ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް
07 ޖޫން 2021 - 01:05
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ރޭ ބޭރުކޮއްލައިފި އެވެ.
ޒަމީލް، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ، އެ މަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ނަޝީދު އަންގަވައިގެން ވަނީ ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވެސް ފޮނުވައިފަ އެވެ. އެކަމަކު، ޕީޖީ ހުސައިން ޝަމީމް މިކަމުގައި އަދި ގޮތެއް ނިންމެވި ކަމެއް ނޭނގެ އެވެ.
ޒަމީލްގެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ނަޝީދު ފޮނުއްވުމާ ގުޅިގެން އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުން ރޭ ފުރަތަމަ ތާވަލުކުރީ 9:30 އަށެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސްކުރުމަށް ފަހު، އިރުކޮޅަކުން އަނެއްކާ ފެށި އެވެ.
ނަމަވެސް އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި، މަޖިލީހުގެ އިމްތިޔާޒަށް ޑިފެންސް މިނިސްޓްރީގެ ނައިބު ޒަމީލް އަރައި ނުގަންނަ ކަމަށް ނިންމައި، ނަޝީދު ފޮނުއްވި މައްސަލަ ކޮމިޓީން ބޭރުކޮށްލީ ނަޝީދުގެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާ ވެސް އެކު އެވެ. އެއީ ސިއްރު ބައްދަލުވުމެއް ކަމަށް ވުމުން ވޯޓުގެ ތަފުސީލެއް ނޭނގެ އެވެ. އެކަމަކު، މައްސަލަ ބޭރުކޮށްލަން އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވިކަން، އެހެން މެމްބަރަކު ކަށަވަރު ކޮށްދެއްވި އެވެ.
1- ޔާސިރު އަބްދުއްލަތީފް- ކުޅުދުއްފުށި އުތުރު ދާއިރާ. (އެމްޑީޕީ)
2- މުހައްމަދު ވިސާމް- ގަމު ދާއިރާ. (އެމްޑީޕީ)
3- މުހައްމަދު ނަޝީދު އަބްދުﷲ- ނޮޅިވަރަމް ދާއިރާ. (އަމިއްލަ)
4- މުހައްމަދު ރާޣީ- މަކުނުދޫ ދާއިރާ. (އެމްޑީޕީ)
5- އަލީ ރިޒާ- މިލަންދޫ ދާއިރާ. (އެމްޑީޕީ)
6- ހުސައިން ވަހީދު- ކޮމަންޑޫ ދާއިރާ. (އެމްޑީޕީ)
7- އަހުމަދު ހާރޫން- މަނަދޫ ދާއިރާ. (އެމްޑީޕީ)
8- އާދަމް ޝަރީފް- މަޑުއްވަރި ދާއިރާ. (ޕީއެންސީ)
9- މުހައްމަދު ނާޒިމް- ދަނގެތި ދާއިރާ. (ޖޭޕީ)
10- އަހުމަދު ސިޔާމް މުހައްމަދު- މީދޫ ދާއިރާ. (އެމްޑީއޭ)
11- މުހައްމަދު ޣައްސާން މައުމޫން- ގުރައިދޫ ދާއިރާ. (ޕީޕީއެމް)
12- އަބްދުﷲ ސަނީފް- ތިނަދޫ ދެކުނު ދާއިރާ. (އެމްޑީޕީ)
13- އަހުމަދު ރަޝީދު- ހިތަދޫ މެދު ދާއިރާ. (އެމްޑީޕީ)
މި މައްސަލައާ ދެކޮޅަށް ވަކާލާތު ކުރެއްވި އެމްޑީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ، ސިޓީގައި ޒަމީލް ސޮއިކުރެއްވިޔަސް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރާ މައްސަލައިގައި ޒިންމާވާން ޖެހޭނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށެވެ.
"އެހެން ނޫނަސް ސިޓީގައި ބަޔާން ކޮށްފައިވާ ގާނޫނީ މައްސަލަތަކުގެ އަލީގައި މިކަން ބެލޭނީ 241 ކޮމިޓީ ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ކަމަށް ގިނަ މެމްބަރުންގެ ވިސްނުން ހުރީ. ސިޓީގައި ސޮއިކުރެއްވުމަކީ ޑިފެންސް މިނިސްޓަރުގެ ނައިބު ޒިންމާވާން ޖެހޭ ކަމެއް ނޫނޭ މި މައްސަލައިގައި. އެހެންވީމާ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަކަށް އެ މެމްބަރުންނަކަށް އެއްބަހެއް ނުވެވުނު،" ނަން ހާމަކުރަން ބޭނުން ނުވާ މެމްބަރަކު ވިދާޅުވި އެވެ.
ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުއްވުމަށް ފަހު، އިމްތިޔާޒު ކޮމިޓީން އޭނާގެ މައްސަލައިގައި ގޮތެއް ނިންމަން ނަޝީދު ފޮނުއްވުމުން ދެ ފަރާތުގެ ފިއްތުންތައް ވެސް ކުރިމަތިވި ކަމަށް ވެ އެވެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ މެދު މަޖިލިސް ދެ ބަޔަކަށް ބެހިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ގެންދެވީ އިމްތިޔާޒު ކޮމިޓީގެ މެމްބަރުންނަށް ގުޅުއްވައި އެ ބޭފުޅެއްގެ ވިސްނުން ހާމަކުރައްވަމުން ކަމަށް ވެ އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ރޭ ވިދާޅުވީ، ވަކިވަކި ސިފައިން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް، އެ ސިފައިންނާ ޖަވާބުދާރީކުރުމަށް މަސައްކަތް ކުރާތީ އެ ސިފައިން ކަންބޮޑުވާ ކަމަށެވެ.
"ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި މި އޮންނަނީ ސިފައިންގެ މީހުން އެ މީހުންނަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަން ވާނީ ހަމައެކަނި ސިފައިންނަށާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރަށާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް،" މާރިޔާ ވިދާޅުވި އެވެ.
އެގޮތަށް ކަން އޮންނައިރު މާރިޔާ ވިދާޅުވީ ފަރުދީ ގޮތުން ސިފައިން މަޖިލީހަށް ހާޒިރުކުރުމަކީ ގާނޫނީ ކުށެއް ކަމަށް ސިފައިން ދެކޭތީ އެކަމުގައި ގައުމީ ދިފާއީި ބާރުގެ ލަފައެއް އެ ސިފައިން ބޭނުންވި ކަމަށެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގައި އިތުރު ފަރުވާ އަށް މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލް
08 June 2021
ފޯރިއެއް އެބަހުރިދޯ މިވެރިންގެ،
ދީމާހު
07 June 2021
ސިޓީ މާރިޔާ ސޮއި ނުކުރެއްވުމުން އެނގެނީ ކަމަކާޖެހޭ ކަހަލަ ކަމެއް ދިމާވެއްޖެއްޔާ ދުވެފިލާ ރައްކާވާނެ ކަންް. އޮންނަނީ ބޮ ޑު އަނގައެެއް ދޯ
ހުސެންް
07 June 2021
މިހާރު ދެން ރަނގަޅުވާނީ، ބޮޑުވަޒީރު އިންނެވި ގޮނޑިން ކޮޅުންބާލާ ސައިޒު ކޮށްލެއްވުން. އޭރުން ހުންނާނެ ބޮޑު މަންޒަރު ފެނިފަ. ހަމައެއާއި އެކީ، އެއުޅޭ އަންހެން މަންޖެވެސް. އެމަންޖެއަށް ހީވެފަ އޮންނަގޮތުން، މިގައުމަކީ އެމަންޖެގެ ބޭބެގެ ތަރިކަމުދާ.
މަހުލޯ
07 June 2021
ސާބަހޭ. އަމިއްލަ މައްސަލަ ތެރެއަށް އަމިއްލައަށް ވަދެގެންއުޅޭކަށް ލަދެއްވެސް ނުގަނޭތަ. ސާބަހޭ އެމް.ޑީ.ޕީ ގެ ކެރޭ މެމްބަރުން.
ދަލޭކަ
07 June 2021
މި ނަޝީދަކީ ގާނޫނަކަށް ގަވައިދަކަށް ބަލާމީހެއް ނޫން. މީ ދިވެހިރާއްޖެއަށް ޖެހިފައިވާ ބޮޑު މުސީބާތެއް. މިކަމުން އަޅަމެންގެ ރާއްޖެ ސަލާމަތް ކުރއްވާނދޭވެ.
ޢިބޫ
07 June 2021
ތިކޮޓީގަ ގިނައީ ބުރޯ ކޮންޓްރޯލް ކުރާ މެންބަރުނޯ، އެމްޑީޕީގެ ގުރާސްރޫޓް އޮތީ ވަރަށް ރަނގަޅަށް ބަލަން.
ހިލާލް
07 June 2021
މައްސަލަތަކުގައި ޕޮލިހަށް މީހުން ގެންދިއުމުގެ ބަދަލުގައި މަޖިލީހުގެ ކޮމިޓީތަކުން މައްސަލަތައް ބަލައި ހުކުމް އިއްވަނީ.. މީ އެބުނާ އަނެއް ދިވެހިރާއްޖޭގެ ގަނޫނު ތަ؟؟
ރަދީފްއޮފިޝިއަލް
07 June 2021
ނަޝީދު 0 ސަރުކާރު 5
ބިސްބެ
07 June 2021
ނޫނޭ، ކޮބާ 0 ވެފަ. ކޮއްމެ އިންތިހާބަކާ ދިމާކޮށް ނަސީދުގެ ފޮޓޯ ވިއްކާގެން މެންބަރަކަމައް އާދެވެނީ.
ނިރު
07 June 2021
މިނިސްޓަރު ސޮއި ކުރަންޖެހޭ ލިޔުމެއްގަ އެހެންމީހަކު ލައްވާ ސޮއި ކުރުވުމަކީ މަގާމުގެ ބާރު ނަހަމަ ގޮތުގަ ބޭނުން ކުރުން. ކެރެންޔާ މިއީ ވަކި މައްސަލައެއްގެ ގޮތުގާ ބަލާބަލަ
ޏަސިދު
07 June 2021
ޢަންނި އުޅެނީ މުޅި ނިޒާމު ހަލާކު ކުރަން، އެފުރުސަތު ނުދިނުމަށް ސަރުކާރަށް އިލްތިމާސް ކުރަން