ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް، މެއި 5، 2019ގައި އަހަރު އޭނާ ވަނީ މިނިވަން ކޮށްފައި
2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަބްދުﷲ އަލިމަނިކު--
15 ޖޫން 2021 - 14:52
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ، އަބްދުﷲ އަލިމަނިކަކީ ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް މި ސަރުކާރުން މާފުދީ ދޫކޮށްލާފައިވާ މީހެއްކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.
އަލި މަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. އެ މައްސަލާގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލުމަށް މެއި 15، 2008 ގައި ވަނީ ހުކުމް ކޮށްފަ އެވެ.
އެ މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އަލިމަނިކު ޖަލުން ފިލި އެވެ. އޭގެތެރެއިން 2009 ވަނަ އަހަރު ގދ. ތިނަދޫގައި އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން މަސައްކަތްކުރި އެވެ. އަދި ޖަލަށް ލާފައި ވަނިކޮށް 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން ވެސް އަލިމަނިކު ހައްޔަރު ކުރި އެވެ.
އެ ދެ މައްސަލާގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ހުކުމެއް އޭނާ ދިޔައީ ތަންފީޒު ކުރަމުންނެވެ. އޭގެ ކުރިން 2006 ވަނަ އަހަރު ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަލިމަނިކުގެ މައްޗަށް ދެ އަހަރުގެ ހުކުމެއް އައިސްފައިވާއިރު، 2004 ވަނަ އަހަރު ގަވައިދާ ހިލާފަށް ކައިވެނި ކުރުމުގެ މައްސަލާގައި އޭނާ ވަނީ ހަ މަސް ދުވަހަށް އަރުވާ ވެސް ލައިފަ އެވެ.
އަލިމަނިކާ ގުޅޭ ގޮތުން "މިހާރު" އިން ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޓެރަރިޒަމްގެ ކުށުގައި އޭނާ ތަންފީޒު ކުރަމުން އައި 10 އަހަރުގެ ޖަލު ހުކުމް ނުނިމި އޮއްވާ، ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް، މެއި 5، 2019 ގައި އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އޭރު އޭނާގެ ހުކުމުގައި އިތުރު އަށް މަހާއި ދުވަސްކޮޅެއް ބާކީ އޮތެވެ.
އޭނާ ދޫކޮށްލަން ރައީސް ނިންމެވުމާ ގުޅިގެން ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ސޮއި ކުރައްވައި، ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިވާ ސިޓީ "މިހާރު" އަށް ވަނީ ލިބިފަ އެވެ.
"...(މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާއިން ލިބިދޭ އިހްތިޔާރުގެ ދަށުން ތިލަދުންމަތި އުތުރުބުރީ މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީމަނިކު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު ---) ގެ މައްޗަށް ޖިނާއީ ކޯޓުގެ ނަމްބަރު 2007/JC/1896 ގަޒިއްޔާއިން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރެވިފައިވާ ހުކުމް ތަންފީޒުވެ ބާކީއޮތް މުއްދަތު، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގިންތިއަށް ނިސްބަތްކޮށް، މިއަދު، 2019 ވަނަ އަހަރުގެ މޭ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހަށް ކުރުކޮށްދިނުމަށް ކަނޑައަޅުއްވައިފި ކަމުގައި ދަންނަވަން ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި،" އެ ސިޓީގައި ބުނެފައިވެ އެވެ.
ޖަލުގައި އޭނާ ހޭދަ ކުރި މުއްދަތުގައި އެތަނުން އެތައް ބައެއްގެ ސިކުނޑި ދޮވެ، ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. ޖަލުން މިނިވަންވުމަށް ފަހު ވެސް އަލިމަނިކަކީ ހަރުކަށި ފިކުރާ ގުޅުން ހުރި އެކި ކަންކަމުގައި ބައިވެރިވެ އެކަމަށް ހިތްވަރުދީ އެތައް ބަޔަކު ތަމްރީންކޮށް، ފިކުރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.
މި ފަހުން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ގިނަ މީހުންނަކީ ސީދާ އަލި މަނިކުގެ ފަރާތުން ތަމްރީންވެ، އޭނާގެ ނެޓްވޯކްގެ ދަށުން ރެކްރޫޓް ކުރި މީހުންކަން ފުލުހުންނަށް ވެސް ކަށަވަރު ކުރެވެ އެވެ. އޭނާ އަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ދާހިލީ ހަނގުރާމަތަކަށް މީހުން ގޮސް ޖިހާދުވުމަށް ބާރު އަޅައި، ރެކްރޫޓްކުރުމާއި ސީރިއާ އަށް ހަނގުރާމަ އަށް ފޮނުވުމާއި ގައުމީ ސަލާމަތަށް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ކުރެ އެވެ.
