މާލީ ވަޒީރު ރަވީ ޕާލަމެންޓަށް ބަޖެޓް ހުށަހަޅައި ދެއްވަނީ: އިގްތިސާދު ހަމައަކަށް އެޅޭ ކަމަށް އައިއެމްއެފުން ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ
20 ނޮވެމްބަރ 2016 - 16:34
ކޮލަމްބޯ (ނޮވެމްބަރު 20) - އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދޫކުރާ 1.5 ބިލިއަން ޑޮލަރުގެ ޕެކޭޖާ އެކު ސްރީ ލަންކާގެ އިގްތިސާދަށް ދިމާވި މައްސަލަތައް ހަމައަކަށް އެޅެމުންދާ ކަމަށް އައިއެމްއެފް އިން ބުނެފި އެވެ.
ވޮޝިންޓަނުގައި ހިންގާ ފަންޑުން ވަނީ ލަންކާގެ އިގްތިސާދު ދާދި ފަހުން ރިވިއުކޮށް ރިޕޯޓް ތައްޔާރުކޮށްފަ އެވެ. އަދި ލަންކާގެ އިގްތިސާދު މިހާރު ހުރީ "ހިތްހަމަ ޖެހޭ މިންވަރެއްގައި" ކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ.
ލަންކާގެ ބެލެންސް އޮފް ޕޭމަންޓްސް އަށް ދިމާވި މައްސަލަތައް ހައްލު ކުރަން އައިއެމްއެފް އިން ދޭ ލޯނުގެ ފުރަތަމަ ބައި ދޫކޮށްފައި ވަނީ ޖޫން މަހު އެވެ. ލޯނުގެ ދެ ވަނަ ބައިގެ ގޮތުގައި 162.6 މިލިއަން ޑޮލަރު ވަނީ ހުކުރު ދުވަހު ދޫކޮށްފަ އެވެ. އައިއެމްއެފްގެ ސަޕޯޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނު ކުރިއަށް އޮތް ތިން އަހަރު ލަންކާ އަށް ލިބޭނެ އެވެ.
އައިއެމްއެފްގެ އެކްޓިން ޗެއާ އަދި ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރު ޓާއޯ ޒަން ވިދާޅުވީ ލަންކާގެ މެކްރޯއިކޮނޮމިކް އަދި ފައިނޭންޝަލް ހާލަތު ހަމައަކަށް އެޅި އިންފްލޭޝަން ދަށްވެ އަދި ބެލެންސް އޮފް ޕޭމަންޓްސް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް ލަންކާގެ އިންޓަނޭޝަނަލް ރިޒާވް ހުރީ ހިތްހަމަ ޖެހޭ މިންވަރަށް ވުރެ ދަށުގައި ކަމަށް ޒަން ވަނީ ވިދާޅުވެފަ އެވެ.
ލަންކާގެ މިހާރުގެ ރިޒާވް ހުރީ 6.06 ބިލިއަން ޑޮލަރުގަ އެވެ. މިއީ ހަތަރު މަހުގެ އިމްޕޯޓަށްވާ ވަރެވެ.
ލޯނަށް އައިއެމްއެފުން ޝަރުތު ކުރި ކަންތައްކުގެ ތެރޭގައި ހިމެނޭ ވީއޭޓީ މި މަހު ވަނީ 11 ޕަސެންޓުން 15 ޕަސެންޓަށް ބޮޑު ކޮށްފަ އެވެ. އަދި ކޯޕަރޭޓް ޓެކްސް ވެސް ވަނީ ބޮޑު ކޮށްފަ އެވެ. ސަރުކާރުން މިހާރު އަންދާޒާ ކުރަނީ އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް މިހާރު ހުރި 5.4 ޕަސެންޓުން 4.6 ޕަސެންޓަށް ދަށް ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy