ރިޕޯޓް

އެމްޑީޕީ ތެރޭގައި އޮތީ ރިޔާސީ ޓިކެޓް ހޯދުމުގެ ހަނގުރާމަ؟

އެމްޑީޕީގެ އިސް ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި، ސިއްރު އެޖެންޑާ އަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓްގެ ވާދަވެރިކަން. ފާޅުގައި އެއްވެސް ބޭފުޅަކު އަދި އެއްވެސް އެއްޗެއް ވިދާޅު ނުވިޔަސް، މިހާރު ފެށިގެން އުޅޭ ހައިޖާނުގަނޑަކީ އޭގެ ހަގީގަތް.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2019 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ މަތީ މަގާމުތައް ކުރިން ފުރުއްވި ގިނަ ބޭފުޅުން މިހާރު އެ ޕާޓީއަކު ނެތެވެ. އެތެރޭގެ "ފައިޓް" ގައި އޭރު އަނދައިގެން ދިޔައީ އޭރު ހަމައެކަނި އެ ޝަޚުޝިއްޔަތުތަކެވެ. ޕާޓީ ހަމަ އެ އޮތް ގޮތަށް އޮވެ، ސިޔާސީ ގޮތުން މިހާރު އޮތް ވަރުގެ ބާރުވެރިކަން ހޯދީ ނުރޫޅި އޮވެގެނެވެ.

އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިގެން އުޅޭ ގަޑުބަޑުގެ ދެ ފަރާތުގައި ތިއްބެވި ބައެއް ބޭފުޅުން އުއްމީދުކުރައްވަނީ މިފަހަރު ވެސް ކަންވާނީ އެހެން ކަމަށެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މިކަހަލަ ކޮންމެ ޒުވާބަކާ އެކު ޕާޓީ ވާނީ އިތުރަށް ވަރުގަދަ އެވެ. އެކަމަކު މިފަހަރު މައްސަލަ ޖެހިގެން މިއުޅެނީ ނުފޫޒާއި ބާރުވެރިކަމުގެ ގޮތުން ދާދި އެއްވަރުގެ ދެ ބޭފުޅުންގެ ދެމެދުގަ އެވެ.

"ހަނގުރާމަ" އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދާ ދެމެދުގަ އެވެ. އެކަމަކު ނަޝީދާ އެއްކޮޅަށް ވާހަކަ ދައްކަވާ ބައެއް ބޭފުޅުންގެ ހިޔާލު މިއާ ތަފާތެވެ. އޭގެ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ދެބައިވެގެން މިއުޅެނީ ދެ ލީޑަރަކާ ހެދިއެއް ނޫނެވެ.

"މިއުޅެނީ ވަކި ބޭފުޅަކަށް ތާއީދުކޮށްގެން ނުކޮށްގެން އުފެދިގެން އުޅޭ މައްސަަލައެއް ނޫން. އަޅުގަނޑަށް ގޯސްވެގެން މިއުޅެނީ ސިޔާސަތުތަކެއް. އެއީ އެމްޑީޕީން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ އުސޫލުތަކާ ހިލާފު ސިޔާސަތުތަކެއް. އަޅުގަނޑު ހަމަ ގައިމު ވެސް މި ވާކާލާތު ކުރަނީ ޕާޓީގެ އުސޫލުތައް ހިފަހައްޓަން،" ވަހީދު ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގަނީ ކޯލިޝަނުގެ ވިސްނުމާ އެއްގޮތަށެވެ. އެހެންވެ، އެމްޑީޕީގެ ބައެއް އުސޫލުތަކާއި އެ ޕާޓީން ވެފައިވާ ބައެއް ވައުދުތައް ފުއްދުމުގައި ސަރުކާރުގެ ތެރެއިން އެއްބާރުލުމެއް ނުލިބެ އެވެ. އޭގެ ބައެއް މިސާލުތައް ވެސް އޭނާ ދެއްކެވި އެވެ. އެގޮތުން ނެންގެވީ ރިސޯޓް މުވައްޒަފުންނަށް ވެފައިވާ ވައުދެވެ. އެ މީހުންގެ އެންމެ ދަށް މުސާރައަކީ 10،000ރ. ކަަމަށް ކަނޑައަޅަން އެމްޑީޕީން އޮތީ ވައުދުވެފަ އެވެ. އެކަމަކު އެކަމާ ދެކޮޅު ހެދީ ސަރުކާރުގެ ތެރެއިން، ވަކި ވަޒީރެއްގެ ނުފޫޒުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުން: ދެ ފަރާތުގެ ވަފާތެރިން ދަނީ ބަހުގެ "ހަނގުރާމަ"އެއް ކުރަމުން -- ފައިލް ފޮޓޯ: މިހާރު

އެހެންވީމާ މައްސަލަ ހައްލުވާން އޮތީ، އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އުސޫލުތަކަށް ސަރުކާރުން ތަބާ ވެގެންނެވެ.

"މިއީ ސީދާ ރިޔާސީ ޓިކެޓް ހޯދަން ކުރާ ކަމެއް"

ދެ ބޭފުޅުންގެ "އަރައިރުމުގައި" ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅު ވަނީ މިއީ ސިޔާސަތުތަކާ މެދު އުފެދިގެން އުޅޭ އަރައިރުމެއް ނޫން ކަމަށެވެ. އަދި މިއީ މިހާރު އުފެދިގެން އުޅޭ މައްސަލައެއް ނޫން ކަމަށް ވެސް މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ. ހައްސާސް މައްސަލައަކަށް ވާތީ ނަން ނުޖަހަން އެދިވަޑައިގެން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބި، ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތް ހިސާބުން މި އަރައިރުން އޮތީ ފެށިފައި ކަމަށެވެ.

ރައީސް ވިދާޅުވީ މިހާ ބޮޑު މެޖޯރިޓީއެއް ލިބުނީމާ ގުޅިގެން ކުރިއަށް ގެންދާނީ ދެއްތޯ އޭ. ހަމަ ވަގުތުން އީވާ ޖަވާބު ދެއްވި ނޫނެކޭ. ނެގޯޝިއޭޓް ކުރައްވާށޭ ޖެހޭނީ.

"މަޖިލީހުގެ މެމްބަރުންނާ ރަައީސް ބައްދަލުކުރެއްވި މުލިއާގޭގައި، އެމަނިކުފާނުގެ އެއް ފަރާތުގައި ރައީސް ނަޝީދު، އަނެއް ފަރާތުގައި [މަޖިލީހުގެ ނައިބު ރައީސް] އީވާ އިންނެވި. ރައީސް ވިދާޅުވީ މިހާ ބޮޑު މެޖޯރިޓީއެއް ލިބުނީމާ ގުޅިގެން ކުރިއަށް ގެންދާނީ ދެއްތޯ އޭ. ހަމަ ވަގުތުން އީވާ ޖަވާބު ދެއްވި ނޫނެކޭ. ނެގޯޝިއޭޓް ކުރައްވާށޭ ޖެހޭނީ. މިއީ ޑޭ ވަން ގައި ކަންވީ ގޮތް،" މެމްބަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއަކަށް ރައީސާ އެކު ނަޝީދު ވަޑައިގަންނަވަނީ -- ފައިލް ފޮޓޯ

އެ ވާހަކަ އަށް ބާރު ލިބޭ ބައެއް ކަންތައްތައް މަޖިލީހުގެ މަސައްކަތްތަކުން ވަނީ ފެނިފަ އެވެ. ސަރުކާރުން ހުށަހެޅި ގޮތާއި ނަޝީދު އެދިވަޑައިގަންނަވާ ގޮތާ ދިމާ ނުވެގެން އެތައް ފަހަރަކު "ނެގޯޝިއޭޓް" ކުރަން ޖެހުނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނު ހިސާބުން ކުރިމަތިވި މައްސަލައަކީ ވެސް މީގެ މިސާލެކެވެ.

އިންތިހާބު ފަސްކުރުމަށް ޓަކައި ގާނޫނުއަސާސީ އަށް ގެންނަން ޖެހުނު ބަދަލު ގެނައުމާ ނަޝީދާއި އެމަނިކުފާނުގެ އަރިސް ބައެއް މެމްބަރުން ދެކޮޅު ހެއްދެވި އެވެ. އެބޭފުޅުންގެ ހުއްޖަތަކީ ކޮވިޑް ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ހަމަ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ހާލަތެއް ކަމަށް ވިދާޅުވެ ދެއްކެވި ހުއްޖަތެކެވެ. ގާނޫނުއަސާސީގައި ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

އޭގެ އަނެއް މިސާލަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކުރައް ވާނީ ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅަން އެ ގާނޫނަށް ހުށަހެޅި އިސްލާހެވެ.

އެއިން ކޮންމެ ފަހަރަކު ވެސް ނެގޯސިއޭޝަން ނިމުނީ ޒުވާބަކަށް ވެގެންނެވެ.

ދެ ފަރާތުގެ ވަފާތެރިން ބަހުގެ ހަމަލާތައް ފާޅުގައި ގެންދެވިޔަސް، އެމްޑީޕީގެ އިސް ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި، ސިއްރު އެޖެންޑާ އަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓްގެ ވާދަވެރިކަމެވެ. ފާޅުގައި އެއްވެސް ބޭފުޅަކު އަދި އެއްވެސް އެއްޗެއް ވިދާޅު ނުވިޔަސް، މިހާރު ފެށިގެން އުޅޭ ހައިޖާނުގަނޑަކީ އޭގެ ހަގީގަތެވެ! ނުވަތަ އެކަމަށް ވާ ތައްޔާރީތަކުގެ ފެށުމެވެ.

މިފަހަރު މާ މައްޗަށް ދިޔައީ ކީއްވެ؟

ވައްޑޭ ވިދާޅުވާ ގޮތުގައި މިފަހަރު މާ ބޮޑަށް އަޑު އުފުއްލަން ޖެހިވަޑައިގަތީ އެމްޑީޕީގެ މެނިފެސްޓޯ އާއި އުސޫލުތަކަށް ސަރުކާރު ތެރެއިން އަންނަ ދެކޮޅުވެރިކަން މާބޮޑުވެގެންނެވެ. އެކަމުގައި ބައެއް ވަޒީރުން މަޖިލީހުގެ މެމްބަރުންނަށް މާ ބޮޑަށް ނުފޫޒު ފޯރުވުމަކީ އޭނާގެ ފާޑުވިދާޅުވުންތައް ވަރުގަދަވި ސަބަބެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ދެ ބޭފުޅުން ކެމްޕޭން ކުރައްވަނީ: ދެ ފަޅިން ބަހުގެ ހަމަލާތައް ގިނަ -- ފައިލް ފޮޓޯ: މިހާރު

އެކަމަކު ރައީސަށް ތާއީދުކުރައްވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ދަނޑިވަޅުގެ ފައިދާ މާ ބޮޑަށް ނަންގަވަން ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ފެށްޓެވި ބޮޑު ކެމްޕޭނެކެވެ. މަޖިލީހުގެ މެމްބަރަކު ވިދާޅުުވީ ފައިދާ ނަންގަވަން އެ މަަސައްކަތް ކުރައްވަނީ ދެ ހާލަތަކުންނެވެ. އެއް ކަމަކީ ކޮވިޑް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން އާއްމުންނަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގެ ހާލަތެވެ. އަނެއް ކަމަކީ ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ހަމަލާ އެވެ.

"ހަމަލާގެ ތަހުގީގު އެ ދަނީ ކުރަމުން. ކުރިއެރުންތައް އެ ދަނީ ލިބެމުން. އެކަމަކު ޕާޓީގެ ތެރޭގައި ނުފޫޒު ގަދަ ކުރެއްވުމަށް ޓަކައި އެ ބޭފުޅުން އެ ގެންދަވަނީ އެ ތަހުގީގާ މެދު ސުވާލުތައް އުފައްދަވަމުން. އެއީ މި ހާލަތުގެ ފައިދާ ނަންގަވަން ކުރައްވާ ކަމެއް،" އެ މެމްބަރު ވިދާޅުވި އެވެ.

މައްސަލަ ހައްލުކުރައްވަން ރައީސް މަސައްކަތް ކުރައްވާ

އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދި، ސަރުކާރު ހީނަރުވެދާނެތީ، މި މައްސަލަގަނޑު ހައްލުކުރައްވަން ރައީސް ގެންދަވަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި، ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ އޮފިޝަލަކު ވިދާޅުވީ އޭގެ އެއް މަސައްކަތަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ދައްކަވާ ގިނަ ވާހަކަތަކަށް ރައްދު ނުދެއްވުމަށް "ރައީސް ފެކްޝަން"ގެ ބޭފުޅުންނަށް ބާރު އެޅުއްވުމެވެ.

