ވިޔަފާރި / ބީއެމްއެލް

ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ އޭޖީއެމްގައި ވާހަކަދައްކަވަނީ. ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އަޅަން ބޭންކުގެ ދައުރު ބޮޑު ކަމަށް އޭނާ ވިދާޅުވި--ފޮޓޯ:ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަނެ ޑޮލަރުގެ ލިކުއިޑިޓީ ހަމަޖެއްސުމަށް ބޭރުގެ މާލީ އިދާރާތަކުން 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެ ލޯނާއި ފައިނޭންސިން ބީއެމްއެލުން ހޯދި ކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ކޮވިޑްގައި ކަނޑައެޅި ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖެ އިން ބޭރުން ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

ޓިމް ވިދާޅުވީ، ރާއްޖެ އަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުގެ ފައިސާގެ ރިޒާވް ދެމެހެއްޓުމަށްޓަކައި ވެސް ބީއެމްއެލުން މަސައްކަތް ކުރި ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ޑޮލަރުގެ އަގު ވަނީ 15.42ރ. އިން 20ރ. އަށް މައްޗަށް ގޮސްފަ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް އުޅެނީ 18ރ. އާއި 19ރ. އާ ދެމެދުގެ އަދަދެއްގަ އެވެ.

ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ގެއްލުން ކުރިން ދެނެގަނެ، އެހީވުމަށް ބީއެމްއެލުން މުހިއްމު މަސައްކަތްތަކެއް ފެށި އެވެ. އެގޮތުން މެދުކެނޑުމެއް ނެތި ބޭންކްގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރު ކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭނަސިންއެއް ދޫކޮށް އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަކީ ވެސް އާންމުންނަށް ބޮޑު ލުޔެއް ލިބުނު ކަމެކެވެ.

ބޭންކުން ވަނީ ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖު ކުރުމުގައި އެހީތެރިވުމާއި އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް ވެސް އެހީވެފަ އެވެ.

ސީއީއޯ ވިދާޅުވީ، ކޮވިޑާ ގުޅިގެން ބޭންކުގެ މާލީ ހާލަތަށް ބޮޑު އަސަރެއް ކުރިޔަސް އެކަމުން އަރައިގަތުމަށް އުންމީދީ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރިމަތިވި އަޑިގަނޑުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންނަށް އުދަނގޫތަކާ ކުރިމަތިވާނެ. މިއާއެކު ވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މި ކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި. މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެން ދާނެ،" ޓިމް ވިދާޅުވި އެވެ.

"ނަމަވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ބޭންކުގެ ސްޓްރެޓަޖީ ހިމެނޭ ކަންކަން ފުރިހަމަކުރާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތްކަން."

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454