އައިއީޑީއެއް ކަމަށް ބުނާ އެއްޗަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް، ދައުވާ ލިބުނު ފަރާތުން ބުނޭ. ހުކުމުގައި ވެސް އައިއީޑީ އަކީ އަސްލެއްކަން އެކްސްޕާޓުންގެ ބަހުން ކަށަވަރު ނުކުރެވޭކަން ފާހަގަކުރި
މުލީއާގެ ކައިރިން ފެނުނު ކަމަށް ބުނާ އައިއީޑީ
23 މެއި 2021 - 12:22
މުލީއާގެ ކައިރިން 2015 ވަނަ އަހަރު ފެނުނު ކަމަށް ބުނާ އައިއީޑީ އަކީ އަސްލު އެއްޗެއްކަމާ މެދު ސުވާލު އުފެދޭ ގިނަ ކަންތަންތަކެއް ހުރިކަން ސާބިތުވާތީ، މި އައިއީޑީ ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި މީހުންގެ ތެރެއިން ތަލްއަތު މުހައްމަދުގެ ހުކުމް ސުޕްރީމް ބާތިލްކޮށްފި އެވެ.
ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ހިނގި ކަންކަމުގެ ތެރޭގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގޭ ކައިރިން ފެނުނު "އައިއީޑީ" އެތަނުގެ ބޭއްވި މައްސަލާގައި ތަލްއަތަކީ 17 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އައިސްފައިވާ މީހެކެވެ.
އައިއީޑީ ބޭއްވިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ހުކުމުގައި އެކަކު 20 އަހަރަށް އަދި ތިން މީހަކު 17 އަހަރަށް ޖަލަށް ލާން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރި އެވެ.
އަމިއްލައަށް ތައްޔާރުކުރި ބޮމެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި އުޅުނު މައްސަލާގައި ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. މީގެ ތެރެއިން މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، ދެން ތިބި ތިން މީހުންނަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.
އިސްތިއުނާފު މަރުހަލާގައި މީގެ ތެރެއިން މަމްދޫހު ސަލާމަތްވެފައި ވާއިރު ތަލްއަތުގެ މައްސަލާގައި ވެސް މަމްދޫހުގެ މައްސަލާގައި ހުރި ކަންކަން ހަމަ އެގޮތަށް ހުރުމުން ހުކުމް ބާތިލްކުރަންޖެހޭ ކަމަށް ތަލްއަތު ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް މަމްދޫހަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ކަމަށް ވާއިރު ތަލްއަތަށް ކުރީ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އެވެ. އެކަމަކު ހުރީ އެއް ހެކިތަކެކެވެ.
މުލީއާގެ ކައިރީ ބޮން ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި ތަލްއަތު މުހައްމަދު މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވަނީ
މަމްދޫހު އެންމެ ފުރަތަމަ ވެސް ކުށަށް އިންކާރުކޮށް ދިފާއުގައި ހެކި ހުށަހެޅި އެވެ. ތަލްއަތު އިންކާރުކޮށްފައި އޮތީ ބޭއްވި އެއްޗަކީ އައިއީޑީއެއް ކަމަށް ބުނާ ބުނުމަށެވެ.
ދަށު ކޯޓުގައި ތަލްއަތު ވަނީ އައިއީޑީއެއް ކަމަށް ބުނާ އެއްޗަކީ އަސްލު އެއްޗެއް ނޫން ކަމަށާއި އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ސިފައިންގެ ތެރެއިން ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ހާޒިރުކޮށް ނެގި ބަޔާންތަކަށް ފަހު ކޯޓުން ނިންމާފައި އޮތީ އެއީ އަސްލު އެއްޗެއް ކަމަށެވެ. އަދި އެއީ ގޮވުމުގެ ގާބިލްކަން ހުރި އެއްޗެއް ކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ ދައުވާގެ ސީޣާގައި ބުނާ ގޮތަށް، ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ވާނީ އައިއީޑީ ކަމަށް ބުނާ އެއްޗަކީ އަސްލެއް ކަމަށް ވެގެން ކަމަށެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް، އެއީ ގޮވުމުގެ ގާބިލްކަން ހުރި އަސްލު އައިއީޑީއެއް ކަމަށް އެކްސްޕާޓުން ނުވަތަ ޚަބީރުންގެ ބަހަށް ނިންމާފައި ވާތީ ސުޕްރީމް ކޯޓުން ވަނީ ޚަބީރުންނަކީ ކޮބައިކަމާއި އެ މީހުންގެ ހެކި ބަސް ޝަރީއަތަށް ބަލައިގަތުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކޮށްފަ އެވެ.
އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ބެހޭ ގޮތުން އެކްސްޕާޓް ދެއްކި ވާހަކަތަކާ ބެހޭ ގޮތުން ހުކުމުގައި ބުނީ އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި އެ އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ބެހޭ ވާހަކަތާއި އެކްސްޕާޓަކަށް ހާޒިރުކުރި އަދި ރިޕޯޓްގައި ސޮއިކޮށްފައި އޮތް ވޮރަންޓް އޮފިސަރު އަހްމަދު ޚަލީލް ދެއްކި ވާހަކަ ދިމާނުވާ ކަމަށެވެ. އެ ރިޕޯޓްގައި އަހްމަދު ޚަލީލް ސޮއިކޮށްފައި އޮތަސް ރިޕޯޓް ތައްޔާރުކުރީ އެހެން ބަޔަކު އެވެ.
އައިއީޑީއެއްގައި އެންމެ މުހިންމު އެއްޗަކީ މަދަބޯޑެއް ކަމަށް އެކްސްޕާޓް އޮޕީނިއަން ރިޕޯޓްގައި އޮތަސް އަހްމަދު ޚަލީމް ބުނެފައި ވަނީ އައިއީޑީ ހަދާފައި އޮތީ ރިމޯޓުން ގޮއްވާލެވޭ ގޮތަށް ކަމަށާއި އެހެންވެ މަދަބޯޑަކީ ކޮންމެ އައިއީޑީއަކަށް އަސާސީ އެއްޗެއް ނޫން ކަމަށެވެ. އަދި އޭގައި ބޭނުންކޮށްފައިވާ ގޭސް ޓިއުބްގައި ހުރީ ކޯއްޗެއްކަން ވެސް ދިރާސާކޮށްފައި ނުވާ ކަމަށް އެކްސްޕާޓް ވަނީ ބުނެފަ އެވެ.
މެއިންޗާޖަކަށް ބޭނުންކޮށްފައި އޮތް ކަމަށް ބުނާ ސްޓިކް ޑައިނަމައިޓަކީ އަސްލު އެއްޗެއް ކަމަށް އެކްސްޕާޓް އޮޕީނިއަންގައި ނިންމާފައި އޮތީ ލޭބަަލަކަށް ބަލައިގެން ކަމަށާއި އެކަން އިތުރަށް ބަލާފައި ނުވާކަން ވެސް ޝަރީއަތުން ފާހަގަކުރި އެވެ. ބޭނުންކޮށްފައި އޮތް ސްޓިކް ޑައިނަމައިޓަކީ ސިފައިންގެ ތަމްރީންތަކުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށް އެކްސްޕާޓް ބުނެފައި ވާއިރު ދައުވާ ލިބުނު މީހުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށް މިކަމުން ލިބޭ ބާރަށް ޝަރީއަތުން ބަލާފައި ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.
އެއީ މި ކަމަކީ "ސިފައިންގެ އިސް ވެރިން ކުޅުވި ޑްރާމާއެއް" ކަމަށް، މައްސަލާގައި ދައުވާ ލިބުނު މީހުން ކޯޓުގައި ބުނަމުން ގޮސްފައިވުމުން ކަމަށް ހުކުމުގައިވެ އެވެ. އައިއީޑީ ކަމަށް ބުނާ އެތި ބޭއްވީ ސިފައިންގެ ތެރެއިން ބަޔަކު ބުނެގެން ކަމަށްވާ ނަމަ، އަދި ބޭނުންކޮށްފައިވަނީ ސިފައިންގޭގައި ގެންގުޅޭ ފާޑުގެ ސްޓިކް ޑައިނަމައިޓެއް ކަމަށް ބުނާ ބުނުން އިތުރަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
އިތުރު އެހެން ކަންކަން ފާހަގަކުރަމުން، އައިއީޑީ ކަމަށް ބުނާ އެތި ގޮވައިފި ނަމަ ލިބޭނެ ގެއްލުމެއް ވަޒަންކުރި ގޮތެއް ވެސް ނޭނގޭ ކަމަށާއި އައިއީޑީ ނައްތާލުމުގައި އަމަލުކުރި ގޮތެއް ވެސް ލިޔެކިޔުމެއް ވެސް ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައި ބުންޏެވެ. ސިފައިން ބުނެފައިވާ ގޮތުގައި އެ އައިއީޑީ ގޮއްވާލައިފި ނަމަ 60 ވަރަކަށް ފޫޓަށް އޭގެ އަސަރު ފޯރާނެ އެވެ. ނަމަވެސް ހުކުމުގައި ބުނީ ބޮޑު ގެއްލުމެއް ވެދާނެ އެއްޗެއް ކަމަށް ބުނި ނަމަވެސް އައިއީޑީ ކަމަށް ބުނާ އެތި ބާއްވާފައި އޮތް ހިސާބުގައި އުޅޭ އާންމުން ދުރަށް ގެންދިއުމާއި ޕާކްކޮށްފައި ހުރި ވެހިކަލްތައް ދުރަށް ގެންދިއުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
ހުށަހަޅާފައިވާ ވީޑިއޯތަކަށް ބަލާއިރު، އައިއީޑީ ކަމަށް ބުނާ އެތި، ޕިކަޕްގެ ތެޔޮ ޓޭންކް މަތިން ނަގަނީ ހަމައެކަނި އަތަށް އަންގިއެއް ލައްވައިގެން ކަމަށާއި "ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި އެއްޗެއް ނަގާފައި ބާއްވާހެން" އެ ބަލައިލައިފައި ބާއްވާތަން ފެންނަކަން ވެސް ފާހަގަކުރި އެވެ. މިއީ ނުރައްކާ އައިއީޑީއެއް ކަމަށް ބުނާ ނަމަ އެއާ މެދު އަމަލުކުރި ގޮތުން ހުކުމުގައި އެކަމަށް ވަނީ ސުވާލު އުފައްދައިފަ އެވެ.
