ޗެމްޕިއަންސް ލީގުގެ މެޗަކަށް ފަހު ޓުޗެލް (ކ) އެ ޓީމުގެ ޖޯޖީނިއޯގެ ގައިގައި ބައްދާލަނީ. -- ފޮޓޯ / އޭއެފްޕީ
29 މެއި 2021 - 16:07
ޕޯޓޯ (29 މެއި) - ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، ޗެލްސީގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޗެލްސީ ނުކުންނާނީ އެންމެ ވަރުގަދަ ޓީމާއެކު ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕޯޗުގަލްގައި މިރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން، ޗެލްސީގެ މުހިންމު މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ގޯލްކީޕަރު އެޑުއާޑް މެންޑީ އަށް ކުޅެވޭނެކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެކަމަކު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން، ޓުޗެލް ވަނީ މި ދެ ކުޅުންތެރިން ވެސް މިރޭގެ ފައިނަލަށް ފިޓުވެފައިވާކަމުގެ ޔަގީންކަން ދީފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ކާންޓޭ ނުކުޅެ އެވެ. އަދި އެ މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން، މެންޑީ ވެސް ވަނީ މެޗުގެ ހާފް ޓައިމްގައި ބަދަލުކޮށްފަ އެވެ.
"އުފާވެރި ހަބަރެއް އޮތީ. ޗެލްސީގައި އެއްވެސް އިންޖަރީގެ މައްސަލައެއް ނެތް. ދެން މި އުންމީދުކުރަނީ މެޗު ވޯމަޕް (ފަހު ޓްރެއިނިން) ނިންމާލާއިރު ވެސް މި ހަލާތުގައި އޮންނާނެ ކަމަށް،" މެޗުގެ ކުރިން ޗެލްސީން ކުރި ފަހު ޓްރެއިނިންގެ ކުރިން މީޑިއާއާ ވާހަކަދައްމުން ޓުޗެލް ބުންޏެވެ.
ޓުޗެލް އަކީ ތަފާތު ދެ ކްލަބަކާއެކު، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޖެހިޖެހިގެން ދެ އަހަރު ކުރިމަތިލާ ފުރަތަމަ ކޯޗެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި ބަޔާން މިއުނިކް އަތުން ޕީއެސްޖީ ބަލިވިއިރު، ޕީއެސްޖީގެ ކޯޗަކަށް ހުރީ ޓުޗެލް އެވެ.
އެކަމަކު ޓުޗެލް ބުނީ ޗެމްޕިއަންސް ލީގުގައި މި ސީޒަންގެ ފައިނަަލަށް ނުކުންނަ ކުޅުންތެރިންނަށް، މިިދިޔަ ސީޒަންގައި އޭނާ އަށް ލިބުނު ތަޖުރިބާ އިން މާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށެވެ.
"އަހަންނަކީ ކުޅުންތެރިއެއް ނަމަ، އަހަރެންގެ ކޯޗު އެހެން ޓީމަކާއެކު ހޯދި ތަޖުރިބާއެއްގެ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވާނެ. މިއީ މި ޓީމާއެކު އަހަރެން ޗެމްޕިއަންސް ލީގު ފައިނަލަށް ކުރިމަތިލާ ފުރަތަމަ ފަހަރު. މި ޓީމާއެކު، (ޗެމްޕިއަންސް ލީގު) ފައިނަލްގެ ތަޖުރިބާ ކުރިން ކުރެވުނު ނަމަ، އެ ތަޖުރިބާގެ ބޭނުން ހިފުނީސް،" ޓުޗެލް ބުންޏެވެ.
ޗެލްސީ އާއި ސިޓީ ކުރިމަތިލާ ފައިނަލް މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭރުމީހާ
29 May 2021
އިރާދަ ކުރެއްވިއްޔާ މިރޭ ޗެލްސީ މޮޅުވާނެއެވެ.