ވިޔަފާރި / ޓޫރިޒަމް

20 ޕަސެންޓަށް އޮކިއުޕަންސީ ވެއްޓި، ރިސޯޓްތައް ފުނޑުމުގެ ބިރު!

އެޓްމޯސްފިއާ ރިސޯޓުގެ ވޯޓާ ވިލާތަކެއް. ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ ވަރަށް ބޮޑަށް ދަށްވެފައި--

ރާއްޖޭގެ ޓޫރިޒަމްގައި ފަހަކަށް އައިސް ލޯ ސީޒަން ނާންނަ ކަމަށް ވެ އެވެ. އާންމުކޮށް ވެސް، އެންމެ ދަށްވެގެން ވެސް އޮކިއުޕަންސީ އުޅެނީ 50 ޕަސެންޓުގައި ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް، އާންމުކޮށް މި ކިޔާ ލޯ ސީޒަން މި ދުވަސްވަރާ ދިމާވި އިރު، އެހެން ކަމެއް ވެސް މި އޮތީ ކުރިމަތިވެފަ އެވެ. އެއީ، ކޮވިޑެވެ. އެހެންވެ، ބައެއް ރިސޯޓްތައް 20 ޕަސެންޓް އޮކިއުޕަންސީގައި ހިންގާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން ރާއްޖޭގެ އޮކިއުޕެންސީ ލޯ ސީޒަންގައި ހުރީ، އެވްރެޖްކޮށް 40-60 ޕަސެންޓާ ދެމެދު އެވެ. އެކަމަކު މިހާރު 30 ޕަސެންޓްގެ އޮކިއުޕަންސީގައި ވެސް ހިންގަނީ މަދު ރިސޯޓްތަކެއް ކަމަށް ވެ އެވެ. މިއީ، ރިސޯޓަކުން ކޮންމެ ދުވަހަކު ކުރާ ހަރަދު ވެސް އަނބުރާ ނުލިބޭނެ އަދަދެކެވެ.

އެކަމަކު، އޮކިއުޕަންސީ ރަނގަޅު ކުރުމަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެއީ ޓޫރިޒަމް ދާއިރާ އަށް އޮތް އެންމެ ބޮޑު މާޔޫސް ކަމެވެ.

"ގައުމުތަކަށް ހުޅުވާލައިގެން ރާއްޖެ އަށް ފައިދާ ކުރާނީ. އެކަމަކު ފުރަތަމަ ޖެހޭނީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ހަމަޔަކަށް އަޅުވަން،" ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްގެ އިސްވެރިޔަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޑިއާ އާއި ސައުތު އޭޝިއާ ސަރަހައްދު ބަންދުކޮށްފައިވާ އިރު ރަޝިއާ އިން އަންނަ ޓޫރިސްޓުން ވެސް މަދުވާން ފަށައިފައިވާ ކަމަށެވެ. އެހެންވެ، ހާލަތު އިތުރަށް ދަށަށް ދިއުމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑް ބީޗު ސަރަހައްދުގައި ޓޫރިސްޓުންތަކެއް މޫދަށް އެރެނީ: އޮކިއުޕެންސީ ރަނގަޅު ކުރަން ރިސޯޓުތަކުން އަންނަނީ މިހާރު ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަމުން

އިންޑިއާގެ ޓޫރިސްޓުން އައުން ހުއްޓާލުމުން، އޭގެ ނޭދެވޭ އަސަރު

ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް ހިފަހައްޓާލެވުނު އެންމެ ބޮޑު ސަބަބަކީ އިންޑިޔާގެ ޓޫރިސްޓުންނެވެ. ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް ބަޔަކަށް އިންޑިޔާގެ ޓޫރިސްޓުން ވި އެވެ. އެކަމަކު، އިންޑިއާގެ ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، އެ ގައުމުން ޓޫރިސްޓުން އައުން މި އަހަރުގެ މެއި 13 އިން ފެށިގެން ހުއްޓައިލި އެވެ. އޭގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެ އަންނަ ޓޫރިސްޓުން 3،000 އިން 1،500 އަށް ވެއްޓުނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިިދާޅުވީ، ރިސޯޓުތަކުގެ އޮކިއުޕެންސީ އަށް އެހާ ބޮޑު އަސަރެއް ކުރި އެއް ސަބަބަކީ ދެކުނު އޭޝިއާ އާއި އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވެ އެ ގައުމުތަކުން ޓޫރިސްޓުން ގެނައުން ހުއްޓާލަން ޖެހުން ކަމަށެވެ.

މި އަހަރު ފެށުނީއްސުރެ މެއި މަހާ ހަމައަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ 20 ޕަސެންޓް ހިއްސާ ވެފައި އޮތީ އިންޑިއާ ޓޫރިސްޓުންނެވެ. މިއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދުން ބޮޑު ނިސްބަތެކެވެ.

އަންގްސާނާ ވެލާވަރު ރިސޯޓުގެ ފްރޮންޓް އޮފީސް މެނޭޖަރު އަމްޖަދު އަހުމަދު ވިދާޅުވީ، އެ ރިސޯޓުގެ އޮކިއުޕެންސީ މި ވަގުތު އުޅެނީ 30 ޕަސެންޓުގައި ކަމަށެވެ.

އޭނާ ވެސް ވިދާޅުވީ، މި އަހަރު ފެށުނީއްސުރެ، މެއި މަހާ ހަމައަށް އެ ރިސޯޓަށް އައި ޓޫރިސްޓުންގެ 30 ޕަސެންޓް ނިސްބަތް ވަނީ އިންޑިއާ އަށް ކަމަށެވެ. އިންޑިއާ އަދި ސައުތު އޭޝިއާ ބަންދު ކުރުމާ އެކު ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންގްސާނާ ވެލާވަރު ރިސޯޓުން މިހާރު މަސައްކަތް ކުރަނީ ޓޫރިސްޓުންނަށް އާދެވޭ ސަރަހައްދުތަކުން ރާއްޖެ އަށް ޓޫރިސްޓުން ގެންނާށެވެ.

ރަސްދޫގައި ތިބި އިންޑިއާ ޓޫރިސްޓުންތަކެއް: އިންޑިއާއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަމުންދިޔަ ގައުމެއް.-- ފައިލް ފޮޓޯ: މިހާރު

"ބޭނުންވާނީ އޮކިއުޕެންސީ އިތުރުވުން. އެކަމަކު މިއީ މި ވަގުތު ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ ވެސް ހާލަތު،" އަމްޖަދު ވިދާޅުވި އެވެ.

ފަސް ރިސޯޓެއް ހިންގާ އެޓްމޯސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު ސްޓެފާން ލެގުއެޓް ވިދާޅުވީ، ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ 20 ޕަސެންޓަށް ވުރެ ވެސް ދަށުގައި އުޅޭ ކަމަށާއި އެ ކުންފުނީގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް މި ވަގުތު ހުރީ އެވްރެޖްކޮށް 25 ޕަސެންޓުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އޮޕިއުޕަންސީ އެހާ ބޮޑުތަން ވެއްޓުނީ އިންޑިއގެ ޓޫރިސްޓުން އައުން ހުއްޓާލުމުން ކަމަށެވެ.

"އިންޑިއާއަކީ ވަރަށް ބޮޑު މާކެޓެއް. މިދިޔަ ދުވަސްތަކުގައި އެ ގައުމުން އައި ޓޫރިސްޓުން ގިނައީ. އަޅުގަނޑުމެންގެ ރިސޯޓުގައި ވެސް 30 ޕަސެންޓް ހިއްސާ ވަނީ އިންޑިއާ ޓޫރިސްޓުންނަށް،" ސްޓެފަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮކިއުޕެންސީ ރަނގަޅު ކުރެވޭނީ އިންޑިއާ އާއި މި ސަރަހައްދުގެ ޓޫރިސްޓުންނަށް ގައުމު ހުޅުވާލައިގެންނެވެ. އެކަމަކު އެކަން ކުރަން ވާނީ ރަނގަޅު ނިޒާމެއްގެ ތެރެއިން ކަމަށް ސްޓެފަން ވެސް ގަބޫލުކުރައްވަ އެވެ.