މި ރިޕޯޓަށް މައުލޫމާތު ދެއްވި މެމްބަރުން ނަން ޖަހަން އިއުތިރާޒް ކުރެއްވީ ވެސް އެ ސިޔާސާތުގެ ދަށުންނެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާ އިރު މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ބަލަހައްޓަވައިގެން -- ފައިލް ފޮޓޯ

"ރައީސް ކިތަންމެ މަސައްކަތެއް ވެސް އެބަކުރައްވާ. އެ ބަހުސްގެ ތެރެއަށް ވަޑައިނުގެން އެމަނިކުފާނު ހުންނެވުމަކީ މީގެ އެއް ހެކި،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސްގެ ފަޅިން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މިފަހަރު މިކަމަށް އަވަސް ހައްލެއް ނެތެވެ. ކިރިޔާ ވެސް ލިބެން އޮތް ހައްލަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި މިފަހަރު ހުރިހާ މަގާމަކަށް ވެސް ބޭފުޅުން ކުރިމަތިލައްވާފައި ތިއްބެވީ ފެކްޝަން ތަމްސީލުކުރާ ގޮތަށެވެ.

"ރައީސަށް ގައުމީ މަޖްލިސް ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ވެސް ލިބިވަޑައިގަތުން. ނަޝީދަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ އެކަން އެހެން ގޮތަކަށް ބަދަލުވެދާނެ. އެކަމަކު މި އަރައިރުން ދެން ނިމޭނީ އެ ހިސާބުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވާ ގޮތަށް މައްސަލަ ނިމިދާނެ އެވެ. އެކަމަކު ޕާޓީގެ މެމްބަރުންގެ މެދުގައި މިހާ މަގުބޫލު ދެ ބޭފުޅުންގެ ދެމެދުގައި މިވަރުގެ ކުރިމަތިލުމެއް ހިނގައި ނިމޭ އިރު، ޕާޓީގެ އެތެރޭގައި އެ އުފެދޭ ފާރުގަނޑަކަށް ފަރުވާއެއް ނޯންނާނެ އެވެ. އެ ހާލަތުގައި ބަލިވެވަޑައިގަންނަވާ ބޭފުޅެއްގެ ސިޔާސީ ހަޔާތަށް ވާނެ ގޮތެއް ލަފާކޮށްލަން އަދި މާ އަވަހެވެ.

38 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 4%
icon angry icon angry 40%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިލަބެ‫

16 June 2021

‫ރިޔާސީޓިކެޓަށް އައްނި އާއި އިބޫ ވާދަކުރައްވާނަމަ އަހަރެންގެވޯޓްދޭނީ އިބޫއަށް ސަބަބަކީ އެމްޑީއެންގެ ދިފާއުގަ އައްނި އެއުޅުއައްޗިގޮތްފެނިފަ މަވާވީފޫއްސެއްގެސަބަބުން...

The name is already taken The name is available. Register?

ޙަލީލު

15 June 2021

ތީގެން އެކަކުވެސް ބޭނުމެއް ނެއް ތިބޭފުޅުންނާ ގައުމު ހަވާލު ކުރެވުނީ ތީ މޮޔަހީވޭ...ރިޔާސީ އިންތިހާބަޢް ފަހު ތިބޭފުޅުން ތިއްބަވާނީ ރަތްޔިތުންގެ ބެލުމުގެ ދަށުގައި..

The name is already taken The name is available. Register?

ބޮޑުމީހާ

15 June 2021

އިބޫއާއި ގައުމު ހަވާލުކުރުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ކަހަލަ ކަމެއް. ދެން އޮތީ ނަޝީދު. މި އިސްތިއުފާ ރައީސް

The name is already taken The name is available. Register?

ސިއްޕޭ

15 June 2021

ރައީސް ނަޝިދަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރިޔަސް މިހާރު އެކަން ބަދަލު ވެއްޖެ. މައިގަނޑު މައްސަލައަކީ ދީނާ އިދިކީލަ ކަން ކަން މާބޮޑަށް ގެންގުޅުން، ރަށް ރަށުގެ އުމުރުން ދުވަސްވީ މީހުންވެސް މިހާރު ބުނަނީ އަންނި ކަމަކު ނުދެޔޭ. ހަމަ އެހެންމެ ސެކިއުލާ ވިސްނުމުގެ މީހުން ތިބީ ވެސް ނަޝީދު ފެކްޝަންގަ. އަހަރެން ވެސް ކުރިން އަންނި އަށް ތާއީދު ކުރިން، ނަމަވެސް ދެން ތާއީދު ކުރާނީ އިބޫއަށް.

