ކަޕިލް.
07 ޖެނުއަރީ 2022 - 06:06
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާ އެކު ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ ޝޯ މި މަހުގެ 28 ގައި ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާންކުރި ޝޯގެ ނަމަކީ "ކަޕިލް ޝަރުމާ: އައި އޭމް ނޮޓް ޑަން ޔެޓް" އެވެ. މި ޝޯ އަކީ އަނެއްކާ ވެސް ކަޕިލްގެ ކިބައިގައި ހުރި ބެލުންތެރިން ހެއްވައިލުމުގެ ހުނަރާއި އޭނާގެ މަޖާ "ހިއުމާ" އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ޝޯއަކަށް ވާނެ އެވެ. އަދި މިއީ ތަފާތު ފޯމެޓަކަށް، ކޮންސެފްޓް ވެސް ތަފާތުކޮށް، ހަމައެއާ އެކު ކަޕިލް ފެންނަ ގޮތް ވެސް ތަފާތު ޝޯއަކަށް ވާނެ އެވެ.
ސޮނީ ޓީވީން މިހާރު ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ވަރަށް މަގުބޫލު ޝޯއެކެވެ. އަދި މިއީ އިންޑިއާގެ ޓީވީީ ޝޯތަކުގެ ތެރެއިން ޓީއާރްޕީ ރޭޓްގެ އެންމެ ކުރީގައި އުޅޭ އެއް ޝޯ އެވެ.
ކަޕިލް އަކީ އޭނާގެ ހުނަރާއި އަމިއްލަ ބުރަ މަސައްކަތުން ހޯދި ކުރިއެރުމާއި ކާމީޔާބީއާ އެކު އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ ތަރިންނަށް ދޫނުކުރާ ވަރުގެ މަގުބޫލުކަމާއި މަޝްހޫރުކަމަކާއި އާންމުންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.
ދެހާސް އަށާރައިގައި ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި ކަޕިލް، 40، އަކީ މިހާރު ވަރަށް ތަނަވަސް ދިރިއުޅުމެއް ވެސް އުޅޭ މީހެކެވެ. ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން އޭނާގެ ޝޯއެއް ގެނެސްދިނުމަކީ ކަޕިލްގެ ނުފޫޒު މިހާރު އެންޓަޓައިންމަންޓް އިންޑަސްޓްރީގައި ކިހާ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy