އައިއީޑީ ހަރުކުރި ސައިކަލު ހުއްޓާ ސެކިއުރިޓީންނާއި ނަޝީދު ކުރިން ވެސް އެ ހިސާބުގައި އުޅުއްވި
ނަޝީދަށް ހަމަލާދޭން ގޮއްވައިލި ބޮން ހަރުކޮށްފައި އޮތް ކަމަށް ބެލެވޭ ސައިކަލު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޖުލައި 2021 - 21:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި އައިއީޑީ ހަރުކުރި ސަައިކަލު، ހަމަލާ ދިން ސަރަހައްދަށް ގެންގޮސް ޕާކްކުރީ ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ކަމަށް ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.
ނަޝީދަށް ހަމަލާ ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުވައިލި ރިޕޯޓް މިއަދު ނެރުނު އިރު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލު އެ ސަރަހައްދުގައި ޕާކްކުރީ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:01 ގައި ކަމަށެވެ. ރިޕޯޓުގައިވާ ގޮތުން މަޖީދީމަގާއި ނީލޯފަރު މަގު ގުޅޭ ކަންމަތީގައި އެ ވަގުތު އެ ސައިކަލު ބެހެއްޓީއްސުރެ، ގޮއްވައިލުމާ ހަމައަށް ވެސް ހުރީ އެތަނުގަ އެވެ،
ނަޝީދު ދިރިއުޅުއްވާ ގެއާ އެހާ ކައިރީގައި އައިއީޑީއެއް ހަރުކޮށްފައިވާ ސައިކަލެއް އެހާ ގިނައިރު ވަންދެން ބެހެއްޓުނު ސަބަބު ވެސް އިންކުއަރީން ސާފު ވެ އެވެ. އެ ސައިކަލު ބަހައްޓާފައި ހުރީ ގެއިން ނުކުމެވަޑައިގެން ނަޝީދު އާއްމުކޮށް ކާރަށް އަރާވަޑައިގަންނަވާ ޕޮއިންޓުގައިކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެ ސައިކަލު ޕާކުކޮށްފައި ހުރީ ވެސް ގަވައިދާ ހިލާފަށެވެ.
ރާއްޖޭގެ ކުރީގެ ރައީސެއް ކަމަށް ވާތީ އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް ކަަމަށް ވާތީ އެ މަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް) އަށެވެ.
އެމްއެންޑީއެފްގެ ލީޑަޝިޕުން އިންކުއަރީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގޮވާއެއްޗެއް ނުވަތަ ނުރައްކާތެރި އެހެން އެއްޗެއް ވެސް އޮތްތޯ ބެލުމަށް "ސްވީޕް" ކުރާ ޓީމްގެ އެހީތެރިކަން ވެސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ ގްރޫޕަށް އޮވެ އެވެ. ނަމަވެސް އެ މަނިކުފާނު ދިރިއުޅުއްވާ ސަރަހައްދު، ރެންޑަމްކޮށް، ބައެއް ފަހަރު ވެސް ސްވީޕް ކޮށްފައި ނުވާ ކަން އިންކުއަރީއަށް ވަނީ ހޯދިފަ އެވެ.
"...ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅާއި އެ ސަރަހައްދު ގަވައިދުން ނުވަތަ ރެންޑަމްކޮށް، ބައެއް ފަހަރު ނަމަވެސް ސްވީޕްކޮށްފައި ނުވާކަން މި އިންކުއަރީއަށް ފާހަގަކުރެވުނެވެ،" ރިޕޯޓްގައި ބުންޏެވެ.
އެކަމަކު އެމްއެންޑީއެފްގެ އޯޑެނަންސް ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފު، އިންކުއަރީއަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް، ސްވީޕްކޮށްގެން ހޯދުމުގެ ގާބިލުކަން އެމްއެންޑީއެފްގެ އީއޯޑީޓީމަށް ލިބިގެންވެ އެވެ. އެ ގާބލިއްޔަތު ބޭނުންކޮށްގެން ނީލޯފަރު ހިނގުން ބަލައި ފާސްކުރަން ހޭދަވާނީ އޭނާ ވިދާޅުވެފައިވާ ގޮތުން ދެގަޑިއެއްހާ އިރެވެ.
"ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލު ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ވަނީ މެއި 5، 2021 ވަނަ ދުވަހުގެ ރޭ 8:01 އެހާކައްހާއިރު ކަމަށް ވީއިރު، އެ ރޭގެ 8:30 ގައި ރައީސް މުހައްމަދު ނަޝީދު ގެކޮޅުން ނުކުމެވަޑައިގެންނެވިއިރާއި، ޖެހިގެން އައި މެއި 6 ވަނަ ދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި އިރާއި، އަދި އެނބުރި ގެޔަށް ވަޑައިގެންނެވި އިރު ވެސް އެ ސައިކަލް ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރައިވަޑައިގެންނެވި އަދި ފައިބައިވަޑައިގެންނެވި ތަނުގައި ފާކުކޮށްފައި ހުރިކަން ފާހަގަކުރެވެ އެވެ." މިއިން ކޮންމެ ފަހަރަކު ވެސް ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމަނިކުފާނު ހުންނަވާ ސަރަހައްދުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ކޮށްްފާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ޖޭމަރުގެ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި އޮތް ނަމަވެސް، އިންކުއަރީއަށް ހޯދިފައިވާ ގޮތުގައި ޖޭމަރު ބޭނުންކުރުން އޮންނަނީ ހާލަތަށް ބަލައިގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.
ބޭރުގެ މާހިރުންގެ ވެސް އެހީތެރިކަމާ އެކު 241 ކޮމިޓީން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ އިންކުއަރީ ނިންމައި އެކުލަވައިލި ރިޕޯޓް ކޮމިޓީން ރޭ ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓް މިއަދު އާއްމު ކުރި އިރު ސިއްރުކޮށްފައި އޮތީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތަކާއި ބައެއް މީހުންގެ ނަންތަކެވެ.
އިންކުއަރީ ރިޕޯޓްގައި، ނަޝީދުގެ ސެކިއުރިޓީ އާއި އެކަމާ ގުޅޭ ގޮތުން ހޯދާ މައުލޫމާތާއި އެ މައުލޫމާތާ ގުޅިގެން އަމަލުކޮށްފައިވާ ގޮތް، 271 ސަފުހާގެ ރިޕޯޓްގައިވެ އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އެ ރިޕޯޓަށް ބަހުސްކޮށް ފާސްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޮއޯވަރލުކް
09 July 2021
މައްސަލަ ވަރަށްސާފު ތުރެޓްލެވެލް މަތިކުރީ އަނގަބަހުން އެއަށްއަމަލުކުރެވިފަ އެއްނެތް، ވެރިންނަށް އެކަން ކުރެވިފައިވޭތޯ ބެލިފައެއްވެސްނެތް، އެމްއެންޑީއެފް ލީޑަރސިޕް ގޭގައިދެފައިދަމާފަ ގުރައުންޑަށް ދަނީ ޅަކުދިން، ދެން މީޑިއަރ ތަކަށް އަރައި ކިޔޭނުކިޔޭއެއްނޭންގޭ، އެމްއެންޑީއެފް ލީޑަރސިޕް ބަދަލްކުރެވޭނެގޮތެއް ހަދަންޖެހޭ އަދިވެސް މައުމޫނުޒަމާނުގައި ކުރުކޯސްތައް ހަދާފައި ތިބި މާބޮޑު ހިލްމެއްނެތް ވެރިން
ޒީރޯ2
09 July 2021
ތީގައި ސާފުކޮށް ފެންނަންތިއޮތީ އެމްއެންޑީއެފް ގެ ބޮޑުފެއިލިއަރ، އެމްއެންޑީއެފްގަ އަދިވެސް ތިއޮތީ މައުމޫން ޒަމާނުގެ ލީޑަރސިޕެއް އެވެރިން ކޮންމެމީހަކު 3 - 4 އަނބިންނަށް ހިދުމަތްކޮއްފައި ގައުމުގެ ކަމަކާއިގެން އުޅެވޭވަރެއްނުވޭ،
ދެރަ
11 July 2021
މިމީހުންގެ އެއަނބިންތަކަށް ފްލެޓްވެސް ދީފަ، ޔާމީން ސަރުކާރުން، އެމްއެންޑީއެފް މީހެއްގެ ހަގު އަންބަށް ސޯޝަލް ހައުސިންގސްކީމަކުން ފްލެޓް އޭރު އަދި ނުވެސް އިދޭ. ޢެވަރުންވެސް އެތަން ކުއްޔަށް ދީފަ، މާވެޔޮ މަގުން ލަގްޒަރީ ލައިފެއްގަ އުޅެނީ، ދޮށި އަނބި ބަންޑާރަ ކޮށީގަ.