ޔޫރަޕްގެ ރެޑް ލިސްޓުން ސަލާމަތްވާން ޖެހޭ

ރާއްޖެ އަށް މި ދުވަސްވަރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުންނެވެ. މި އަހަރުގެ މިހާތަނަށް އެ ސަރަހައްދުން ދެ ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ 2019 ވަނަ އަހަރަށް ވުރެ 40 ޕަސެންޓުގެ އިތުރުވުމެކެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، މި ދުވަސްވަރު ރިސޯޓުތަކުގެ އޮކިއުޕެންސީ އެހާ ބޮޑަށް ދަށަށް ދިޔަ އަނެއް ސަބަބަކީ، އިނގިރޭސިި ވިލާތުން ރާއްޖެ ރެޑް ލިސްޓަށް ލުމާ އެކު، އެ ގައުމު މެދުވެރިކޮށް ރާއްޖެ އަށް އެ ސަރަހައްދުން ޓޫރިސްޓުން އައުން ހުއްޓުން ކަމަށެވެ.

ރާއްޖޭގެ ބޯޑަރު، މިދިޔަ އަހަރުގެ ޖުލައިގައި ހުޅުވާލުމުން ރާއްޖެ އަށް އައި ޓޫރިސްޓުންތަކެއް: މިވަގުތު ރިސޯޓުތަކުގެ އޮކިއުޕެންސީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި-- ފައިލް ފޮޓޯ: މިހާރު

"ބްރިޓިޝް އެއާވޭސް އިން ހަފްތާއަކު ދިޔައީ ދެ ފްލައިޓް އަޅަމުން. މިހާރު އެ ސަރަހައްދުން ޓޫރިސްޓުންނަކަށް ނާދެވޭ. އެހެންވެގެން ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޓިޝް އެއާވޭސް މެދުވެރިކޮށް އިނގިރޭސި ވިލާތުގެ އިތުރުން އެ ސަރަހައްދުގެ ގިނަ ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން އާދެ އެވެ. އެ ސަރަހައްދުން ދަތުރުތައް ފެށުމުން އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާނެ ކަމަށް މައުސޫމް ދެކެވަޑައިގަންނަވަ އެވެ.

އޮކިއުޕަންސީ ދަށްވެ، ރިސޯޓްތައް ގޮތް ހުސްވެފައި!

ކޮވިޑާ އެކު ވަރަށް ގިނަ ރިސޯޓްތައް މިދިޔަ އަހަރު އޮތީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ އެކު ރިސޯޓްތައް މަޑުމަޑުން ހުޅުވަމުން ދިޔަ އެވެ. އަލުން ބޯޑަރު ހުޅުވި އިރު، ބައެއް ރިސޯޓްތަކުން ވަނީ ވަރަށް ބޮޑަށް ހަރަދުތައް ވެސް ކުޑަކޮށްފަ އެވެ. އެ ގޮތަށް ހިންގަމުން ގެންދަނިކޮށް، ބައެއް ގައުމުތަކާ އެކު ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެގެން، ދަތުރުފަތުރު ކުރުމުގައި މިއޮތީ ހުރަސްތައް ކުރިމަތިވެފަ އެވެ.

އަންގްސާނާ ރިސޯޓުގެ އަމްޖަދު ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި ދުވަސްވަރު ގިނަ މުވައްޒަފުންތަކެއް ޗުއްޓީ އަށް ފޮނުވާފައިވާ ކަމަށެވެ. އެ މީހުން ޗުއްޓީ އަށް ފޮނުވުމުން، ހޭދަވާ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންކޮޅު ފޮނުވާލަނީ ޗުއްޓީ އަށް. މިހެން ހެދީމާ އެ މުވައްޒަފުންގެ ކެއުމާއި ތިބުމަށް ދާ ހަރަދު ވެސް ކުޑަކުރެވޭނެ،" އަމްޖަދު ވިދާޅުވި އެވެ.

ސަން އައިލެންޑްގެ ފްރަންޓް ޑެސްކްގައި ބަޔަކު މަޑުކޮށްލައިގެން. ޓޫރިސްޓުންގެ އިތުބާރު ހޯދޭނީ ކޮވިޑް ކޮންޓްރޯލްކޮށްގެން ކަމަށް ރިސޯޓުތަކުން ބުނޭ-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ 30 ޕަސެންޓް އޮކިއުޕެންސީގައި ވެސް ރިސޯޓު ހިންގަނީ ބޯޑަރުތައް ހުޅުވައިލުމުން އެކަމަށް ތައްޔާރުވެ ތިބުމުގެ ގޮތުން ކަމަށެވެ.

އަމްޖަދު ވިދާޅުވިގޮތުގައި، އަންގްސާނާ ވެލާވަރު ރިސޯޓަށް ގެއްލުމުގައި ވެސް ކުރިއަށް ދެވެނީ އެއީ މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑް ބެނިއަން ޓްރީގެ ދަށުން ހިންގާ ތަނަކަށް ވާތީ އެވެ.

"މީގައި ސަވައިވް ވާން އުނދަގޫވާނީ އެއް ރިސޯޓުން މެނޭޖްކުރާ ކުންފުނިތަކަށް. އަޅުގަނޑުމެންގެ ހޮޓެލްތައް އެކި ސަރަހައްދުގައި އެބަހުރި. އެހެންވީމާ މި ގޮތަށް ގެއްލުމުގައި ގިނަ ދުވަހު ހިންގުމުގެ މާލީ ތަނަވަސްކަން އެބަހުރި. އެކަމަކު އެއް ރިސޯޓް ހިންގާ ކުންފުނިތަކަށް ހިފަހައްޓާލަން ވަރަށް އުނދަގޫ ވާނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެފާން ވިދާޅުވީ، އޮކިއުޕެންސީ މިހާ ދަށުގައި ހިންގުމަކީ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ރިސޯޓަށް ޓޫރިސްޓުން ނާންނަ ނަމަ އިތުރު މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުންފުނި ހިންގުމަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިސްޓުންގެ އިތުބާރު ހޯދޭނީ ކޮވިޑް ކޮންޓްރޯލް ކޮށްގެން

ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާހިދު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގައި ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްވެފައި އޮތުން ވަރަށް މުހިއްމެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމަ އަށް އަމަލުކުރެވޭނެ ރަނގަޅު އުސޫލެއް އޮތުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

"ވެކްސިން ޖަހައިގެން އިންޑިއާ އިން ވެސް ޓޫރިސްޓުން އަންނަން ހުއްދަ ދިނުން ރަނގަޅު،" ނާހިދު ވިދާޅުވި އެވެ.

ޕެރެޑައިސް އަކީ އިންޑިއާ އިން ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދިޔަ ރިސޯޓެކެވެ. އެކަމަކު، އެ ގައުމުން ޓޫރިސްޓުން އައުން މަނާކުރުމުން ޕެރެޑައިސް ރިސޯޓުން އަންނަނީ، އެހެން ގައުމުތަކަށް އަމާޒުކޮށް މާކެޓިން ހަރަކާތްތައް ހިންގައި ޓޫރިސްޓުން ގެންނަމުންނެވެ.

އިންޑިއާގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ވެސް ރާއްޖެ އަށް ޓޫރިސްޓުން އިތުރު ކުރެވޭނީ ދަތުރު ކުރާ މީހުންގެ އިތުބާރު ރާއްޖެ އަށް ލިބިގެންނެވެ.

ސަން އައިލެންޑް ރިސޯޓުގެ މެނޭޖަރު އަބްދުﷲ ފަތުހީ ވިދާޅުވީ، ޓޫރިސްޓުންގެ އިތުބާރު ހޯދުމަށް ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ، ހާލަތު އެއް ވަރަކަށް ނުހިފެހެއްޓޭ ނަމަ ޓޫރިސްޓުން އައުން ވާނީ މަދު ކަމަށެވެ.

"އިންޑިއާ މާކެޓް ވެސް މުހިއްމު. އެހެން މާކެޓުތައް ވެސް މުހިއްމު،" ފަތުހީ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވެފައިވާ މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށެވެ.

މިނިސްޓަރު ވިދާޅުވީ، އުންމީދު ކުރި ވަރުގެ ކާމިޔާބެއް މި ދެތިން މަހު ނުލިބުނު ނަމަވެސް މި އަހަރަށް ކަނޑައަޅާފައިވާ އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ރަނގަޅުވަމުން ދިއުމާ އެކު ކުރިއަށް ދެތިން ހަފުތާގައި އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމަށް ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށެވެ.

