމުކުރުމުން އޭގައި ހިމެނޭ އެންމެންނަކީ ޚިޔާނާތްތެރިން ކަމަށް ލޭބަލްވުމުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
18 May 2021
ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުން ޖަހާހާ ބެރަކަށް ރައްޔިތުން ނަށާކަށް ނުޖެހޭނެ! ހަގީގަތަކީ ޖިނާޢީ މައްސަލައަކާއި ގުޅިގެން ޝަރުޢީ ހުކުމެއްނެތި އެއްވެސް ޕާޓީއަކަށްވެސް އެއްވެސް މުއައްސަސާއަކަށްވެސް މީހަކަށް ފިޔަވަޅެއް ނޭޅޭނެ!
އަލީ އަރީފް
18 May 2021
އަޅުގަނޑަކަށް ހިއެއްނުވޭ ތިކަންވެސް ކުރެވިދާނެހެން.ހުކުމް ކުރެވޭނީ ހަމައެކަނި ނިކަމެތިންނަށް..
ސަޓަނިބެ
18 May 2021
އަނެއްކާވެސް އަނެއް އިންތިހާބަކަށް ފާޅުވާނެ…
ހަމަ އެކައްޗެއް
18 May 2021
ޑޮލަރުމާރުކުރަން އަދީބެއްގެ އަތުން ޑޮލަރު ހޯދުން.....، މަތީ މަގާމެއްގަ ހުރެފަ ކޮންސިއުލައެްގެ "ހިލޭ" އެހީގަ ޖެޓް ހަޔަކޮށްފަ ޔޫރަޕައްކަނޑާލުން....މިހުންނަނީ އާދައިގެ ނަންނަމުގަ ހިންގާ ބޮޑަތި ރިޝްވަތުގެ އަމަލުތަކެއްނޫންތަ. މޫނުމަތި ރީތިކޮއްފަ، ސައިހޮޓަލައްވަދެ ހެޔޮވެރިކަމޭ ކިޔާފަ، މަސްއޫލިައޔްތޭ ކިޔާފަ ޓްވީޓުކުރީމަ ހީކުރަނީ ރައްޔިތުން ތިބޭނޭ ގަބޫލުކޮއްގެން.
ރާއްޖެ
18 May 2021
މިއީ އެކޮޅު ކޮޅުން ގައުމު ހިންގަން އުޅޭ ސަރުކާރެއް.
ޢިބޫ
18 May 2021
މިހާރު އެގިއްޖެ މިއޮތް ހުރިހާދުވަހު މިލިސްޓެއް ފޮރުވާގެން މިއުޅުނީ ސަރުކާރުން. މަޖިލީހުން ހާމަކުރީމަވެސް ނުކެރުނު ފިޔަޅު އަޅާކަށް. ހާދަ ދޯދިޔާ ސަރުކާރެކޭ.
ބައިރޯ
18 May 2021
ތިތަހުގީގު ދުވަހަކުވެސް ނުވާނެ ކޮބާ އަޡޟަ ޝޫކޫރުގެ މައްސަލަ އެބަބެލޭތަ؟
ފަރި ކަމަނާ
18 May 2021
ސަރުކާރަށް ގެއްލިފަ އޮތް އިތުބާރު ހޯދުމަށްޓަކައި އިންވެސްޓިގޭޓް ވެސް ނުކޮށް، ބައެއްގެ ނަން ހިމަނައިގެން ބޮޑު ލިސްޓެއް ހަދައި އާއްމުކުރުމަކީ ވެސް ސަރުކާރުގެ ބޮޑު ފެއިލިއާއެއް. ލިސްޓަށް ބޭނުން ބައެއްގެ ނަން އުނި އިތުރުވަމުން ދިޔައީ ސަރުކާރުން ބޭނުން ގޮތަކަށް. އެހެން ކަމުން ކޮބާތޯ އޮތް އިތުބާރަކީ "އިންވެސްޓިގޭޝަން" އަށް ފަހު ނެރޭ ލިސްޓް ރަނގަޅުވާނެ ކަމެއް. ބޯ ހަލާކު.
ހިތަދޫ ހުސެން
18 May 2021
އެއީ ސަރުކާރުގެ އަމާޒް، ކޯޓަށް މީހުން ނުދަމާ ރައްޔިތުން އަމިއްލަޔަށް ޖަޖް ކުރުވަން. ދެން އެކަކު އަނެކަކަށް ވަގަށް ގޮވާލަ ތިބެދާނެ މިމީހުން ހަމަ ކެއުމުގަ، 4ލައްކަ އާބާދީ ކޮވިޑް ފަނޑު 3 ބިލިއަން ހަރަދު ކޮއްފިޔޯލާ އަދިވެސް ލޮކްޑައުން ކުރަންޖެހޭ ހާލުގަޔޯ މިތިބީ!!!
ޠތފފ
18 May 2021
އަކުރަމް ކަމާލުއްދީން އިސްތިއުފާ. ތިޔަ ގޮތަށް ދައުރު ނިމެންދެން ތަހުގީގު އޭ ކިޔާފަ ތިބޭނީ. ވަކިކުރޭ.ދެން އެހެންވިޔާ އަލީ ވަހީދު ކީއްވެ ވަކިކުރީ. ދުނިޔޭގެ ގައުމުތަކުގަ މިކަން ކުރާ ގޮތަކީ އަމިއްލައަށް ވަކިވުން ތުހުމަތު ކުރާނީ ވެސް ކަމެއް ވެގެން.
ނވފމ
18 May 2021
އެވައްޓޭވެސް ޖެހޭނެ ތިހެންވީރު އިސްތިއުފާދޭން. ސާބެގެ ނަންއޮތް ލިސްޓެއްވެސް ދެކުނީން. ހަސަން ލަތީފުގެ ނަންވެސް އޮތް މި ލިސްޓުގަ. މީގަ އެންމެ މަޖާކަމަކީ މީގެ ތެރަށް މަޖިލިސް އަތްބާނާ މިލިސްޓުތައްވެސް މުޑުދާރުކޮއްފައޮްތްކަން. ބޭނުންވާ ނަންތައް ކަނޑާ ނަންތައް އިތުރު ކުރިވާހަކަވެސް އަޑުއިވޭ އެހެންނޫނަސް ޑޮލަރުމާރުކުރަން ބައެއްގެ އަތުން ޑޮލަރު ހޯދުމަށްވުރެ، މަތީ މަގާމެއްގަ ހުރެފަ ކޮންސިއުލަ އެްގެ ޚަރަދުގަ ޖެޓް ހަޔަކޮށް ޔޫރަޕައްކަނޑާލުންމާ ކޮރަޕަޓް.
އެދުރުކަލޭގެފާނު
18 May 2021
ތިޔަ ލިސްޓަށް ފިޔަވަޅު އަޅާނެ ކަމެއްނެތެވެ. ތިޔަ ލިސްޓްގައި ތިބި މީހުންނަށް އަދިވެސް ސަރުކާރުގެ ތެރެއިން އާރާއި ބާރުދޭށެވެ. އެއްވެސް ޚަރުދަނާ ކަމެއްނެތް ވެރިކަމެއްގެ ނިމުން މިހަރަގެން ފެންނަނީއެވެ. މިސަރުކާރަކީ މުޅި އެމްޑީޕީގެ އާއްމު މެމްބަރުންގެ ތަސައްވުރު ވެއްޔާ މޮޑުނު ސަރުކާރެކެވެ. ހަރުކަށި ކަމާއި ދީނީ ބައިބައިވުމަށް ފުރުޞަތު ދިނެވެ. ސަރުކާރު ކުންފުނިތަކަށް އެމްޕީން އަދި ކުންފުނިތަކުގެ އެމްޑީން ބޭނުންގޮތެއް ހަދަންދިނެވެ.