އައިއީޑީ ގެންގޮސް ގިރިފުށީގައި ގޮއްވާލި އިރުގެ ވީޑިއޯ ކަމަށް ބުނާ ވީޑިއޯ އިން ކުޑަ ގޮވުމެއް ފެންނަ ކަމަށާއި އެ ގޮވި ތަން ކަމަށް ބުނެ ދައްކާ ތަނުގެ ބިންމަތީގައި ހުރި ރަބަރު ޕެކެޓްތަކާއި އެހެން އެއްޗެހި ވެސް ހަމަ އެ ހުރި ގޮތަށް ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕާޓީ
24 May 2021
ބަޔަކު މީހުންނަށް ކަމުދާ ފެންވަރަށް ގޮވާ އެއްޗެހިވެސް ހަދަންވަނީ. ވަޓް އަ ޖޯކް. ތިހެން ބަޔަކު މީހުން ކޯޓުން ސަލާމަތްކޮށްލެވިދާނެ މިއަދު ތިމާމެންގެ ޕާޓީ ފިކުރާހެދި. އެކަމު ތިމާމެންގެ ޕާޓީ މީހަކަށް އެމީހާ އެއްޗެއް ހަދާދޭ ދުވަހު ތިބޭނެ ދެލޯ ބޮޑުވެ ވީ ކީއްކަން ނޭނގިފަ.
ދޮހުއްތު ބެ
23 May 2021
ބޮންގޮއްވާ ސީޒަން.
ބޮޑުއަރަތް
23 May 2021
ގޮއްވާލެވޭތޯ ބަލަން ފުޅިޔަކަށް ބަޑިބޭސް އަޅާފައި ބޭއްވިޔަސް އެވާނެ ދޯ ކުށަކަށް؟ ކޮންމެހެން ގޮއްވާލަން އުޅުނު އެއްޗަށް ކިޔާނަން އެކަހަލަ އަސްލު އެއްޗަކާ ދިމާވޭތޯ ނުވޭތޯ ކީކުރަންބާ ކޯޓުން ބަލަންޖެހެނީ؟ މިއީ ވާ ޤައުމެއް. ޢެބަޔަކު ހިތްޕުޅާވާގޮތެއް ވީމާ އެ ރަނގަޅުވީ ބަޔަކަށް ކިތެންމެ ބޮޑު އަނިޔާއެއް ދިނަސް.
ވާނުވާ
23 May 2021
ތިވާ ގޮތުން އަންނިޔަށް ހަމަލާދޭން ވެސް ގޮއްވާލި އެތީގެ ތަފްސީލުތަކުގެ ތަހުގީގު ސްޕްރީމްކޯޓުން ކޮށްގެން ދަޢުވާލިބޭމީހާ ބުނާ ހުރިހާ ވާހަކައެއް އޮތީ އެގޮތަށް ނޫން ކަން ދަޢުވާކުރާ ފަރާތުން ސާބިތުކުރަން ހެކި ހުށަނާޅައިފިއްޔާ ދަޢުވާ ސާބިތުވާނެ ހެކި ހުށަހެޅިޔަސް ދަޢުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވާނެދޯ؟ ވަކިމީހަކާ ދެކޮޅަށް ހިންގީމާ ޖަރީމާވެސް މިހާރު ޖިހާދަކަށް ވާހެން ހީވަނީ ކޯޓުތަކުގެ ކުރިމަތީގަވެސް.
އަހުމަދުއަލޯ
23 May 2021
ހޫނނ. އަދި އެރޭގަ އޭތި ޕިކަޕަކަށް ލައިގެން މުޅި މާލެތެރޭގައި ދުއްވި. ލޮލް.
މ އަސްލު
23 May 2021
ވަރަށް ފޭކުދުވަސްކޮޅެއް އެއީ، ރައްޔަތުންގެ ތެރެއިން ގިނަބަޔަކު އެދުވަހު ތިހުކުމް ތިގޮތަށް އިއްވަމުން ގެންދެވި އަޑުއިވުނު، މުއައްސަސާތަކުގެ އަގު ވައްޓާލެއްވި ހިތާމަވެރި ދުވަސްތަކެއް އެދުވަހަކީ ، ލަދުވެސް ގަތް މިއަދު އަނެއްކާ މާބޮޑަށް ލަފުގަނެފި...... އެކަމުގަ އިސްކޮށް އުޅުއްވި ބޭފުޅާ އަށް ވެދުން.......
އަރުތަ
23 May 2021
ޖަލުން މިނިވަން ކުރަންވީމަ މޮޅު ވާހަކައެއް ދައްކާލީ އުތަ، ބޭއްވި އެއްޗަކީ ކުޅޭކުޅޭ އެއްޗެއް ނަމަވެސް، އެކަން ކުރި މަޤްސަދާ އެއީ ގޮވާއެއްޗެއްކަން ވަރަށް ސާފު، ދެން ކީއްވެ ކުށްވެރި ނުވީ، ކުޅޭ އެއްޗެއް ނަމަވެސް އަމިއްލައަށް ތައްޔާރުކޮށް އެތާކު ބޭއްވީ އެއެއްޗެއް ގޮއްވާލަން، އެހިސާބުން އެއޮތީ އާއްމު ރައްޔިތުންގެ އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފަ ނޫންބާ! އެއީ ކުށެއް ނޫންތަ.
ދަރުމަ
23 May 2021
މިހާރު ތިބި މީހުން އިންސާފުވެރީޔަކީ ނޫން އެމީހުންގެ ބޭނުމަކަށްވަނީ އެއިރުގެ ފަނޑިޔާރުބް ކުރި ހުރިހާ ކަމަކީ ގޯސްކަންތައް ކަމުގައި ހަދައި ކުށްވެރިން މިނިވަން ކުރުން. އެއީ ރީދޫކުލައަށް ލޯބިކުރާ ކުދިންނަށްވާތީ. އިންސާފު ވެރިކަން ހުރި ވަރު ޔާމީނު އާ އަދީބުގެ މައްސަލަ އަށް ބެލީމަވެސް އެނގިގެންދޭ. އިސްލާމީ ޝަރީޢަތުގަ ނޯންނާނެ ކުށްވެރިޔަކާ އެކު ޑީލްހަދާފަ އޭނާގެ އަދަބު ލުއިކުރާކަށް . ހިނާ ބުނާހެން މިހާރު ޖުޑިޝަރީއިން ހުކުމް ކުރަންވީގޮތް ކަނޑައަޅަނީއިންސާފުވެރިަކމުން ގޮސް ހަދާނެގޮތް ހުސްވެފަ.
އަހުމަދުއަލޯ
23 May 2021
ވަރަށް ސާބިތުކަމާއެކު ބުނަން އެނގޭ އިސްލާމި ޝަރީއަތުގައި އޮތްގޮތަށް ޔާމީނާއި އޭނާގެ އައުވާނުންނާއި 'ޑީލްނުހަދައި' ޙުކުމްކޮށްފިނަމަ އެގޭތެރޭގައި އަތްފައި ސަލާމަތުން ތިބޭނެ މީހުން މަދުވާނެކަން.
ކަހުރަބު
23 May 2021
ޔާމީނު ބުނެގެން ވިޔަސް ނަޝީދު ބުނެގެން ވިޔަސް ދިވެހިރާއްޖޭގެ ރިޔާސީ ގަނޑުވަރު ކައިރީ ތިކަހަލަ އެއްޗެއް (އެ ހެޔޮ ގޮވާ އެއްޗަކަށް ވިޔަސް ނުވިޔަސް) ބޭއްވި މީހަކު ދޫކުރުމަކީ ދިވެހި ރައްޔިތުންނަށް ހުރި ނުރައްކަލެއް!
އަޒްލީ
23 May 2021
ތީތި ބޮޑައް ވައްތަރީ މީދާ މަރާވައްތަރު ދައްޗަކާއި.