ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު.
07 ޖޫން 2021 - 20:07
މިހާރު ކުރިއަށް ގެންދާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި އެ މަގާމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާހިދަކީ އާންމު މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ފަދަ ބޭފުޅަކަށް ވާނެ ކަމށެވެ.
"އެއީ ގާބިލް އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެއް. މޫސުމަށް ބަދަލު އައުމުގެ މައްސަލަ ކަމަށް ވިޔަސް، ސަލާމަތީ ކަންކަމާއި ސުލްހައާ ގުޅޭ މައްސަލައަކަށް ވިޔަސް، ރެފިއުޖީންގެ މައްސަލަ ކަމަށް ވިޔަސް އަދި ކޮންމެ މައްސަލައެއް ވެސް ފުރިހަމައަށް ކުރިއަށް ގެންދަވާނެ،" ޝާހިދަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
"ޝާހިދަށް އަދި ދިވެހި ދިދަ އަށް ވޯޓު ދެއްވުން އެދެން."
މި އިންތިހާބު ކާމިޔާބުކުރުމަށް ރާއްޖޭން ވަނީ ވަރަށް ގިނަ މަސައްކަތްތައް ކޮށް، އެތައް ގައުމެއްގެ ތާއީދު ހޯދައިފަ އެވެ. އިންތިހާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާ ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.
މި އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެ އަށް ދިނުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އެކި ގައުމުތަކުގެ ތާއީދު ހޯދަން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އާންމު މަޖިލީހުުގެ ރައީސްކަން ކުރާ ގައުމެއްގެ ގޮތުން އެ މަޖިލީހުގައި އެޖެންޑާކުރާނެ މައްސަލަތަކަށް ބަދަލު އަންނަކަން ފާހަގަވެފަ އެވެ. ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދިވެހިރާއްޖެ އާއި ނޭޕާލާއި ބޫޓާން ފިޔަވައި އެހެން ގައުމުތަކުން މީގެ ކުރިން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ. އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.
ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިހާބު އޮންނާނީ 2022 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލެކްސް އިބުރޭ
08 June 2021
ތިޔަހެން ވިދާޅުވި ކެރަފާ ނަސީމާ ބެހޭގޮތުންވެސް، ޗޮކުން ދޯ އެދިޔައީ!
އަލިފުހާ
08 June 2021
ކުރެޑިޓު ކާލަންކަމަށް އުތަ؟ ނުކެވޭނެ. ވަގުތު ފާއިތުވެއްޖެ!
ބޭހޮއްކޮ
08 June 2021
ޚުދުމުޚުތާރު މީހާ މާދަމާ އެހެން ވާހަކައެއް ނުދައްކައްޗޭ. އަނެއްކާ މާދަމާ ބުނެފާނެކަންނޭގެ، މަގޭ ފޮޓޯ ހިފައިގެން އދ.އަށް ދިޔައިމައޭ ތިޔަ މަގާމު ލިބުނީ. އެހެން ނޫންނަމަ ތިޔަ ޝާހިދަކީ އިހަށް 2007 ގައި ގޭދޮށަށް އަހަރެމެން އެއްވެގެން ގޮވެލި ފައްޗެއް އަމުނަން ތިބި ހަމަ އެމީހާއޭ. އެމީހާއަށް ތާއީދުކުރާނެ މީހަކު ދުނިޔޭގައި ނުހުންނާނެއޭ. މަށަކީ ދުނިޔޭގެ ޗެމްޕިއަނޭ. ތިމާވެށީގެ ޗަރުކޭހޭ. އެހެންވެގެންނޭ ހޮވުނީ.
އައްބެ
07 June 2021
ޝާހިދު ކާމިޔާބުކުރާނެކަން ޔަގީންވީމައި އަވަހަށް ޓްވީޓެއްކޮށްލީ ދޯ. ތިމަން މަނިކުފާނުގެ އެހީތެރިކަމާއިއެކުއޭ ޝާހިދުއަށް ތިކަންތިވީ ބުނަން. މިއީ އަންނިގެ ޕެކްޝަނަށް ލިބުނު ދެރައެއް.
ތުންދަމާފައި
08 June 2021
މިއޮތްހާ ދުވަހު ހުރީ ތުންދަމާފައި. މިކަމާބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ. ހަމަ ކުއްލިއަކަށް ޓްވީޓެއް. އެލެކްސްގެ ޓްވީޓްގައި އޮންނާނީ ކީކޭބާ! މަގޭ ފޮޓޯ ހިފައިގެން ގޮސް ލިބުނު ކާމިޔާބީއެކޭބާ!
ހަލަވެލިމާ
07 June 2021
ތިޔަހޯއްދެވީ ވަރަށް ބޮޑު ކާމިޔާބެއް، ޝާހިދުއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން
ކުޑޭމ
07 June 2021
ހައްހައްހާ! "ޝާހިދަކީ ގާބިލް، ތަޖުރިބާކާރު ޑިޕްލޮމޭޓެއް، ޝާހިދާއި ދިވެހި ދިދައަށް ވޯޓު ދެއްވާ: ނަޝީދު" ތިޔަކަން އެނގޭނެ މިހާރު ވެސް ޝާހިދު އެމްޑީޕީ ނޫން ޕާޓީއަކާ ގުޅޭ ހިސާބުުން.
ފޫހި
07 June 2021
ދެން ބުނާނެ ނަޝީދުގެ ފޮޓޯގަނޑު ނުވަތަ ނަޝީދު ގޮވާލީމައޭ ގައުމުތަކުން ޝާހިދަށް ވޯޓުދިނީ. ވަރަށް މޮޅެއްނު
ގޯތިއާދަނު
07 June 2021
ރާސާލާ ދެކޮޅަށް ވާދަކޮށް ހޯދި ކަމިޔާބާ ދޭތެރޭ ސަލަފު ޖަމާއަތުން ކީކޭބާ ބުނާނީ ؟
ރަދީފްއޮފިޝިއަލް
07 June 2021
ޝާހިދު އެއީ ތަޖުރިބާކާރު ޑިޕްލޮމެޓެއް.ދެން މަނިކްފާނު ތިޔައީ ކޮން ރޮނގަކުން ތަޖްރިބާކާރެއް؟ ފިތުނަ އުފެއްދުމުގެ ތަޖުރިބާކާރެއް ، އެހެން ނޫން ތޯ!!! ޝާހިދު ސްމޫތުކޮށް ރާއްޖޭގެ ވެރިކަން ވެސް ކޮށްފާނެ.ވ.ވެދުން
އެމްސް
08 June 2021
ވާގިވެރިތިވަނީ ފިތުނައަށް!
އިތުރު މިތުރު
07 June 2021
ވޯޓް ލާން ދިޔަފަހުންވެސް ރނ ތިޔަ ގޮތަށް ގޮވާލެއްވުމުން، ހުރިހާ ޤައުމުތަކުން ވޯޓް ލުމަށް ކުރިން ނިންމާފައި އޮތް ގޮތް ބަދަލު ކޮށްލާފައި ރނ ގެ ގޮވާލެއްވުމަށް އިޖާބަދެއްވީ ތޯއެވެ؟