ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު މިސްކިތްމަގުން ކާމިޔާބުކޮށްފައިވަނިކޮށް ޕޮލިހުން އެއް ސެޓު ގެންގޮސް މިސްކިތްމަގު ހާސްކޮށްލި އެވެ. އެކަމަކު އެ ޓީމުން ވަނީ ފަހަތުން އަރައި ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ލީޑު ނެގީ ޕޮލިސް ޓީމުންނެވެ. އެކަމަކު 12-12 އިން މިސްކިތްމަގުން އެއްވަރުކޮށް އަދި 15-14 އިން ލީޑު ނެގި އެވެ. އެ ލީޑުގައި އޮވެ މިސްކިތްމަގުން ސެޓު ކާމިޔާބުކުރީ 25-20 އިންނެވެ. ދެ ވަަނަ ސެޓުގައި މިސްކިތްމަގު ލީޑު ނަގާފައިވަނިކޮށް ޕޮލިހުން 7-7 އިން އެއްވަރުކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް މިސްކިތްމަގު ލީޑު ނަގައި 25-22 އިން ސެޓު ކާމިޔާބުކުރި އެވެ.
ތިން ވަނަ ސެޓު ފަށައިގެން ލީޑު ނެގީ ޕޮލިސް ޓީމެވެ. އޭގެ ފަހުން މިސްކިތްމަގުން ލީޑު ހަނިކުރަމުން ގޮސް 18-18 އިން އެއްވަރުކުރި އެވެ. އެއަށް ފަހު ދެ ޓީމުން ފަހަރަކު ޕޮއިންޓެއް ހޯދަމުން ގޮސް ޕޮލިހުން މި ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.
ހަތަރު ވަނަ ސެޓަށް ޕޮލިސް ނުކުތީ ސެޓު ކާމިޔާބުކޮށް، ފަސް ވަނަ ސެޓަށް މެޗު ގެންދިއުމުގެ އަމާޒުގަ އެވެ. އެކަމަކު މި ސެޓުގެ ކުރީކޮޅު ލީޑު ނެގީ މިސްކިތްމަގުންނެވެ. އޭގެ ފަހުން ޕޮލިހުން އެއްވަރުކޮށް ކުރި ހޯދި ނަމަވެސް ފަހުކޮޅު ނެގި ބްރޭކަށް ފަހު އަލުން ފަށައިގެން މިސްކިތްމަގު ޓީމުން ވަނީ ތަފާތު ދައްކައިފަ އެވެ. އަދި 25-20 އިން ސެޓު ކާމިޔާބުކޮށް މިސްކިތްމަގުން ޗެމްޕިއަންކަން ހޯދި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު ޓީމުގެ ޕްރަތީބާ މާލީ އެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ ފާތިމަތު ޖޫޒަން އެވެ. އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު ޓީމުގެ ފާތިމަތު މަޒިއްޔާ އެވެ.
ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ހަވާލުކޮށްދެއްވީ ރައީސްގެ ހާއްސަ މަންދޫބު އަދި ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމެވެ.