އަހާން.
30 ޖޫން 2021 - 07:31
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފްރެންޗައިޒްގެ ތެރޭގައި ހިމެނޭ ބަޓް ކޭމްޕްގެ "އާޝިގީ" ގެ ތިން ވަނަ ފިލްމުގެ ބަތަލުގެ ރޯލަށް އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަ ފެތުރިފައި މި ވަނީ އަހާން، 25، ގެ ފުރަތަމަ ފިލްމު ވެސް އަދި ރިލީޒްނުވަނީހެވެ. އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ ސެޕްޓެމްބަރު 24 އަށް ތާވަލުކޮށްފައި އޮތް، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ "ތަޅަޕް" އެވެ. މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕްރޮޑިއުސަރު މުކޭޝް ބަޓްގެ "އާޝިގީ 3" އަށް އަހާން ސޮއިކޮށްފައިވާ އިރު، ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް ބަޓް ކޭމްޕުން އަދި ނުދައްކަ އެވެ.
ކުރިން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި "އާޝިގީ 3" ގެ ބަތަލާގެ ރޯލު ކުޅޭނީ ބަޓް ކޭމްޕަށް ނިސްބަތްވާ އާލިއާ ބަޓެވެ. "އާޝިގީ" ގެ ފުރަތަމަ ފިލްމު 1991 ގައި ޑައިރެކްޓްކުރީ އާލިއާގެ ބައްޕަ މަހޭޝް ބަޓެވެ. އެ ފިލްމުގެ ތަރިންނަކީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލެވެ.
އަދި "އާޝިގީ 2" މޯހިތު ސޫރީ ޑައިރެކްޓްކޮށް 2013 ގައި ގެނެސްދިން އިރު، ކާސްޓުންނަކީ ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރެވެ.
މި ދެ ފިލްމަކީ ވެސް އޭގެ ލަވަތަކުގެ ޖާދޫގައި ބެލުންތެރިން ވަރަށް ބޮޑަށް ޖެއްސުވި ދެ ފިލްމެވެ.
"އާޝިގީ 3" ގެ ބަތަލަކަށް އަހާން ނަގާފައިވާ ކަމަށް ބުނާ އިރު، ކުރިން އެ ފިލްމުގެ ބަތަލުގެ ރޯލުން ފެނިދާނެ ކަމަށް ބުނި އެކްޓަރުންގެ ތެރޭގައި އާލިއާއާ އެކު 2012 ގެ "ސްޓޫޑަން އޮފް ދި އިޔާ" ކުޅުނު ވަރުން ދަވަނާއި ސިދާތު މަލްއުތުރާ ހިމެނެ އެވެ.
މީގެ ހަފުތާއެއް ކުރިން ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަހާން ވަނީ އަކްޝޭ ކުމާރާ އެކު ވެސް ފިލްމަކަށް ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy