މުނިފޫހިފިލުވުން / ޕްރިޔަންކާ ޗޯޕްރާ

ޕްރިޔަންކާއާ އެކީ މަސައްކަތްކުރުން އަކްޝޭ އާއި ޝާހްރުކަށް މަނާ

ބޮލީވުޑްގެ ތަރިންގެ ލޯބީގެ ވާހަކަތަކަށް ފޭނުން އަބަދު ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ. އަދި އެފަދަ ވާހަކައެއް ތިލަވެއްޖެ ނަމަ އެ ވާހަކައެއް ވަރަށް ހޫނުކޮށް ދެކެވެ އެވެ. މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސަބަބުން ބޮލީވުޑްގެ ދެ ކައިވެންޏެއްގައި ބޮޑެތި މައްސަލަތަކެއް ޖެހުނު ކަމަށް ވާހަކަ ދެކެވޭ ވާހަކަ އަކީ ވެސް ނުހުއްޓޭ ވާހަކައެކެވެ.

އޭގެ ތެރެއިން އެކަކީ އަކްޝޭ ކުމާރެވެ. ދެހާސް ވަނަ އަހަރުގެ މިސް ވޯލްޑް ތާޖަށް ފަހު، ޕްރިޔަންކާ ބޮޑު ސްކްރީނުން ފެނުނު ދެވަނަ ފިލްމު 2003 ގެ "އަންދާޒް" އަކީ އަކްޝޭއާ އެކު ކުޅުނު ފިލްމެކެވެ. މި ފިލްމުގެ މަސައްކަތްކުރި ދުވަސްވަރުން ފެށިގެން ވެސް އަކްޝޭ އާއި ޕްރިޔަންކާއާ ދެމެދު ކޯ-ސްޓާރުންގެ މެދުގައި އޮންނަ ގުޅުމަށް ވުރެ، ހާއްސަ ގުޅުމެއް އޮންނަކަމުގެ ވާހަކަތަކެއް ދެކެވުނެވެ.

"އަންދާޒް" އާ އެކު އަކްޝޭ އާއި ޕްރިޔަންކާ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި އެވެ. އޭގެ ފަހުން ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2004 ގެ "އެއިތުރާޒް" އެ އަހަރުގެ "މުޖްސޭ ޝާދީ ކަރޯގޭ" އަދި 2005 ގެ "ވަގުތު: ދަ ރޭސް އެގެއިންސްޓް ޓައިމް" ހިމެނެ އެވެ.

މި ފިލްމުތައް ކުޅެމުން ދިޔަ ދުވަސްވަރު އަކްޝޭ އާއި ޕްރިޔަންކާގެ ގުޅުމުގެ ވާހަކަ އަންހެނުން ޓްވިންކަލް ކަންނާއާ ހަމައަށް ދިޔަ އެވެ. ނަތީޖާއަކަށްވީ އަކްޝޭ އަށް ޓްވިންކަލް ދިން އިންޒާރުތަކާ އެކު އޭނާ އާއި ޕްރިޔަންކާގެ ޖޯޑު އަލުން ސްކްރީނަށް ދެން ދެން ނާންނާނެކަން ކަށަވަރުވުމެވެ.

ޓްވިންކަލް ވަނީ ޕްރިޔަންކާއާ އެކު އަކްޝޭ ފިލްމު ކުޅުން ހުއްޓާލަން އަންގައިފަ އެވެ. އެހެންވެ ކައިވެނި ސަލާމަތްކުރަން އަކްޝޭ އަށް އިހުތިޔާރުކުރަން ޖެހުނު ގޮތަކީ އެ ނިންމުމާ ރުހުމެވެ. ޓްވިންކަލްއާ ކައިވެނިކުރުމުގެ ކުރިން ވެސް އަކްޝޭ އަކީ އެތައް ބަތަލާއަކާ ލޯބީގެ ގުޅުން ބޭއްވި އެކްޓަރެކެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ރަވީނާ ޓަންޑަން ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަކްޝޭއާ އެކު 1996 ގައި "ކިލާޅީޔޯންކާ ކިލާޅީ" ކުޅުނު ރޭކާ އާއި އަކްޝޭއާ ދެމެދު ވެސް ލޯބީގެ ކުޅިގަނޑެއް ހިނގި އެވެ.

އަކްޝޭ އާއި ޓްވިންކަލް ކައިވެނިކުރީ 2001 ގަ އެވެ. ކައިވެންޏަށް މިހާރު ދެ ކުދިން އެބަތިއްބެވެ. ދޮށީ ފިރިހެން ދަރިފުޅު އާރަވް (ކުމާރު) ބާޓިއާ އަށް މިހާރު 18 އަހަރެވެ. ހަގު އަންހެން ދަރިފުޅު ނިތާރާ ކުމާރަށް 8 އަހަރެވެ.

ދެން ޝާހްރުކާއި ޕްރިޔަންކާގެ ވާހަކަ އެވެ. މި ދެ ތަރިން އެކީގައި ދެ ފިލްމު ކުޅުނެވެ. އެއީ 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" އެވެ. ޝާހްރުކަކީ އޭނާ ބޮލީވުޑަށް ނުކުތް އިރު ވެސް، ކައިވެނިކޮށްގެން ހުރި އެކްޓަރެކެވެ. އަދި ޕްރިޔަންކާ އާއި އޭނާގެ ސިއްރު ގުޅުންތަކެއްގެ ވާހަކަތައް ފެންމަތިވުމުގެ ކުރިން އެފަދަ އެއްވެސް ވާހަކައެއް ކުރިން ޝާހްރުކާ ބެހޭ ގޮތުން ދެކެވިފައެއް ނުވެ އެވެ. ގިނަ ބަޔަކު ދެކެމުން އައީ އޭނާ އާއި ގޯރީ ކައިވެންޏަކީ ނަމޫނާ ކައިވެންޏެއްގެ ގޮތުގަ އެވެ.

ނަމަވެސް ކުރިން އެއްވެސް ލައްގަނޑެއް ނެތް އެ ކައިވެނީގައި ޕްރިޔަންކާއާ ހެދި ކުނިތަކެއް ޖެހުމުން އަކްޝޭ އަށް ޓްވިންކަލް އިންޒާރު ދިން ގޮތަށް، ޝާހްރުކަށް، ގޯރީ އިންޒާރުދީ ޕްރިޔަންކާއާ އެކު މަަސައްކަތްކުރުން ހުއްޓުވި އެވެ.

"ޑޮން 3" އަކީ ހަދާނެ ކަމަށް ބުނާ ފިލްމެއް ނަމަވެސް، ޔަގީންވާ ކަމަކީ އެ ފިލްމުން ޝާހްރުކާ އެކީ ޕްރިޔަންކާ ނުފެންނާނެ ކަމެވެ. އެ ވާާހަކަ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދެކެވިފައިވެ އެވެ.

ދެހާސް އަށާރައިގައި އެމެރިކާގެ ލަވަކިޔުންތެރި/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކުރުމުގެ ކުރިން ޕްރިޔަންކާ ރައްޓެހިވި ބޮލީވުޑްގެ އެކްޓަރުންގެ ތެރޭގައި ޝާހިދު ކަޕޫރާއި ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު ހަރްމަން ބަވާޖޭ ހިމެނެ އެވެ. އަދި މޮޑެލް އަސީމް މާޗަންޓްއާ ވެސް ޕްރިޔަންކާ ރައްޓެހިވި އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454