05 ޖުލައި 2021 - 06:55
މީހުން ހެއްވާލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ވަރަށް ތަފާތު ހުނަރެކެވެ. ފިލްމު ކުޅޭ މީހުންނަށް ވެސް އެންމެ އުނދަގޫ އެއް ކަމަކީ ހެއްވާ މަންޒަރުތައް ކުޅުން ކަމަށް ބުނެ އެވެ.
އެކަމަކު ބޮލީވުޑްގެ ކޮމީޑިއަނުންގެ ތެރެއިން ޖޯނީ ލީވާ އަށް ކޮމެޑީ އަކީ އެއްވެސް ކަމެއް ނޫނެވެ. މީހަކާ ދިމާ އަށް އޭނާ ބަލައިލާ ގޮތަކުން ނުވަތަ އިޝާރާތެއްކޮށްލާ ގޮތަކުން ވެސް އެންމެން ހެއްވާލަފާނެ އެވެ. މިހާރު އުމުރުން 63 އަހަރުގެ އެކްޓަރު އެތައް ފިލްމެއްގައި މިކަން ޔަގީންކޮށްދީފި އެވެ.
ހިންދީ ސިނަމާގައި އޭނާ ކޮމެޑީ ރޯލްތައް ކުޅެގެން ބެލުންތެރިންގެ ލޯބްތާއި ސަޕޯޓާއި އިހުތިރާމް ވަރަށް ބޮޑަށް ހޯދާފައިވެ އެވެ. އެހެންވެ ގިނަ ބަޔަކު އޭނާ ސިފަކުރަނީ "އެއްވެސް މީހަކު ރުޅި ނާންނަ" އެކްޓަރެއްގެ ގޮތުގަ އެވެ.
ސަބަބަކީ މިހާތަނަށް ކުޅުނު ކޮންމެ ރޯލަކުން ވެސް އޭނާ ބެލުންތެރިން ހެއްވާލައި، މޫނުމައްޗަށް އުފާވެރިން ގެނެސްދީފައިވާތީ އެވެ. ބެލުންތެރިން ރުޅި އަންނަ ޒާތުގެ ރޯލެއް މިހާތަނަށް އެއްވެސް ފިލްމެއްގައި ޖޯނީ ކުޅެފައެއް ނުވެ އެވެ. އަބަދު ވެސް އޭނާގެ ހާއްސަ ކަމަކީ ބެލުންތެރިން ހެއްވާލައި، ހިތްއުފާކޮށް ދިނުމެވެ.
ޖޯނީ ކަހަލަ ކޮމީޑިއަނުންނަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައެކެވެ. އޭނާ އަކީ ގުދުރަތީ ގޮތުން ވެސް އެ ހުނަރު ވަރަށް ބޮޑަށް ލިބިފައިވާ މީހެކެވެ. އެހެންވެ ޖޯނީ ބުނެލާ ކޮންމެ އެއްޗެއް، ޖައްސައިލާ ކޮންމެ ވައްތަރެއް ވަނީ ކޮމެޑީއަކަށެވެ.
މި ކުޅަދާނަ ފަންނާނު މިހާތަނަށް 300 އަށް ވުރެ ގިނަ ގިނަ ހިންދީ ފިލްމުގައި މަސައްކަތްކޮށްފައިވެ އެވެ.
ޖޯނީގެ ފެށުމަކީ 1982 ގެ "ދަރުދު ކާ ރިޝްތާ" އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. ބެލުންތެރިން އަބަދުވެސް ޖޯނީގެ އެންމެ މަޖާ އެއް އެއް ފިލްމަކީ 1993 ގެ "ބާޒީގަރް" އެވެ. ވަރަށް ސީރިއަސް ޕްލޮޓެއް އޮތް އެ ފިލްމުގައި ޖޯނީ ފެންނަ ކޮންމެ މަންޒަރަކީ ބެލުންތެރިން ހެއްވައިލި އެވެ.
އައްބާސް-މަސްތާން ޑައިރެކްޓްކުރި ތުރިލާ "ބާޒީގަރް" ގައި ޖޯނީގެ ކެރެކްޓާ އަކީ މުއްސަނދި ވިޔަފާވެރިއެއްގެ ގޭގެ ނޯކަރުންގެ ޓީމުގައި އަމިއްލަ އަށް ބޮޑުވެގެން އުޅޭ ބާބޫލާލުގެ ރޯލެވެ.
މީގެ އިތުރުން "ދީވާނާ މަސްތާނާ" އާއި "ދުލްހޭ ރާޖާ" އާއި "ކުޗް ކުޗް ހޯތާ ހޭ" އާއި "ޖުދާއީ" އަދި މި ނޫން ވެސް އެތައް ފިލްމަކުން ޖޯނީ ވަނީ ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދައިފަ އެވެ. އޭނާ އަކީ ފިލްމީ ދާއިރާ އަށް ނުކުމެ ކޮމެޑީ އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި ފަހުން، ހުއްޓުމެއް ނެތި ދާއިރާގެ ހިދުމަތްތެރިއެކެވެ. ޖޯނީ ވަނީ ހުނަރު ދައްކާލައިގެން އެތައް އެވޯޑެއް ވެސް ހޯދައިފަ އެވެ.
އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރާ ކޮމެޑީ "ހަންގާމާ 2" އެވެ.
ފިލްމުތަކުން ބެލުންތެރިން ހެއްވައިލުމުގެ އިތުރަށް ޖޯނީ އަކީ ކޮމެޑީ ޝޯތައް ވެސް ދުނިޔޭގެ އެކި ތަންތަނުގައި ދޭ ފަންނާނެކެވެ. މިކަމުގައި ފަހަކަށް އައިސް އޭނާގެ ދެ ދަރިންގެ ތެރެއިން އަންހެން ދަރިފުޅު ޖެމީ ލީވާ ވެސް ބައިވެރިވެ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖެމީ އަކީ ބައްޕަ ފަދަ ހުނަރުވެރި ކޮމެޑީއަނެކެވެ.
ޖޯނީގެ ފިރިހެން ދަރިފުޅު ޖެސީ ލީވާ އަކީ އާއިލާ ތެރޭގައި ކޮމެޑީއަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯނީ
05 July 2021
އިންޑިޔާ އައުޓް
އަރުތަ
05 July 2021
ތިހެން ކިޔާފަ ގޭގެ ސިޓީންރޫމުގަ ކަސައުޓީ އަޅުވައިގެން އެއަށް ލޯދީގެން އަބަދު ތި އޮންނަނީ، ކިހާ ރީތި.
ބިލް ކުލިންޓަން
05 July 2021
ޖޮނީބާއީއަށް ދިގު އުމުރަކަށް އެދެން. ތީ ހަމަ 1.
އުލްޓާ
05 July 2021
ޖޮނީ ފެނުނަސް ހިނިއާދޭ..އެހާވެސް މަޖާ މީހެއް..އެއްވެސް ވަރަކަށް ފޭކު ކަމެއްނެތް އަސްލު މަޖާ މީހެއް.
ކޮލީބޮލީ
05 July 2021
ޖޮނީއަކީ މޭންއެއް.