- 2004 ގައި ގަވައިދާ ހިލާފަށް ކައިވެނި ކުރުން
- 2006 ގައި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން
- 2008 ގައި ހިމަންދޫ މައްސަލާގައި ޓެރަރިޒަމް ކުށް
- 2009 ގައި އަމުރަށް ނުކިޔަމަންތެރިވުން
- 2010 ގައި އަމުރަށް ނުކިޔަމަންތެރިވުން
މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް މާފުކޮށްދިނުމާއި ވަކި މުއްދަތަކަށް ފަސް ކުރުން ނުވަތަ ނުވަތަ އަދަބުގެ މުއްދަތު ކުރު ކުރުމާއި އަދަބުގެ ބާވަތް ބަދަލުކޮށްދިނުމުގެ ބާރު ކްލެމެންސީ ބޯޑާއި ރައީސުލްޖުމްހޫރިއްޔާ އަށް ލިބެ އެވެ.
ނަމަވެސް އެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ ގޮތުން އަދަބު މާފު ނުކުރެވޭނެ ހާލަތްތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި އަލި މަނިކުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށް ވެސް ހިމެނެ އެވެ.
ޓެރަރިޒަމް ކުށުގެ އިތުރުން މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށްތަކަށް ވެސް މާފެއް ނުދެވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ނަމަވެސް އަލިމަނިކަށް މާފު ދިނުމަށް ސަރުކާރުން ރިއާޔަތް ކޮށްފައި ވަނީ އެ ގާނޫނުގެ 29 ވަނަ މާއްދާ އަށެވެ. އެއީ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމުގެ ކުރިން ޖިނާއީ އެކި ކުށްތަކުގައި ހުކުމް ކޮށްފައިވާ މީހުންނަށް، ވަކި އިލްތިމާސެއް ހުށަހެޅުމަކާ ނުލައި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މާފުކޮށްދިނުމުގެ އިހްތިޔާރު ލިބޭ ހާލަތް ބަޔާން ކުރާ މާއްދާ އެވެ.
އެގޮތުން ގާނޫނުއަސާސީ ތަސްދީގު ކުރި އޮގަސްޓް 7، 2008 ގެ ފަހުން ކުށެއް ކަމަށް ނުބެލެވޭ ނަމަވެސް އޭގެ ކުރިން ކުށެއް ކަމަށް ބެލިގެން ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނާއި، އެ މުއްދަތުގެ ކުރިން ގާނޫނުއަސާސީ ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަކަށް ވުރެ ހަރުކަށި ނުވަތަ ދަށް މިންގަނޑެއްގެ ދަށުން މީހެއްގެ މައްޗަށް ކަނޑައެޅި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ހިމެނެ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީ ތަންފީޒު ކުރަން ފެށުމުގެ ކުރިން މީހެއްގެ މައްޗަށް ހުކުމް ކުރުމުގައި އޭނާ ތަހުގީގުގައި ވެފައިވާ އިއުތިރާފަށް އެކަނި ބަލައިގެން ހުކުމް ކުރި މީހުންނާއި، ސިޔާސީ ހަރާކާތްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ނުވަތަ ސިއްހަތާއި ވަގުތާއި ހާލަތަށް ބަލައިގެން ރައީސް އިސްނެންގެވުމުގެ މަތިން މާފު ދެވޭނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
ނަމަވެސް އަލި މަނިކަށް މާފު ދިނީ މީގެ ތެރެއިން ކޮން އަކުރަކާ ހަވާލާދީ ކަމެއް ސާފެއް ނުވެ އެވެ.
މިކަމާ ބެހޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
16 June 2021
ކުރިން ސަލްޓަން ޕާކް މީހުންވެސް ދޫކޮށްލީ ނަސީދު، ދެން މީނަވެސް ދޫކޮށްލީ އޭނަގެ އެދުމަށް
ހަމަލާގެ1ދުވަސްކުރިން
16 June 2021
ދޫކޮއްލީ 5 މޭގައި. ހަމަލަދިނީ 6 މޭގައި. ދޫކޮއްލީ ހަމަލަ ރާވައި ހިންގަންބާ؟
އެދޭމާ
16 June 2021
ތިކަން ހިނގައިދިޔައީ ރައީސްގެ އިސްނެންގެވުންކަމުގައި ޤަބުލުކުރަން ދައްޗެވެ. ރައީސަށް ތިކަން ހުށަހެޅުނުގޮތަކާއި ރައީސަށް ލަފާދިންބަޔަކާއި ލަފާދިންގޮތަކާއި މިހުރިހައިކަމެއް ދިރާސާކޮށް ބަލަންއެބަޖެހޭ. ރައީސްގެ އިސްނެންގެވުމުން ތިކަންކޮށްފައިވާނަމަ، ރައީސްގެ ތިފިކުރުހުރީ. އެހެންނޫންނަމަ، ސަރުކާރުގެތެރޭގައި ތިފިކުރުގެ ބާރުވެރިފަރާތެއް އުޅެނީ. އަވަހަށްބަލަންއެބަޖެހޭ!
