މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އޭރުގެ ފިޝަރީޒް މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މިހާރު
30 މެއި 2021 - 17:33
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި އޭނާ ބެހެއްޓެވީ މަޖުބޫރުވެގެން ކަމަށާއި ޔާމީނަކީ ވަޒީރުންނަށް އެއްވެސް އެއްޗެއް ނުދެއްވައި އިހާނެތިކޮށް ކަންތައް ކުރެއްވި ވެރިއެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ ކަމަށް ވިދާޅުވެ އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ މުހައްމަދު ސިޔާސި އެކި ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އޯޑިއޯއެއް ލީކުކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގާތްގަނޑަކަށް ފަސް މިނެޓުގެ އޯޑިއޯގައި އޭރުގެ ނުފޫޒު ގަދަ މިނިސްޓަރު ޝައިނީ ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް މި އޯޑިއޯއާ ގުޅޭގޮތުން ޝައިނީގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް އޭގައި އިވެނީ ޝައިނީގެ އަޑުކަން ޔަގީންވާހާ ސާފެވެ. އެކަމަކު މިއީ ކޮން އިރަކު ދައްކަވާފައިވާ ވާހަކަތަކެއް ކަމެއް ނޭނގެ އެވެ.
ޝައިނީ އޯޑިއޯގައި ވިދާޅުވަނީ އޭނާ ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ޖެހުނު މައްސަލަތަކަށް ފަހު ޝައިނީ އަށް ޔާމީން ރަނގަޅު ނޫން ކަމަށާއި އެކަމަކު ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ކަމަށް ވިދާޅުވި އެވެ.
ޔާމީނާ ބެހޭ ގޮތުން ޝައިނީ ތުހުމަތުތަކެއް ކުރެއްވި އިރު ޔާމީން މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ޚިޔާނާތުގެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އިން އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި މިހާރު ހުންނެވި ޔާމީން އެ ހުކުމް ވެސް އިންސާފުވެރިކަމަށް ގަބޫލެއް ނުކުރައްވަ އެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން މިހާރު ވަނީ ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފަ އެވެ.
އޯޑިއޯގައި ޝައިނީ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކެބިނެޓަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްވި ބޭފުޅަކަށް ޔާމީން ވާނެ ކަމަށެވެ. ކެބިނެޓުގައި އޭރު ތިއްބެވި ބޭފުޅުންނަށް ލިބިވަޑައިގަތީ އަދި ދެއްވީ ކޯއްޗެއްތޯ ޝައިނީ އެ އޯޑިގައި ސުވާލުކުރައްވަ އެވެ.
ޝައިނީ އެހެން ވިދާޅުވުމުން، ކެބިނެޓުގައި ތިއްބަވައިގެން ގައުމަށް ގެނައި ތަރައްގީއަށް ބެއްލެވުމަށް އެހެން މީހަކު އެ އޯޑިއޯގައި ބުނާ އަޑު އިވެ އެވެ.
ރައްދުގައި ޝައިނީ ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ކުރީގެ ބޭފުޅުންނަށް އިއްޒަތުގެ ޝަރަފު ދެއްވި ކަމަށެވެ.
"ރާއްޖޭގައި ފްލެޓް ލިބެނީ ކޮން ބަޔަކަށް؟ ސިފައިންނާއި ފުލުހުންނަށް، ނަރުހުންނަށް، ޑޮކްޓަރުންނަށް، ސިވިލް ސާވެެންޓުންނަށް، މުސްކުޅިންނަށް، އަލަށް މީހުންނާ އިންނަ މީހުންނަށް. ކިހާ ވަރަކަށް ކީ ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ،" ޝަކުވާގެ ރާގުގައި ޝައިނީ ވިދާޅުވެ އެވެ.
އޭނާ ވިދާޅުވީ ވަޒީރުންނަށް ފްލެޓް އަޅާނެ ތަން ވެސް ހުރި ކަމަށާއި އެކަން އިކޮނޮމިކް ޔޫތު ކައުންސިލް (ޔޫވައިސީ) އިން ކަނޑައަޅާފައި ހުރި ކަމަށެވެ. ޔާމީންގެ ސަރުކާރު ނިމުމުގެ ކުރިން ފްލެޓަށް ފައިސާ ދެއްކުމުގެ ފުރުސަތު ދިނުމަށާއި އޭރުން އެ ފްލެޓުތައް އަތުނުލެވޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވެ އެވެ.
