ޑިމާންޑަކީ ޕްރިތުވާޖްގެ ފުރިހަމަ ނަން، ލަގަބާ އެކު "ވީރު ޔޯދާ ސަމްރާޓް ޕްރިތުވީރާޖް ޗޯހާން" އަށް ފިލްމުގެ ނަން ބަދަލުކުރުން
އަކްޝޭ.
02 ޖޫން 2021 - 06:42
އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހާން އަށް ބިނާކޮށް ގެނެސްދޭން ނިންމާފައިވާ އަކްޝޭ ކުމާރިގެ ފިލްމު "ޕްރިތުވީރާޖް" ގެ ނަން ބަދަލުކުރުމަށާއި އެކަމަށް އިޖާބަ ނުދޭނެ ފިލްމާ ދެކޮޅަށް ނުކުންނާނެކަމުގެ އިންޒާރު ހިންދޫންގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ކަރްނީ ސޭނާ އިން ދީފި އެވެ.
މި ޖަމާއަތަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2018 ގައި ގެނެސްދިން ފިލްމު "ޕަދުވާތު" އަށް ދެކޮޅަށް ވެސް ބޮޑެތި ހަމަނުޖެހުންތައް ހިންގި ޖަމާއަތެވެ. އޭގެ ތެރޭގައި ފިލްމު ޝޫޓްކުރަމުން ދިޔަ ދުވަސްވަރު ސެޓާއި ތަކެއްޗަށް ގެއްލުންދީ ސީދާ ބަންސާލީ އަށް ހަމަލާ ދިނުމުގެ އިތުރަށް، ފިލްމުގެ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގްގެ ބޯ ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ.
އެ ފިލްމުގެ ނަން "ޕަދުމާވަތީ" އިން "ޕަދުމާވަތު" އަށް ވެސް ބަދަލުކުރަން މަޖުބޫރުވީ ކަރްނީ ސޭނާގެ ހަމަނުޖެހުންތަކާ ހެދި އެވެ.
އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ "ޕްރިތުވީރާޖް" އާ ބެހޭ ގޮތުން ކަރްނީ ސޭނާ އިން ބުނި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ ހިންދޫންނަށް ފުރިހަމަ އަށް އިހުތިރާމުކުރުމުގެ ގޮތުން ޕްރިތުވާޖްގެ ފުރިހަމަ ނަން އޭނާގެ ލަގަބާ އެކު "ވީރު ޔޯދާ ސަމްރާޓް ޕްރިތުވީރާޖް ޗޯހާން" އަށް ބަދަލުކުރުން ކަމަށެވެ. ހަނގުރާމަތަކަށް ވަރަށް ކުޅަދާނަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވުނު ޕްރިތުވީރާޖަކީ އިންޑިއާގައި 1178-1192 އަށް ރަސްކަންކުރެއްވި ރަސްކަލެކެވެ.
އެ ޑިމާންޑަށް އިބާޖަ ނުދޭނެ ނަމަ "ޕަދުމާވަތު" އަށް ކުރިމަތިވި ކަންކަން ތަކުރާރުވާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
ކަރްނީ ސޭނާގެ ޔޫތު ވިންގްގެ ރައީސް ސުރުޖީތު ސިންގް ރާތޯޑް ވަނީ އެ މީހުންގެ ޑިމާންޑް ހިންދީ ބަހުން އިންސްޓަގްރާމްގައި ވެސް އާންމުކޮށްފަ އެވެ. އޭގައި އޮތީ މައިގަނޑު ތިން ޝަރުތެކެވެ. އެއީ ފިލްމުގެ ނަން ބަދަލުކުރުމާއި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމުގެ ކުރިން އެ ޖަމާއަތުގެ އިސް މެމްބަރުނަށާއި ރާޖްޕޫތު ކޮމިއުނިޓީގެ އިސް ފަރާތްތަކަށް ފިލްމު ދެއްކުމެވެ.
"މި ޑިމާންޑްތަކަށް އިޖާބަ ނުދޭ ނަމަ ފިލްމަށް ދެކޮޅަށް ނުކުންނާނަން،" ކަރުނީ ސޭނާ އިން ބުންޏެވެ.
މިކަމާ ގުޅިގެން ވައިއާރްއެފުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޝޫޓިން ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުން އަންނަ "ޕްރިތުވީރާޖް" އަކީ ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުން 2017 ގެ މިސް ވޯލްޑް މަނޫޗީ ޗިލާރު ބޮލީވުޑަށް ތައާރަފުވާނެ އެވެ.
މި އަހަރުގެ ނޮވެމްބަރު 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ޕްރިތުވީރާޖް" ގެ ކާސްޓްގައި ސޯނޫ ސޫދާއި ސަންޖޭ ދަތާއި މާނަވް ވިޖް އާއި އަޝުތޯޝް ރާނާ އާއި ސާކްޝީ ތަންވަރު އަދި ލަލިތު ތިވާރީ ހިމެނެ އެވެ.
މިދިޔަ އަހަރު ވެސް ހިންދީންގެ ޕްރެޝަރުތަކާ ހެދި އަކްޝޭގެ ފިލްމެއްގެ ނަން ބަދަލުކުރަން ޖެހުނެވެ. އެގޮތުން "ލަކްޝްމީ ބޮމް" ރިލީޒްކުރަން ޖެހުނީ "ލަކްޝްމީ" ގެ ނަމުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
03 June 2021
އެއީ އިންޑިޔާގެ ރަސްކަލެއް ނޫން. އެއީ އަޖްމީރުގެ ރަސްކަލެއް. މިހާރު އަޖްމީރަކީ އިންޑިއާގެ ރަށެއް ނަމަވެސް އެ ޒަމާނުގައި އެއީ ވަކި ދައުލަތެއް. ޕްރިތުވީރާޖް ޗޯހާން އަކީ އިންޑިއާގެ ރަސްކަލެކޭ ބުނުން އެއީ، އިމްރާނު ހާނަކީ އިންޑިއާގެ ބޮޑުވަޒީރު ކަމުގައި ބުނުން ކަހަލަ ކަމެއް.