ލައިފްސްޓައިލް

ފަރާ ބުނަނީ އޭނާ އަށް ޖެމީ ލީވާ ޖެހި ޖޯކް މަޖާ ކަމަށް

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާން ކޮޕީކޮށްފައި، މަޝްހޫރު އަންހެން ކޮމީޑިއަން ޖެމީ ލީވާ އާންމުކުރި ވީޑިއޯ ފަރާ އަށް ވެސް މަޖާވެއްޖެ އެވެ.

ބޮލީވުޑްގެ އެތައް ފިލްމެއްގެ އެތައް ލަވައަކަށް މިހާތަނަށް ސިގްނޭޗާ އެތައް ސްޓެޕެއް ތައާރަފުކޮށްދީފައިވާ ފަރާ، ޖެމީގެ ވީޑިއޯ ޓްވީޓްކުރަމުން ބުނެފައި ވީޑިއޯ ވަރަށް ވެސް މަޖާ ކަމަށާއި ޖެމީ އަކީ ވަރަށް ހުނަރުވެރި ފަންނާނެއް ކަމަށެވެ.

މަޝްހޫރު މީސްމީހުން ވާހަކަ ދައްކާ ގޮތާއި ލަވަކިޔާ ގޮތާއި ހަރަކާތްތައް ބަހައްޓާ ގޮތް ނަކަލުކޮށް، ސޯޝަލް މީޑިއާގައި ވީޑިއޯތައް އާންމުކުރާ ޖެމީ އަކީ، ބޮލީވުޑްގެ ކުޅަދާނަ ކޮމީޑިއަން ޖޯނީ ލީވާގެ ދަރިއެކެވެ.

ފަރާ އަށް ޖޯކް ޖަހާފައި ޖެމީ އާންމުކުރި ވީޑިއޯގައި ފެންނަނީ އޮންލައިންކޮށް ތަރިންނަށް ނަށަން ދަސްކޮށްދޭ ތަނެވެ.

އެގޮތުން 2012 ގެ ފިލްމު "ދަބަންގް 2" އަށް ކަރީނާ ކަޕޫރް ކުޅުނު އައިޓަމް ލަވަ "ފެވިކޯލް ސޭ" އަށް ނަށަން ދަސްކޮށްދޭން ފަރާ ކުރި މަސައްކަތާއި ފަރާ 2010 ގައި ޑައިރެކްޓްކުރި ފިލްމު "ތީސް މާރް ޚާން" އިން މަޝްހޫރުވެގެން ދިޔަ ކެޓްރީނާ ކެއިފްގެ ލަވަ "ޝީލާ ކީ ޖަވާނީ" ގެ ސްޓެޕްތައް ދަސްކޮށްދޭން ކުރި މަސައްކަތް ޖެމީ ވަރަށް މަޖާކޮށް ގެނެސްދީފައިވެ އެވެ.

ގިނަ ބަޔަކު މި ވީޑިއޯ އިން އެންމެ އަޅައިގަތީ ޖެމީ އަޑު ގެންގުޅުނު ގޮތެވެ. އެގޮތުން ވީޑިއޯ އަށް ކޮމެންޓްކުރި ގިނަ މީހުން ވަނީ ލޯ މަރާލައިގެން އިނދެ ވީޑިއޯ އަޑު އަހައިފި ނަމަ އެއީ ސީދާ ފަރާ ކަމަށް ގަބޫލުކުރެވޭނެ ކަމަށް ބުނެފަ އެވެ.

