ޕީޕީއެމްގެ މުދަލާއި މެމްބަރުންގެ ޑޭޓާބޭސް ހޯދުމަށް ފޮނުވި ސިޓީއާ ހަވާލެއް ނުވި!

ޕީޕީއެމްގެ ހަރު މުދަލާއި މެމްބަރުންގެ ޑޭޓާބޭސް އާއި ލިޔެކިޔުންތައް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްދިނުމަށް އެދި، އެ މަނިކުފާނު ފެކްޝަނުން ޕީޕީއެމްގެ ރަސްމީ އޮފީހަށް ފޮނުވި ސިޓީއާ ހަވާލުނުވެ އަނބުރާ ފޮނުވާލައިފި އެވެ.


ޕާޓީ ދެ ފަޅިކޮށްގެން ހިންގަމުންދާ އިރު، ރަސްމީ އޮފީސް އަދިވެސް ހިންގަނީ ހ. ތެމާގަ އެވެ. އެ އޮފީސް ހިންގަނީ، ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުންނެވެ.

މައުމޫން ފެކްޝަނުން އައްޔަންކޮށްފައި ހުންނެވި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ ޕީޕީއެމްގެ ރަސްމީ އޮފީހަށް ފޮނުވި ސިޓީއެއް އަނބުރާ ފޮނުވާލީ، އެއީ އެ ޕާޓީ އޮފީހާ ބެހޭ ސިޓީއަކަށް ނުވާތީ ކަމަށެވެ. ޕީޕީއެމް އޮފީހުން ފޮނުވި ސިޓީއެއް ކަމަށް އެޑްރެސްކޮށްފައި އޮތް ނަމަވެސް ހ. ތެމާއަކީ ޕާޓީގެ ރަސްމީ އޮފީސް ކަމަށް ވާ އިރު އެ އޮފީހުން، އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"އޭގައި އޮތީ ޕީޕީއެމްގެ ނަން ޖަހާފައި، އެކަމަކު މި އޮފީހުން މި އޮފީހަށް އެފަދަ ސިޓީއެއް ނުފޮނުވާ. އެހެންވެ ފޮނުވާލީ،" އަލީމް ވިދާޅުވި އެވެ.

އެ ސިޓީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު، ރައީސް ޔާމީން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، ޑރ. އަބްދުﷲ ޚަލީލް ސޮއި ކުރައްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް ޕާޓީ ހިންގެވުމާއި އެކި މަގާމްތަކުގައި ޕާޓީ ތަމްސީލްކުރުމާއި ކައުންސިލްގެ ރިއާސަތު ބެލެހެއްޓެވުމުގެ އިހްތިޔާރު މުސްތަޝާރަށް ދީފައިވާ ކަމަށެވެ. ކައުންސިލުން އެގޮތަށް ނިންމީ ކޯޓު އަމުރާއެކު ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ހައި ކޯޓުން ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއެމް ހިންގެވުމުގެ ޒިންމާ ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައިވާތީ ޕާޓީގެ ހަރު މުދަލާއި މެމްބަރުންގެ ޑޭޓާބޭސް އާއި ލިޔެކިޔުންތަކާއި އަދި މި ނޫންވެސް ޕީޕީއެމް ހިންގުމާ ގުޅޭ އެންމެހާ ތަކެތި ޕާޓީގެ މުސްތަޝާރާ ހަވާލު ކޮށްދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައިވެ އެވެ.

ޕީޕީއެމް ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި ޕާޓީ ދެ ބައިވެފައި ވަނިކޮށް އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ސިވިލް ކޯޓުން ހުކުމްކުރީ އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވާތީ، މައުމޫންގެ ފަރާތްޕުޅުން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.