ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކަށް ފަހު ސަޕޯޓަރުންނަށް މައުމޫން އަތްޕުޅުން އިޝަރާތްކުރައްވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
23 ނޮވެމްބަރ 2016 - 10:30
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކުން މަހްރޫމް ވެގެންދާނެ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. މި މައްސަލާގައި ވަކި ގޮތެއް ނިމެންދެން އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން ވަކި މުއްދަތެއް ނެތް ގޮތަށް ހުޅުވައިލަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރެއް ނެރެފަ އެވެ.
މި މައްސަލައަށް އިޝާރާތްކުރައްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމްގެ ވަކި ބަޔަކު އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހެޅީ، އެ ޕާޓީގެ އަމިއްލަ މަސްލަހަތު ދިފާއު ކުރުމަށް ކަމަށެވެ. މީގެ ސަބަބުން އެހެން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަސްލަހަތު ގެއްލޭނެތީ ޕާޓީގެ އާއްމު މެމްބަރުން ކަންބޮޑުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އުމުރަކީ، ތިން އަހަރު ކަން މައުމޫން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ ކައުންސިލެއް އިންތިހާބުުކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
ކައުންސިލްތަކުގެ ދައުރު ފެބުރުއަރީ 27 ގައި ހަމަވާއިރު، އާ ކައުންސިލް ޖެނުއަރީ 27 ގެ ކުރިން އިންތިހާބު ކުރަން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޕީޕީއެމް ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާއި އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ޕާޓީގައި ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ.
އެ ހާލަަތަށް ރިއާޔަތްކުރާއިރު ޒަރޫރީ ކަންތައް ކުރިމަތިވެފައިވާ ކަމަށް ސިވިލް ކޯޓުގެ ވަގުތީ އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލޭއަލި
31 March 2017
30 އަހަރުގެ ޑިކްޓޭޓަރު ވެރިކަމުގާ ހުރިއިރު ބުނީ ޤާނޫނާ ޤަވާއިދު ދަސްކޮށްދޭށެ. ވެރިކަމުން ދުރުވީމާ ޤާނޫނާ ޤަވާއިދު ދަސްވެ ބޮޑުވެގެން ތެޅިފޮޅެނީ. މީހުން ކިޔާ އެއްޗިއްސަކަށް ލަދެއްވެސް ނުގެނޭ،
އަލިދީދީއައްޑޫސިޓީ
23 November 2016
މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންސް ހަދާފައި، އަތޮޅުވެރިންނާއި ކަތީބުން ލެއްވީމަ ހުސްތަން ފުރުނީ ނޫންތޯ؟
ޒެޑްސް 1
23 November 2016
މައުމޫނު ކޮން ގާނޫނީ ހުސްކަމެއްތޯ އަންނާނީ. މި ބޭނުންވަނީ މަނިކުފާނަށް ސަޕޯޓުކުރާ ދޮށީ އުމުރު މީހުންނަށް އިންތިޚާބުގައި ބައިވެރިނުވެވޭ ގޮތަ ހަދަން ނޫންތޯ. އެ ގާނޫނު ފާސްވުމާއި އެކުއެކީ އޮންނާނީ ވޯޓަށް ތައްޔާރުވެވިފައި
ނަތަން
23 November 2016
މައުމޫނު މިހާރު ޖޯކަރަކަށް ބަދަލުވެއްޖެ، ތިކަހަލަ ވާހަކަ ނަޝީދުމެން ދެއްކިޔަސް މައްސަލައެއްނެތް، އެއީ އެމީހުންނަކީ ދެއުޅި އެއްނުވާމީހުން ކަން އެއްމެންވެސް ދަނޭ... މިހާރު މައުމޫނުވެސް އެހަލަތަށްވެއްޓުނީތާ!!!
ރަދީފް
23 November 2016
އެމަނިކްފާނު ހަގީގަތަށް ކަންއޮތްގޮތް ވިދާޅުވީމަ ދެއުޅިއެއްނުވީ.ތިދެން ކިހާ ދެރަކަމެއް.ކަލޭމެން އަޅާކޮންމެ ބަތަކަށް ރިހަ އަޅަންޏާ އެއީ މާތް ހެޔޮވިސްނޭ ބޭފުޅެއް.އަމިއްލަ އެދުންވެސް ހާދަބޮޑޭ.ލަދުކޮބާ؟؟
އަހުމަދު އަލީ
23 November 2016
2013 އިލެކުޝަން ސަކަރާތުގައި އިލެކުޝަން ލަސްކުރި 11 ނޮވެމްބަރ 2013 ވަނަ ދުވަހު އާރައިސްއެއް ހުވާނުކުރޭ ސުޕުރިން ކޯޓުން އެންގީ ވެރިކަމުގައި ހުރި ބޭފުޅާ ވޯޓުލާ ނިމެންދެން ވެރިކަމުގަ ހުރި. ބޭބޭފުޅުން ދެންނެވި ގާނޫނީ ހުސްކަން އަންނާނެއޭ. މިފަހަރުވެސް ހަމަ ކޯޓަށް ދިޔާމަ ބޭނުންވާ ގޮތަށް ކަންތަށް ނިމިގެން ދިއުން ވަރަށްގާތް. ރާއްޖޭގެ ކަންތަށްތަށް ހިގަމުންދަނީ އެއިރަކު އެބަޔަކަށް ފެނުނު ގޮތަކަށް،
ޑޮން އަހުމަދު
23 November 2016
ތިޔަ ވިދާޅުވި އެއްޗެއްގެ ރަނގަޅުގޮތަކީ، "ވަކި ބަޔަކަށް އެއިރަކު ފެނުނުގޮތަކަށް."