"އަހަރެމެން ނުކުމެގެން އައީ ހުސްއަތާ. އިންޝުއަރެންސް ގަނޑެއް މި އެކައްޗެއް ވެސް އަހަރެމެންނަށް ނުދޭ. ރައީސަކަށް ނޯންނާނެ ބުނެވޭކަށް ޝައިނީ، ތިމަންނައަށް މި ކަންތައް ކޮށްދޭންޖެހޭނެއޭ، ތިމަންނަ މިވެނި ކަމެއް ކޮށްދިނީމޭ. ލާރިކޮޅެއް ދޭން ބުނީމަ އެއް ލައްކަ ރުފިޔާ ވެސް ނުދިން މަށަށް. އެހެންވީމަ ރައީސް މަށަށް ކޮށްދިން ކަމެއް ނޯންނާނެ،" ޝައިނީ ވިދާޅުވި އެވެ.
"ތި އަދީބު ޖެހި ސަކަރާތެއް ޖެހިފަހުން އަހަންނަށް އެނގޭ އަހަރެމެންނަށް ރަނގަޅެއް ނޫންކަން. އަހަރެމެން ބައިތިއްބަން މަޖުބޫރުވެގެން ބައިތިއްބާފައި ހުރީކަން. މަޖުބޫރުވާނެދޯ، ޔޫއެސްއާ ހުރިހާ ކަނެކްޝަނެއް، އީޔޫއާ ހުރިހާ ކަނެކްޝަނެއް، މޯދީއާ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ މަ. މި ހުރިހާ އެއްޗެއް ހިފަހައްޓައިގެން އުޅުނުއިރުގައި ހުރިހާ ކަމެއް ކުރީ މަ. ބޭރުކޮށްލައިފިއްޔާ...ރައީސަކަށް ކެރޭނެކީ ނޫން އެހެންތާކަށް ދާން."
"ޖެހި ސަކަރާތެއް" ކަމަށް ޝައިނީ އިޝާރާތްކުރެއްވީ އެމްއެމްޕީއާރްސީ ކޮރަޕްޝަނަށް ކަމަށް ބެލެވެ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ އޭގެ އަސްލު ގޮތުގައި ތަހުގީގުކުރަން އެއްވެސް ސަރުކާރަކަށް ކެރޭނެތޯ އެ އޯޑިއޯގައި ވާހަކަދައްކާ މީހަކު ސުވާލުކުރުމުން ޝައިނީ ވިދާޅުވަނީ "ނުކެރޭނެ" ކަމަށެވެ. އޭނާ ވިދާޅުވީ "އެންމެ ގިނަ ލާރި ރިސީވްވެފައި ހުންނާނީ މިހާރު ތިބި މީހުންނަށް" ކަމަށެވެ. އެއީ ކުޑަކުއްޖަކު ވެސް ދަންނާނެ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ވެސް އޭރުގެ ސަރުކާރު ވައްޓާލަން ވަރަށް މަސައްކަތްކުރި ކަމަށާއި ވަރަށް ގިނަ ފައިސާ ހަރަދުކުރި ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް ފައިސާއާ ހަވާލުވީ ވެސް ޝައިނީ ފޮނުވި ބަޔަކު ކަމަށް ވިދާޅުވި އެވެ.
އޯޑިއޯގައި ޝައިނީ ކުރެއްވި އެހެން ތުހުމަތުތަކުގެ ތެރޭގައި، މި ސަރުކާރު މި އޮތީ އޭނާއާ ހެދި ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގަނެވުނީ ވެސް ޝައިނީ މެދުވެރިވެރިވެގެން ކުރި މަޝްވަރާތަކެއްގެ ތެރެއިން ކަމަށް ވިދާޅުވެ އެވެ. ޝައިނީ ވިދާޅުވާ ގޮތުގައި ވަކި މީހެއްގެ ވާހަކަ ދައްކާ ވަރަށް ނުވެ އެވެ. އޭނާ ވިދާޅުވީ އެންމެންގެ "ހާލު" ވެސް އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އެކި މީޓިންތަކުގެ އޯޑިތައް ވެސް ހުންނާނެ ކަމަށާއި އެހެންވެ ޝައިނީއާ ނުކުޅެވޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިޒަމްގެ ހުކުމްކޮށް ޖަލަށް ލުމުން އެމަނިކުފާނު ސަލާމަތްކުރުމަށް އެމްޑީޕީން އޭރުގެ ސަރުކާރާ ކުރި މަޝްވަރާތަކުގައި ހިނގި ކަންކަމާއި ދެކެވުނު ހުރިހާ ވާހަކައެއް ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވެސް ވާހަކަތަކެއް ދައްކަވަ އެވެ. ނަމަވެސް އޯޑިއޯގައި އެ ވާހަކަ ދައްކަވާ ހިސާބުން އަޑު އެހާ ސާފެއް ނޫނެވެ. އަދި ބައެއް ތަންތަންކޮޅު އޯޑިއޯ އިން އުނިކޮށްފައި ހުރި ކަމަށް ފާހަގަވެ އެވެ.
ޔާމީންގެ ވެރިކަން ނިމުނު ފަހުން ޝައިނީ ސިޔާސީ ކަންކަމުން ވަނީ ފެޔަށް ޖެހިވަޑައިގެންފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވިި ފަހުން ސިޔާސީ ކަންކަމުގައި އޭނާ ފާޅުގައި ވާހަކައެއް ނުދައްކަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަބޫބަކުރު
04 June 2021
ޢިލްމުއުގެނި ހުންނަވައި ހިލްމެއް ނެތްކަން ފާހަގަވަނީ! މިނިސްޓަރަށް މުސާރަދެއްވީ ކިހާވަރެއްތޯ؟ ފިނިބުރުޖަހަން ކާރުކޮޅެއް ސަރުކާރުން، ތަފާތުނަންތަކާއެކު އެލަވަންސް ސަރުކާރުން. ބޭރު ޤައުމުތަކަށް ވަޑައިގެން ކުރައްވާ މަސައްކަތަށް ފޮރިންޕޮލިސީ ބަޖެޓުން ޚަރަދުކުރައްވަނީ. ކޯޗެއްތޯ އިތުރަށް ބޭނުންވަނީ؟ ދިވެހިޑޮކްޓަރުންގެ ބުރަމަސައްކަތަށް ލިބެނީ 40ހާސް ރުފިޔާ މަސްދުވަހަށް. އަމިއްލަ ކްލިނިކްތަކުގައި ކުރާމަސައްކަތުން އިތުރުފައިސާ ހޯއްދަވަނީ. ބުހުތާންދޮގު
މޮޔަ ޑީއެޗްޕީ
01 June 2021
ފެންވަރު އެގިއްޖެ. ވަޒީފާގެ މުސާރައިގެ އިތުރަށް ރައީސްމީހާ މިނިސްޓަރުންނަށް ރިސްވަތު ދޭކަށް ނުޖެހޭނެ. މޮޔަގޮވަނީ ކީއްވެ؟
ނަޖްވާ
01 June 2021
ފުޅަދޫގަ ހުންނާނެ އޭނަގެ ގެ އެނގިއްޖެ! މިފްކޯ ތެޅިތެޅިފަ، ޔާމީނު ބޮަލަށް އެރިގެން ލާރި ޕަކަޅާ ކުރަން ތެޅިބޭލީ އެނގިއްޖެ!
މޯދީ
01 June 2021
މަރަށް ދަށު ދަރަޖައިގެ މީހުން ދައްކާ ކަހަލަ ވާހަކަތަކެވެ. ވަޒީފާ އަދާކުރީމަ ދޭނީ މުސާރައެވެ. ފުލެޓާ ލައްކައިން ފައިސާ އަކީ އެވަޒީފާގެ އެއްބަސްވުމުގަ ހިމެނޭނެ އެއްޗެއް ކަމަކަށް ސިކުޑި އުނި މީހަކުވެސް ގަބޫލު ނުމުރާނެއެވެ.