50 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްކިޕަރ

29 June 2021

ހުރިހާވެސް މައްސަލައަކީ ކޮވިޑާއި މެދު ފަރުވާލެއް ނެތުން. މާލޭ ވިޔަފާރި ފުނޑިދާނެޔޭ، އޮފީސްތަކުގައި މަސައްކަތް ކުރަންޖެހެޔޭ ކިޔައިގެން މުޅި މާލެ ހުޅުވާ ބަލި ފަތުރާލީ. ދެން ކުރިކަމަކީ އިންތިހާބޭ ކިޔައިގެން ބަލިފަތުރާލީ. އޭރުވެސް އަހަރުންބުނިން މިހެން ކަންތައްކުރީމާ ޓޫރިޒަމްވެސް ފުނޑޭނީއޭ. އޭރު އަހަރެމެންނަށް ކުރީ މަލާމާތް

The name is already taken The name is available. Register?

ލުތުފީ

29 June 2021

ފާއިތުވި އެތަކެއް އަހަރުތަކުގައި %100 ގައި ހިންގައިގެން ލިބިފައިވާ ނަފާއިން ކޮންމެވެސް ވަރެއް ހޭދަކޮށްގެން، މި އުނދަގޫ ދުވަސްވަރު މުވައްޒަފުންގެ އަސާސީ މުސާރަ ނަމަވެސް ދިނުން ކީއްތޯއެވެ. މަންފާ ނުލިބި އެންމެ މިދަނީ އެންމެ އަހަރު ނޫންތޯއެވެ. މިކަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެގެން އުަޅޭ ބޮޑު ބަލިމަޑުކަމެއްކަމުން، މިކަމުން އަރައިގަންނަށް އެންމެންވެސް ގުރުބާނީ ތަކެއް ވާންޖެހޭ.

The name is already taken The name is available. Register?

ކުދި ބޮލި

29 June 2021

އިއްޔެ ބަޔަކު ނުކުމެ މުޒާހަރާ ކުރީ ބަލި ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިނުލިބެން. އަނެއްބަޔަކު ޗުއްޓީއަށް ރަށަށް ނުދެވިގެން. ބަލި ކޮންޓްރޯލްކޮށްފަ ބާއްވައިގެން ނޫނީ ޓޫރިޒަމް ރަގަޅެއް ނުވާނެ. ހަމައެކަނި ރިސޯޓްތަކަށް ދެވޭގޮތަށް ސައުތު އޭސިޔާގެ ޓޫރިސްޓުންނަށް ހުޅުވާލަންވީއެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 June 2021

ތިމަންނާ މެންނަކީ "ކަތިވަޅިހިފައިގެން ރަށްކޮށާން ނިކުތްމީހުންކަމަށްބުނާ" ދިވެހި ޕައިނީއަރުންގެ ހާލަތަކީ ހަމަ މިއީތޯ؟! މިއީ ކިހިނެއް ވިޔަފާރީގެ ޕްލޭންތަކާއި ފޮކާސްޓް ގެންގުޅޭ ބައެއްތޯ. # ވަޒީރު މައުސޫމްގެ ދައުރުގައި މި މަހްޖަނުންނަށްވެސް ގެއްލުން ނުވާގޮތަށް އާންމު ދިވެހިރައްޔިތުމީހާއަށް ފަތުރު ވެރިކަމުގެ މަންފާ ހޯދާދޭން 4 ސްޓާރ ސިޓީ ހޮޓާތައް ހެދުމަށް ހަނިމާދޫ، ލ. ގުޅިފައިވާ ރަށްތައް އަދި އައްޑޫސިޓީ ހުޅުމީދޫ އަވަށް ހުޅުވާލަންވީ ނޫންތޯ؟

The name is already taken The name is available. Register?

ހަސަނު1

29 June 2021

އައްޑޫގައި ކޮންސިއުލޭޓް އަޅާ މައިސަރުކާރަށް ޖިޒީ ދައްކަން ފެށީމައި "ރަށު" މީހުން ތި 4 ސްޓަރ ހޮޓާތަކަށް އައިސް ފުރާލާނެ. ހާސް ކަނޑާލާ.

The name is already taken The name is available. Register?

އެމްސް

28 June 2021

އެންމެ ކަމަކަށް އެކަނި ގޮސް ހުސްވީމަ، އެކަމެއް ފުނޑުނީމަ ޤައުމުވެސް ފުނޑޭނީ! މިއަހަރުވެސް އިތުރު އެތައް ރަށެއް ކަނޑަ އެޅީ ހަމަ އެއްކަމަކަށް!

The name is already taken The name is available. Register?

ހަމައެހެން

28 June 2021

އެންމެ ގައުމަކަށް ގޮސް ހުސްވީމަވެސް ނަތީޖާ ނިކުންނާނީ އެހާ ހިތިކޮށް. ކުރިއަށް އޮތްތަނުގަވެސް އެކަން ފެންނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 June 2021

ރިސޯޓްތައް ފުޑޭކަމަށްވަންޏާ ރެގިއުލޭޓްބޮޑީތަކުންނާއި ކަމާއިގުޅުންހުރި ވުޒާރާތަކުން މިކަމުގެތެރެއަށްވަދެ ރިސޯޓްތައް ސަލާމަތްކުރާންޖެހޭ. # މިގޮތުން އެންމެ ފުރަތަމަ އަޅާންޖެހޭ ފިޔަވަޅަކީ ރިސޯޓް ތަކަށް ލިބޭ އާމްދަނީ ދެނެގަތުމާއި ޙަރަދު ކުޑަކުރުމަށް ކުރާންވީ ކަންކަން ބުނެ އެކަންކަން އެގޮތަށް ތަންފީޒު ކުރުވުން. މިގޮތުން ރިސޯޓްތަކުގައިތިބި ބިދޭސިން ބޭރުކުރުމަށާއި އެމަޤާމް ތަކަށް މީހުން ބޭނުން ނަމަ ދިވެހިން ނަގާން އެންގިދާނެ. އޭގެފަހުން މާލީއެހީދޭންވާނީ.

The name is already taken The name is available. Register?

ލާމު މީހާ

28 June 2021

‎އަބަދުވެސް މިއިވެނީ ރިސޯޓުތަކުގެ ވެރިންނައް ގެނުންވެދާނެތީ ކަންބޮޑުވާ ވާހަކަ ކޮބާތޯ ރިސޯޓުތަކުގަ ބަންދުކުރުވައިގެން އަބިދަރިން އާއިލާ ނުފެންނަގޮތައް މަސައްކަތްކުރަން މަޖުބޫރުކުރުވާފަތިބި އެތަކެއްހާދިވެހިން ކޮބާތޯ އެއާއިލާތަކައް ލިބެބުންދާ އަނިޔާގެވާހަކަ ކޮބާތޯ މިގައުނުގެ 90ޕަސެންޓު ޖޑޕ ހިފަހައްޓާ މަސައްކަތްރުރިންގެ ވާހަކަ

The name is already taken The name is available. Register?

ކިނބޫ

28 June 2021

މި ގައުމު ނިކަމެތި ކުރުމަށް ޓުރިޒަމް ބޮއިކޮޓް ކުރަން ގޮވާ އެ މަސައްކަތް ކުރި މީހނަށް ގުދުރަތީ ގޮތުން މިއޮތީ މިކަން ދިމާވެފަ. ނުބައިނުލަފާކަމުގެ ހިތި ދުނިޔެއިން ދައްކަވާނެ.

The name is already taken The name is available. Register?

ތިމާވެށި

28 June 2021

ސަރުކާރު ހަރަދު ކުޑަ ކުރަން ވީ އެވެ. ސިޔާސީ މީހުންގެ މުސާރަ ކުޑަ ކުރަން ވީ އެވެ.

The name is already taken The name is available. Register?

ތޮއްޔިބު

28 June 2021

މިކަން މިދިމާވީ ބޯއިކޮޓް މޯލްޑިވްސް ޖަހައިގެން ޓްވިޓާގަ ކެމްޕެއިން ކުރި މީހުން ގައުމު ހިންގަން ތިބި ވަގުތާ. ފޭހުނު އިލޮށިގަނޑު މިއޮތީ ލޮލަށް ހެރިފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454