mRNA vaccines
16 June 2021
މީނަގެ އެޖެންޓެއް ސ.މަރަދޫގައިވެސް މަސައްކަތް ކުރޭ މިފިކުރު ފަތުރަން.
ޙކޖިނ
16 June 2021
ބޮލުމެދުން ފަޅައި ތެޔޮލާތަތްކޮށްފަ ތުނބުޅިލިޔަކަސްނުވާނެ އަދި ދީނީމީހަކަށް. ނުކިޔަވާ ކިޔަވައިގެންތިބިކަމަށް ހެދިގެންްއުޅޭ މިކަހަލަ ޖާހިލުންނަކީ ދީނުގެ ހަލާކު. ރައީސްވެސް މިއޮތީ ތިޖާހިލު ކަލޭގެ އޮޅުވާލުމުގަ ޖެހިފަ. މިބުނީ އިސްލާހުވެ ހަރުކަށިކަމާދުރަށް ދިޔައިމޭބުނިބަހުގަ ޖެހިފަ.
ޒަލީފް
16 June 2021
އަޅުގަނޑަށް އެނގުފައި އޮންނަ ގޮތުން ތިޔަ ސިޓީގައި ސޮއިކުރެއްވި ކަމަށް ވިދާޅުވާ ބޭފުޅަކީ މަންދު ކޮލެޖްގެ ވެރިންނާއި އޮތް މަސްލަހަތުގެ ގާތްކަމާއެކުވެސް އެތަނަށް ދައުލަތުން ބަދަލުދީ އެއީ ރަގަޅު ގޮތްކަމަށް ބުނެ ރައީސްގެ ފަރާތުން ބަސް އިއްވި ބޭފުޅެއް. މިހާރު އަނެއްކާ ރައީސްގެ ނަންފުޅުގާ އަމިއްލައަށް އިސްނަންގަވައިގެން ޓެރަރިސްޓެއްކަމަށް ސާބިތުވެފަ ހުރި މީހެއް ދޫކޮށްލިކަން ވެސް މިއށް ސާބިތުވީ. މިކަން ތަހުގީގު ކުރާނެތޯ؟
އައިއެސް
15 June 2021
ހަރުކަށި ފިކުރުގެެ ބޮޑަކަށް އަސްލުމިވީ ރައީސްދޯ.
އެޑްމުންޑޯ
15 June 2021
މިރައީސް ފުރަތަމަ މާފްދެއްވީ ކުޑަކުއްޖަކާއި އެކު ޖިންސީ ގުޅުންހިންގާގެން ޖަލަށްލާފައިވާ މީހެއް ، ދެވަނައަށް މާފްދެއްވީ ޓެޓެރިޒަމްގެ ކުއްސާބިތުވެ ޖަލައްލާފައިވާ މީހެއް ، ދެން އިތުރަށް ބުނާނެ އެއްޗެއްނެތް.
ޝައުނާ
15 June 2021
ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ ކިތައް މީހުންނަށް ކިތައް ސަރުކާރުން މާފު ދީފަ އޮތްތޯ ބަލައި، އެތަނުން ކިތައް މީހުން ތޯ އެކުށް ތަކުރާރު ކޮށްފަ އޮތީ.. މިކަންވެސް ބަލައި ދިނުން އެދެން... މުސްކުޅިއޭ ކިޔާފަ ގެޔަށް ދޫކޮށްލާ ވިއްޔާ...
ކުލަޕާޓީ
15 June 2021
މާފު ދޭއިރު ކުޑަކޮށް ބަލާލާނަމަ. އަމުރަށް ނުކިޔަމަންތެރިވެފަ އެބައޮތް 2 ފަހަރު މަތިން. އެހިސާބުން އޭނަގެ އަދަބު އިތުރަށް އާ ވާންޖެހޭނެ. އަދި އެންމެ ދުވަހެއްގެ މާފެއްވެސް ލިބިގެންނުވާނެ. އޭގެ ބަދަލުގައި އެފަދަ މީހުން އިތުރު މުއްދަތަކަށް ބަންދުކުރަންޖެހޭނީ.