ހަސަނު
31 May 2021
ތިޔައީ އުރަތްޕެއް ހުރި މީހެއް ނޫން... އެކަން އެބަ އެނގޭ އެ ދައްކާ ވާހަކައިން ވެސް
މޯހަންޖީ
31 May 2021
ޝައިނީ ކީކޭ ތިކިޔަނީ. ޔާމީނު އަދީބު އެއްފަރާތްކުރީމަ ދެން ޑޮން ހެދިގެން މަގުމަތީ ގުރޫޕު ގޮވައިގެން އުޅުނީ ވެސް ކަލޭ. ޔާމީނު ކައިރީގަ ގަދަ މީހެއްކަމަށްދައްކަން ވަރަށް ގަޓު ހުރިކަމަށް ހެދިގެން އުޅެފަ މިހާރު ކޮންއެއްޗެއް ކިޔާކަށް. މީހުން ބުނެއުޅެނީ ރަނގަޅަށް. ޕީއެޗުޑީ ހެދިޔަކަސް އަދި މީހާ މޮޅުވީކީ ނޫން. މޮޅުވަނީ ތިމާ ކިޔެވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުނީމަ. މަގުމަތީ ކުދިން ގޮވައިގެން މަމޮޅު ދެއްކިޔަސް އެންމެނަށްވެސް ކަލޭމެންގެ ގޮތް އެނގޭނެ.
ހަވާސާ އިބޫ
31 May 2021
ލިފުޓު ހަރުކުރަންވެސް ފައިސާ ކޮޅެއްނުދިންދޯ އަނެއްކާ މުސާަރަދިންބާ؟ މިނިސްޓަރުކަމުގައި ހުރި ދުވަސްކޮޅު ކައިބޮއި ހެދީވެސް ބަޒާރުމަތީ ސަލާންޖަހައިގެންބާ؟ ނޫނީ މަސްދޯނި ފަހަރުންބާ؟ ކަލޭގެ ލަދުކޮބާ؟ ތިމަންކެބިނެޓްގައި ބެހެއްޓީ މަޖުބޫރުވެގެންނޯ އާން ވައްކަންކުރަން ދަސްކޮށްދޭން ބާބާ؟
ޢެއްމެބޮޑު ފާސް
31 May 2021
ޢަދިވެސް ޔާމީނު ނޭގުނުދޯ؟ ޥައްކަން ނުކުރާކޮއްމެ މީހަކު ގާނާލާނެ.
ހެޔޮފާސް
31 May 2021
ވައްކަން ކުރީތީ އަދީބު ޖަލަށްލީ. ނުކުރާތީކީ ނޫން ޖަލަށްލީ. އިދިކޮޅަށް ކަންކަން ފެންނަ މީހުންނަށް ފެންނާނީ އިދިކޮޅަށް.
އިބްރ
31 May 2021
މީގެންވެސް އެނގުނު އެއްޗަކީ ޔާމީނަކީ އާޚިރަތަށް ބައްލަވައިގެން މަސައްކަތް ކުރެއްވި ވެރިއެއްކަން. އަދި ޔާމީން ފަދަ މީހަކުކަން ޤައުމެއްގެ ވެރިޔަކަށް ބޭނުންވާނީ. ދިވެހިންނޭވެ. ވިސްނައި ފިކުރުކޮށްލަން އަދިވެސް ނުވޭތޯއެވެ؟ ޔާމީނަކަސް ނަޝީދަކަސް ވަހީދަކަސް ޤައުމަށް ފައިދާހުރިގޮތަކަށް ކަންކަން ކޮށްދޭނަމަ އޮތީ ކޮން މައްސަލައެއްތޯއެވެ؟
ތަހުޒީބު
31 May 2021
ބަލަ ހޭދެބައިވެފައިތަ؟ ވައްކަން ނުކުރާ ކޮންމެ މީހަކު ގާނާލާނޭ ބުނީރު ބަލަ މި ޝައިނީ އެ ދައްކަނީ ވައްކަން ކުރާ ވާހަކައޭ. ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ފްލެޓް ހޯދާ ވާހަކަ. އެއްލައްކަ ރުފިޔާ ނުދިން ވާހަކަ. ގަމާރުވިޔަސް ބޮޑުވަރު
މުހުސިން
31 May 2021
ފުލެޓަކީ މިނިސްޓަކަށް ވުމަކުން ދޭން ޖެހޭ އެއްޗެއްނޫން. ބޮޑަށް ބެލެވެނީ ލިބުނުވަރު މަދުވީހެން
ޑިޑިން
31 May 2021
ދީނުގައި އަންގަވާފައިވަނީ ވަގުން ގެ އަތް ބުރި ކުރަން، އިތުރު އެއްޗިސް ދޭކަށެއް ނޫން ވަގުންނަށް.