ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
27 ޖޫން 2021 - 18:52
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަޅަން ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްގެ ޑިޒައިން ކުރެހުމާއި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އެވެ.
މި މަސައްކަތަށް 243 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަންޖެހެ އެވެ. މިނިސްޓްރީން ބުނީ އަންނަ އަހަރު ޑިސެމްބަރަށް މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސްކޫލެއް އިމާރާތްކުރަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ ފުރަތަމަ އިމާރާތްކުރާ ސްކޫލް "ސަލާހުއްދީން ސްކޫލް" މަސައްކަތައް އެހެން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަންނަ އަހަރުގެ މާޗަށް ނިންމަންޖެހޭ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް، 118 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.
އެއީ މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރަން ހަމަޖެއްސި ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލުގެ މަސައްކަތް، މި އަހަރަށް ފަސްކުރީ އެވެ.
މި ސަރުކާރުގެ ޕްލޭނަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތްކުރަން ޖެހޭނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
28 June 2021
ރާއްޖެތެރޭ ރަށަކަށް ތި ހަރަދުކޮށް ބޯޑިންގް ސްކޫލެއް ހުޅުވަންވީ ނޫންތޯ؟ ސިފައިންގެ ބޯޑިންގް ސްކޫލް ކިހިނެތް ވާނެތޯ ހަމަގައިމު އެތަނުން ނިކުންނަ ޒުވާނުން ވާނެ ފިސާރި ދުޅަހެޔޮ ޒިންމާދާރު މީހުންނަ. ބޯޑިން ސްކޫލްގެ ދަރިވަރުންނަށް ޒިޔާރަތް ކުރާ ބެލެނިވެރިން ރަށުގެ ތަންތަން ކުއްޔަށް ހިފާނެ، ދަތުރުފަތުރު ކުރާނެ،
އިސްތިއުފާއޭ
28 June 2021
ދަހާކިމާ ރާއްޖޭން ބޭރަށް ދަތުރުކޮށް އަޗާ ތަޅަން 300 މިލިއަން ރުފިޔާ މަހަކު ދުއްވާލާ ރައްޔިތުންނަށް އަސާސީ ޚިދްމަތެއް ދޭންވީމާ ކޮންޓްރެކްޓަރ ފައިނޭންސަށް މިދަނީ ސަރުކާރު ލަދުގަންނަން ޖެހޭނެ ހެޔޮވެރިކަމޭ ކިޔާ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަމުންދާއިރު ސަރުކާރު މިހާރުން މިހާރަށް އިސްތިއުފާދޭންވީއޭ އިސްތިއުފާއޭ..
ކޮސްބެތުއްތީދި
28 June 2021
އަހަރެން ހައިރާންވަނީ ސުކޫލް އަޅާވާހަކަ ކީއްކުރަން އަޅާ ސުކޫލެއްތޯ ދަރިންގެ ދަރިން ކީއްކުރަންތޯ މުނިމާމަ ކުދިންނައްވެސް މިގައުމުން ލިބޭނެ ފަޅުރަށެއް އެއާޕޯޓެއް މިހެންގޮސް ކިޔާކަމެއްނެތް ބޭރުގެ ފަރާއްތަކައް 50 އަހަރައް 99 އަހަރައްދޭއިރު އެކަން ކަންބޮޑުވެގެން ނެތް ނޫޅޭ ދެންކީއްކުރައް އަޅާ ސުކޫލް ތަކެއްތޯ ތިޔަސުކޫލް ތަކުން ކިޔަވައިގެން ނިކުއްނަ ކުއްޖާގެ ކޮންމުސްތަގް ބަލެއްތޯ އޮތީ ކާބަފައިން ފަގީރް ހާލުގަ އުޅުންއިރުވެސް ތަންތަން ވިއްކައެއްނުލާ ޖިޒނނގ
އެމްސް
28 June 2021
ތިވަރަށް ސްކޫލު އެޅޭ އިރު، ސްކޫލު ނިއްމާފަ ނިކުންނަ ކުއްޖާ ވަންނާނީ . . . . ؟
ބޮޑުމީހާ
27 June 2021
ޕްލޭނިން ބަޔަކަށް ކުރެވޭނީ މިހާވަރަށް. 30000 މީހުން އާބާދުވާތާ 2 އަހަރު ފަހުން ސްކޫލް މި ނިމެނީ.
މަދަރުސާ އެދުރު
27 June 2021
އެޗްޑީސީން ސުކޫލުތަކަށް ބިނާކުރަން ބިންދޭއިރުވެސް ބިންދެނީ 2ކޮޓަރި އެޕާޓްމެންތް ވަރު ތަންފުކެ އް. ދަހިވިޔަސް ވިޔަފާރިވިއަސް.ބޮޑުވަރު. ސުކޫލެއްވިެްޔާ ކުދިންގެ ފިޒިކަލް އެކްޓިވިޓީ ބޭ އްވޭނެ ވަރުގަ ޖާގަވެސް ދޭންވާނެދޯ. ޢެކަމު އެންމެފަހުން ހަދާފަހުރި ހުރަވީ ސުކޫލުވެސް ހީވަނީ ޖަލެ އްގަ އުޅެވޭހެން. ޢެހާ ހާސްބޮޑު، މީހަކަށް ވާނުވާ އެގޭ ގޮތަކަށް ހުރި ތަނެ އްނޫން. ކުޅިވަރުކުޅެލާނެ ތަމްފުކެ އްވެސް ނެތް.
އިބޫނިޔާ
27 June 2021
މިއީ ކިތައް ކްލާސްރޫމް ގެ ސްކޫލެއްބާ؟ މި ސކޫލް ގެ ގްރޮސްފްލޯޜ އޭރިޔާއަކީ ކޮބައިބާ؟؟
1828
27 June 2021
މާލެނޫން ސަރަޙައްދެއް ރާއްޖޭގައި ހަމަ ނެތީތޯ؟