މި ވީޑިއޯގައި ފަރާ ނެށުން ތައްޔާރުކޮށްދިން އެހެން ލަވަތަކަށް ވެސް ޖެމީ ޖޯކް ޖަހާފައިވެ އެވެ. އެގޮތުން 2008 ގެ ފިލްމު "ދޯސްތާނާ" ގައި ހިމެނޭ ލަވަ "ދޭސީ ގާލް" ގެ ސްޓެޕްތައް އެންމެ ރަނގަޅުވާނީ ގޭގެ ދޮރު ފަދަ ތަންތަނުގެ ހިރަފުސް ފޮޅަން ގެންގުޅެން ކަމަށް ބުނެފައިވެ އެވެ. އަދި 2000 ވަނަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ "ކަހޯ ނާ ޕިޔާރު ހޭ" ގެ ލަވަ "އެކް ޕަލް ޖީނާ" ގެ ސްޓެޕްތައް ފަރާ ގެނެސްފައި ވަނީ ކަބަޑެއް ލައްޕާ ގޮތް ބަލައިގެން ކަމަށް ބުނެ އެ ސްޓެޕްތަކަށް ވެސް ޖޯކް ޖަހާފައިވެ އެވެ.

ދެން ވީޑިއޯ އެންމެ ފެންނަ އެންމެ މަޖާ އެއް ތަންކޮޅަކީ ނަށަން ދަސްކޮށްދޭން އެދި އެކްޓަރު ޗަންކީ ޕާންޑޭ ގުޅުމުން ފަރާ އޭނާ އަށް އެއްޗެހި ކިޔާ ގޮތެވެ. އަދި ކުރިން ވެސް މިކަމަކާ ހެދި ފޯނު ނަމްބަރު ބަދަލުކުރަން ޖެހުނު ކަމަށާއި އަލުން އަނެއްކާ ޗަންކީ އަށް ނަމްބަރު ދިނީ ކާކުތޯ ބުނެ ހަޅޭއްލަވާ ގޮތް ވަރަށް މަޖާކޮށް ގެނެސްދީފައިވެ އެވެ.

މި ވީޑިއޯ މަޖާވެގެން ފަރާ ޓްވީޓްކުރުމުން ޖެމީ ވަނީ އޭނާ އަށް ޝުކުރު އަދާކޮށް ޓްވީޓްކޮށްފަ އެވެ.

ޖެމީ އަކީ ބައްޕަ ޖޯނީ ލީވާ ފަދައިން ވަރަށް ހުނަރުވެރި ކޮމީޑިއަނެކެވެ. އޭނާ ވަނީ ބައެއް ފިލްމުތަކުގައި ވެސް ކޮމެޑީ ރޯލްތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ހައުސްފުލް 4" އާއި "ކިސް ކިސް ކޯ ޕިޔާރު ކަރޫ" ފަދަ ފިލްމުތައް ހިމެނެ އެވެ. އަދި ކޮމެޑީ ޝޯތަކުގައި ވެސް ޖެމީ އަކީ ހުނަރު ދައްކާ ފަންނާނެކެވެ.

އޭނާ އާންމުކޮށް ނަކަލުކުރާ ފަންނާނުންގެ ތެރޭގައި ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާއި ބަތަލާ ކަންގަނާ ރަނާވަތާއި ސޯނަމް ކަޕޫރް ފަދަ ތަރިން ހިމެނެ އެވެ. އިނގިރޭސި ޝެފް ނައިޖެއްލާ ލޯސަން އެކްސެންޓް ގެންގުޅޭ ގޮތަށް ޖެމީ ވާހަކަ ދައްކާފައި ރެސިޕީއެއް ދާދި ފަހުން ގެނެސްދިން ވީޑިއޯ އަކީ ވެސް ވަރަށް މަގުބޫލުވި އެއްޗެކެވެ.

ޖެމީ، 32، ގެ ހުނަރުތައް ބަލައިލަން ބޭނުން ނަމަ އޭނާގެ ފެސްބުކާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުން މަޖާ އެތައް ވީޑިއޯ ފެންނާނެ އެވެ.

ޖެމީ މޮޅީ ހަމައެކަނި ކޮމެޑީއަކަށް ވެސް ނޫނެވެ. ނެށުމާއި ލަވަކުޔަން ވެސް އޭނާ ހަމަ ވަރަށް މޮޅެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454