އެމްޖީއެމްގެ ލޯގޯ.
19 މެއި 2021 - 08:42
ހޮލީވުޑްގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޖީއެމް (މެޓްރޯ ގޯލްޑްވީން މޭޔާ) ގަންނަން މަހުޖަނު ޖެފް ބެޒޯސްގެ އެމެޒޯނުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިފޯޓްތައް ބުނެފި އެވެ.
ވެރައިޓީން ބުނި ގޮތުގައި މިކަމާ ބެހޭ ގޮތުން ދެ ކުންފުނީގެ މެދުގައި މިހާރު މަޝްވަރާތައް ކުރިއަށްދާތާ މަހެއްހާ ދުވަސް ވެދާނެ އެވެ. އެކަމުގައި އިސްކޮށް އުޅެނީ އެމްޖީއެމްގެ ބޯޑްގެ ޗެއާމަން ކެވިން އަލްރިޗާއި އެމެޒޯން ޕްރައިމް ސްޓޫޑިއޯސް/އެމެޒޯން ޕްރައިމް ވީޑިއޯގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މައިކް ހޮޕްކިންސް އެވެ. އެކަމަކު އެމްޖީއެމާއި އެމެޒޯނުން ވެސް މިކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.
Amazon is weeks into negotiations on a deal to acquire MGM for about $9 billion, according to industry sources. https://t.co/6WF1tLd1yh
— Variety (@Variety) May 17, 2021
ވެރައިޓީން ބުނީ އެމްޖީއެމުން އޮތީ 7-10 ބިލިއަން ޑޮލަރާ ދޭތެރޭ އަގަކަށް އެމެޒޯނަށް ކުންފުނިން ވިއްކައިލަން ތައްޔާރަށް ކަމަށާއި އެމެޒޯނުން މަދުވެގެން މިކަމަށް ނުވަ ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެމްޖީއެމް އަކީ ފިލްމާއި ޓީވީ އުފެއްދުންތަކުގެ ލައިބްރަރީ އަށް ބަލާ އިރު ކޮންޓެންޓް އެންމެ މުއްސަނދި އެއް ކުންފުންޏެވެ. އޭގެ ފިލްމު ކޮންޓެންޓްގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ. އަދި ޓީވީ ކޮންޓެންޓްގެ އަދަދު 17،000 އަށް ވުރެ ގިނަ އެވެ.
އެމްޖީއެމް އަކީ ޓޮމް އެންޑް ޖެރީ އާއި ޖޭމްސް ބޮންޑް ފިލްމުތަކުގެ ވެރި ފަރާތެވެ. މީގެ އިތުރުން މަޝްހޫރު އެތައް ޓައިޓްލްއެއް އެމްޖީއެމްގެ ތައްގަނޑުގައި އެބަހުއްޓެވެ.
އެމެޒޯނުން އެމްޖީއެމް ގަންނަން މަސައްކަތްކުރަމުން އަންނަ އިރު، އެ ކުންފުނީގެ އެމެޒޯން ޕްރައިމް ވީޑިއޯ އަކީ މިހާރު ސްޓްރީމިން ސާވިސްގައި އެންމެ ނަގާކިޔާ އެއް ކުންފުންޏެވެ. އެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 200 މިލިއަނަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy