ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު: ސީރިޔާ އާއި ސައުދީގެ ގުޅުން އަލުން ގާއިމުކުރަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.
09 ޖޫން 2021 - 10:40
ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ސައޫދީ އަރަބިއްޔާ އާއި ސީރިޔާ އަލުން ގުޅުން ގާއިމުކުރުމުގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ދެ ގައުމުގެ ގުޅުން އަލުން އިއާދަކުރުމާ ބެހޭ މަސައްކަތްކުރިއަށް ދާ ގޮތުގެ މައުލޫމާތު ލިބި ހުރި ބައެއް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކުރި ގޮތުގައި، ސައޫދީ ސަރުކާރުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއެކު، އަލުން ގުޅުން ގާއިމުކުރުމާ ވަރަށް ކައިރިއަށް މިހާރު އާދެވިއްޖެ އެވެ.
އަލުން ގުޅުން ގާއިމުކުރުމުގައި ސައޫދީގެ އެންމެ ބޮޑު ބޭނުމަކީ، ސީރިޔާގައި އޮތް އީރާންގެ ނުފޫޒު ކުޑަކުރުމެވެ.
ސައޫދީއާ ގާތް ގުޅުމެއް އޮންނަ، ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ސައޫދީ ޝާހީ އާއިލާގެ ތެރޭގައި އޮތް ސިޔާސީ ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ވަކިން ހާއްސަކޮށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، މިހާރު ހުންނެވީ ބައްޝާރުލް އަސަދާ އެކު ގާތް ގުޅުމެއް އުފައްދަވަން ވަރަށް ބޮޑަށް ބޭނުންފުޅު ވެފަ އެވެ.
މި މަސައްކަތުގެ ތެރެއިން ސައޫދީ އަރަބިއްޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ހާލިދު ހުމައިދާން، މިދިޔަ މެއި މަހުގެ ތެރޭގައި ދިމިޝްގަށް ވަޑައިގެން ސީރިޔާ ސަރުކާރާ އެކު މަޝްވަރާތަކެއް ކުރެއްވި އެވެ. އަދި ވޭތުވެ ދިޔަ 10 އަހަރަށް ފަހު، ސައޫދީ އަށް ވަޑައިގެންނެވި ސީރިޔާގެ ފުރަތަމަ މިނިސްޓަރުގެ ގޮތުގައި، ސީރިޔާގެ ޓޫރިޒަމް މިނިސްޓަރު ރާމީ މަރްތީނީ ވެސް މެއި މަހުގެ ތެރޭގައި ސައޫދީ އަށް ވަޑައިގެންނެވި އެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށުނުތާ ކުރީކޮޅު، ބައްޝާރުގެ ވެރިކަން ވައްޓައިލުމަށް ކުރި މަސައްކަތުގައި ސައޫދީ އަރަބިއްޔާއިން ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. އެ ގޮތުން، ސައޫދީ އަރަބިއްޔާގެ އަސްކަރީ އެހީތެރިކަން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ފޯރުކޮށްދީފައިވެ އެވެ. ނަމަވެސް، އެ ހަނގުރާމައިގައި ބައްޝާރުގެ ސަރުކާރަށް ރަޝިޔާގެ އަސްކަރީ މަދަދާއި އީރާންގެ ހަނގުރާމަވެރިންނާއި އީރާންގެ އަސްކަރީ އެހީ ލިބެން ފެށުމުން، ސީރިޔާގެ ހަނގުރާމަ ބައްޝާރުގެ ކޮޅަށް ބުރަވީ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ސީރިޔާއާ ގާތް ގުޅުމެއް އުފައްދަން ސައޫދީން ބޭނުންވާ މައިގަނޑު އަނެއް ސަބަބަކީ، އީރާނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ގޯސްވެފައި އޮތް ގުޅުން، އަލުން އިއާދަކުރަން ސައޫދީން ބޭނުންވުމެވެ. ސައޫދީގެ ސިޔާސަތަށް މި އައި ބަދަލުން އެނގޭ އެއްޗަކީ، ސީރިޔާގެ ރައީސް ބައްޝާރުގެ ވެރިކަން ވައްޓައިލުމަށް ކުރި ހަނގުރާމައިގައި، އީރާނުން ސައޫދީގެ މައްޗަށް ކުރި ހޯދައިފިކަން ސައޫދީން ގަބޫލުކުރާ ކަމެވެ.
ކުރިއަށް ދުވަސްތަކުގައި ސީރިޔާގެ އޮފިޝަލުންނާއި ސައޫދީގެ އޮފިޝަލުންނާ ދެމެދު ސީރިޔާގެ ދިމިޝްގުގައި ބާއްވާ ބައްދަލުވުމުގައި، އީރާނުން ވެސް ބައިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް، ސީރިޔާގެ އޮފިޝަލުން ވިދާޅުވެ އެވެ.
ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ސުލްހައިގެ ވާހަކަތަކެއް ދެކެވުނު ކަމަށް، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި، މީޑިއާގައި އަޑުތަކެއް ފެތުރުނެވެ. އިރާގުގެ ވެރިރަށް ބަޣުދާދުގައި އެފަދަ ބައްދަލުވުމެއް ބޭއްވިކަން، އިރާގުގެ ރައީސް ބަރްހަމް ސޯލިވެސް މިދިޔަ މެއި މަހު ކަށަވަރުކޮށްދެއްވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަންކަމުގެ ތެރޭގައި، ޔަމަންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުން ހިމެނެ އެވެ. ޔަމަން ހަނގުރާމައިގައި، ޔަމަންގެ ސަރުކާރު ސިފައިންނަށް ވާގިވެރިވަނީ ސައޫދީ އަރަބިއްޔާ އިސްވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުންނެވެ. އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް މަދަދުވެރިވަނީ، އީރާން ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލް އުސްތާޒު
11 June 2021
ލީބިޔާއާއި އިރާޤު ހަލާކު ކޮށްލި ގޮތަށް އީރާން ހަލާކު ކޮށްނުލާ އެއޮތީ ދުޝްމަނުންނަށް އެކަން ނުވެގެންނޭ ބުނުން އެންމެ ރަނގަޅެއް ނޫން. ޝީޢީންގެ ބާރުވެރިކަން އޮތް ހާ ހިނދަކު ސުންނީންނާއި ޝިޢައީން އެއްގަލަކަށް ނާރާނެ. މިކަން މުސްލިމުންނަށްވުރެން ރަނގަޅަށް ދުޝްމަނުންނަށް އިނގޭ. އެތެރޭގެ ހަނގުރާމައެއް އަބަދުވެސް ކުރުވަން ވެގެން އީރާނު ހަލާކު ކޮށްނުލާ ބާއްވާފަ އެއޮތީ. ސައުދީ އީރާން ތަޅާ ފޮޅަންޔާ އިޒްރާއީލަކަށް ނުރައްކަލެއް ނޯންނާނެ.
ޑރ ޝުޢައިބު
09 June 2021
ސަޢޫދީއަކީ ވެރިކަން ދިފާއުކުރުމަށާއި އެމެރިކާއަށް ޖާސޫސުކޮށްދޭ އެމެރިކާމީހުންގެ ޤައުމެއް. ތިކަމުން ނުކުންނާނެ ރަނގަޅު ނަތީޖާއެއް ނޯންނާނެ. ހަނގުރާމަ ހުއްޓާލެވިދާނެ. އެމެރިކާގެ އެހީލިބިގެން ސައޫދީއަށް ލިބުނު ކުރިއެރުމެއް ބުނެދީބަލަ. މުސްލިމުންނާ އަވައްޓެރިްންނާ ހަނގުރާމަ ކުރަން ވިއްކާ ހަތިޔާރެއްނޫން އެއްޗެއް އެމީހުންގެ ފަރާތުން ލިބިފައިވޭތަ. ހަތިޔާރުވެސް ވިއްކަނީ ފަހުގެ ހަތިޔާރު އުފައްދާފައި ކުރިން ބޭނުންކުރި އާހަތިޔާރުކަމަށް ބުނާ މޮޅު ހަތިޔާރު
ބާގާސް
09 June 2021
ސައުދީ އެރެބިއާ ކިޔާ ގައުމެއް އުފެއްދީވެސް އުސްމާނީ ހިލާފަތާ ދެކޮޅަށް އިނގިރޭސިންގެ މަދަދުގައި ކުރި ބަގާވާތްތަކެއްގައި އެތައް މުސްލިމުންނެއް ގަތުލުކޮށްފަ. މުސްލިމުން ގަތުލުކުރުން ހުއްދަކުރުމަށްޓަކާ އަބުދުލްވައްހާބު ކިޔާ މީހަކު ލައްވާ ފަތުވާ ނެރުނީ ސައުދު އާއިލާއަށް ސަޕޯޓުނުކުރާ އެންމެންނަކީ ކާފަރުން ކަމުގަ. މިކަމުގެ ސަބަބުން އުފެދުނު ފިތުނަ މިއަދާ ހަމައަށްވެސް އަނދައަނދާ މިވަނީ.
މުހައްމަދު25
09 June 2021
މުނާފިގުން ވާނީހަމަ މުނާފިގުންނައް..
ފަލަގެރި
09 June 2021
ރާއްޖޭން ސީރިޔާއަށް ހަނގުރާމައަށް ދިޔަ މީހުން ކައިރީ ބައެއް ޝޭހުން ބުނެފައިވަނީ އައްސަދު އަކީ ދައްޖާލު ކަމާއި އަދި މަލާކަތްބޭކަލުން ޝާމްގެ ބިމަށް ފައިބާވަޑައިގެން ސީރިޔާގެ އާމީ އައި ދެކޮޅަށް ހަނގުރާމައިގާ ބައިވެރިވެލައްވާ ކަމަށް. އެކަމަކު ހަގީގަތަކީ ޖިއޯޕޮލިޓިކަލް ކޮންފްލިކްޓެއްގައި ބޭނުން ކޮއްލި މަނާ ފުއްތަކެއްކަން އެތަނަށް ހަނގުރާމައަށް ދިޔަ މީހުންނަކީ. އެކޮޅަށް މީހުން ފޮނުވި ޝޭހުންތައް ލިބުނު ފައިސާގަ އަރާމުގަ ރާއްޖޭގެ އެއުޅެނީ.
ބަބުރަންޖީ ހާޖީ
09 June 2021
އުފާވަނީ މިކަލަ ޚަބަރުތައް ފެންނާތީ. މުސްލިމުން އެއްގަލަކަށް އަރާތީ.
ކަކުނިބޯ
09 June 2021
ޢުހޫދީނަކީީ ކުލަބަދަލުކުރާބައެއް