The name is already taken The name is available. Register?

މަގޭޚިޔާލެއް

15 June 2021

ރިޔާސީ ޓިކެޓް ލިބުނަސް ކުރިން ފެއިލްވެފައިހުރި މީހަކަށް ދެން މިރާއްޖޭގައި ރައްޔިތުންގެ ވޯޓުން ވެރިކަމެއް ނުލިބޭނެ. އެކަން އެނގޭތީކަން ނޭނގެ ބޮޑުވަޒީރުކަން ހޯދަންވެސް އެއުޅެނީ. އެނގޭ އެއްޗަކީ މިކަން އެނގިތިބެ ނުބައިމީހަކާއި ޕާޓީގެ ޓިކެޓް ހަވާލުކުރެވިއްޖެނަމަ އިންތިހާބުގައި ޕާޓީ ފެއިލްވާނެކަން. ވުމާއެކު ޓިކެޓް ދިނުމުގައި ވިސްނުން އިސްކުރޭ.

The name is already taken The name is available. Register?

Happy 123

15 June 2021

ޢިބޫ އަކަށް ގައުމެއް ނުހިންގޭ ބޭނުންވަނީ ގައުމު ހިންގޭ ތަޖުރިބާކާރެއް.. ގައުމުގެ ބައިތުލްމާލު ގާތްމީހުންނަށް ބަހާ ހުސްކުރާ ވެރިއެއް ބޭނުމެއްނޫން?

The name is already taken The name is available. Register?

ރައްޔިތެއް.

15 June 2021

ރައްޔިތުންނަށް ހެޔޮއެދޭ އެކަކުވެސް ނެތް ސިޔާސީ މައިދާނުގަ. ހުސް އަމިއްލަ އެދުމައިގެން އުޅޭމީހުން.

The name is already taken The name is available. Register?

ޕަބްލޯ

15 June 2021

އަސްލު މައްސަލައަށް ފޯކަސް ގެއްލިގެން ދަނީ ނޫންތަ؟ ފަސްއަހަރު ތެރޭ 5 މިލިއަން ޑޮލަރު އެއާޕޯޓަށް އިންވެސްޓްކުރުމަކީ ރާއްޖޭގައި ހިންގާ ވެލިގާ ހާޑްވެއަރ، ސޮނީ ހާޑްވެއަރއަށް ވެސް ކުރެވިދާނެ ކަމެއް. އެއީ އަހަރަކަށް ބަލައިފިނަމަ 15.42 މިލިއަން ރުފިޔާ. އެއީ މާލެ ސަރަހައްދުން 1،500 އަކަފޫޓުގެ ގޯއްޗެއް ވިއްކާ އަގު. އެވަރަށް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ވިއްކާލަން އުޅުނީމާ އެއީ ގައުމަށް ގައްދާރުވުން. އަސްލު މައްސަލައަކީ ގައުމު ވިއްކާލުން

The name is already taken The name is available. Register?

ނުޖޫމީ

15 June 2021

ޥެރިކަމާ ހުރެ ތަޅާފޮޅުމަކީ އާކަމެއްނޫނެވެ. އާޒާތެއްގެ ރަސްކަމެއް ގެނެސްގެން ވިޔަސް މިހައިޖާނުގަނޑަކާ ދުރުވެ ހަމަޖެހިލައިގެން އުޅެވޭނެގޮތެއް ހޯދަން އެބަޖެހޭ.

The name is already taken The name is available. Register?

ކަކުނިބޯ

15 June 2021

ޑްރާމާ. ދެން ތިޔަދަލަކު ނުޖިހޭނެ. ދޮން ރީންދޫ މޭވާ ކުނިވެ ފުޅައަޅާފިއެވެ. ޢޭމޭވާ އޮންނަތާކުންވެސް ދުވަނީ އިންޑިޔާގެ މަގުތަކުން ދުވާ ވަހެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454