އޮނަރަބަރު
09 July 2021
ހަރުކަށި ފިކުރުގެ މީހުންގެ ވަކިތަކުން މިގައުމު ސަލާމަތް ނުކުރެވިއްޖެނަމަ ޓޫރިޒަމަށް ބިނާވެފައިވާ މިގައުމު ދެވަނަ އަފްގާނިސްތާނަށް ވެދާނެ. ސިޔާސީ ފިކުރު އެއްކައިރިކޮށްފައި ގައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ވިސްނަންވީ ގައުމު އަމާން މަންޒިލަކަށް ގެންދިއުމަށް.
ބެހެއްޓީ ކާކު؟
08 July 2021
އެހެންވިއްޔާ ސައިކަލު އެތަނުގައި ބެހެއްޓި މީހާވެސް ފެންނާނެތާ؟ ކޮބާ އެމީހާގެ މައުލޫމާތަކީ؟ އެއީ ސިއްރެއްދޯ؟
ސަސި
08 July 2021
ހިލަމެއް ވީނަމަތާ ސްވީޕް ކުރާނީވެސް. ހިލަމެއް ނުވި މީހާ އަދިވެސް ހުރީ ހަމަ އެ މަގާމުގަ
އަޖައިބުހޯ
08 July 2021
މީ ކިހިނެއްވާ ގައުމެއް. މަޖިލީހުން ތަހުގީގު.ފުލުހުން ތަހުގީގު، ކަމިޝަން ތަހުގީގް. ކޮންބައެއްގެ ރިޕޯޓެެއްތަ ގަބޫލު ކުރަންވީ.
މޫންމީ
09 July 2021
ހުރިހާ ރިޕޯޓްތަކެއް ކިޔާފަ ތިމާގެ ބުއްދިއަށް ގަބޫލުކުރެވޭ ރިޕޯޓް ގަބޫލުކުރީމަ ހުންނާނީ ރަގަޅަށް. ތިހާކަންބޮޑުވެ ނުލައްވާ
ރިބްް
09 July 2021
އެމެރިކާ ކޮންގރެސް ގައި ވެސް އިންކުއަރީ ހިންގާ. ބަލާލަބަލަ.
އިސްތިއުފާއިސްތިއުފާ
08 July 2021
މިއިން އެގިގެންދަނީ އެއީ މި ސަރުކާރު މިއޮތީ ފެއިލްވެފައި މުޅި ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ދޭންވީ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ...
ކޮށިިވިސްނުން
09 July 2021
މިއީމައްސަލައަކީ. ކޮންމެ މައްސަލައެއްގައި އިސްތިއުފާ، ނުވަތަ ފައިބާ ގޮވުން. އަނެއްކާ އަލުން ފަށަންވީ
ޝަމީމް.
08 July 2021
ނަޝީދުއާއި ރޭޒާފުކާއި އަދި ތިޔަ ބޮމުގެ ވާހަކައެއް އަހަރެމެން އަޑުއަހާކައް ދެނެއް ބޭނުމެއްނޫން.
ބޮރި
09 July 2021
ކަލޭ އަދިވެސް މި ހަބަރު ތައް ކިޔާނެ. އަދި ޕުރެޝަރަށް އަރައިގެން ކޮމެންޓް ލިޔާނެ.
ބަނބޫ
08 July 2021
އެހެންވީމާ ގަވައިދާޚިލާފަށް ޕާކުކޮށްފާހުރި ހުރިހާ ސައިކަލުތަކެއް ނަގަންވީ. އެއީ މަށަށް މި ކިޔާލުމުން ދޭހަވިއެއްޗަކީ.
އަލިކޮބެ
08 July 2021
ކަންކަން ސިއްރުކޮއް ތިކަހަލަ ތަހުގީގުތައް ރަގަޅުވާނީ ނުކުރުން. ތިކަމަކީވެސް ވޭސްޓު އޮފްޓައިމް . ކެރިގެން މައުލޫމާތު ހާމަކުރުމައް ގޮވާލަން