މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ ފަހު ސެޝަންގައި (ކ-ވ) އިކޮނޮމިކް ކޮންސަލްޓެންޓް އިބްރާހީމް އާތިފް ޝަކޫރު، ބީއެމްއެލްގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން އަދި އެމްއައިބީގެ ސީއެފްއޯ އަލީ ވާސިފް ބައިވެރިވެވަޑައިގެން ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް އިއްޔެ ޖަވާބު ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
13 އޮކްޓޯބަރ 2025 - 08:47
ބޮންޑު ވިއްކުމުގެ ތެރެއިން ކުރީގެ ސަރުކާރުތަކުން ދައުލަތަށް ނަގާފައިވާ ދަރަނިތަކަށް ރާއްޖެ އިން އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިޔަން ޑޮލަރު ދެއްކުމަކީ މާލީ ހާލަތު މިހާރު ހުރި ގޮތުން ދަތިކަމަކަށް ނުވާނެ ކަމަށް އެ ދާއިރާގެ ބައެއް މާހިރުން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ގެ ބައެއްގެ ގޮތުގައި އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރި ސުވާލަކަށް އަމިއްލަ ހައިސިއްޔަތުން ޖަވާބު ދެއްވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން ވިދާޅުވީ އަންނަ އަހަރު ބޮންޑްތަަކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދެއްކޭނެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެެވެ.
އޭނާ ވިދާޅުވީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ރިޒާވްގެ ގޮތުގައި މިހާރު ވެސް 800 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށާއި ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި ޔަގީނުން ވެސް "ތިން ޑިޖިޓު" ގެ އަަދަދަކަށް ފައިސާ ހުރި ކަން ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ކަަމަށެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދެ ދުވަހުގެ ފޯރަމްގެ ތެރެއިން އިއްޔެ ފޯރަމްގެ އެންމެ ފަހުގެ ޕެނަލް ޑިސްކަޝަންގައި ކުރި ސުވާލުގައި އެހީ "އަންނަ އަހަރު މެޗުއާ ވާ ދަރަނިތައް ސަރުކާރަށް ދެއްކޭނެތޯ ނުވަތަ އަވަށްޓެރި ސްރީލަންކާ އަށް ކުރިމަތިިވި ފަދަ ކަމެއް ކުރިމަތިވެދާނެތޯ" އެވެ.
އެ ސުވާލުގެ ޖަވާބުގައި ބީއެމްއެލްގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ވިދާޅުވި ގޮތުގައި، އަންނަ އަހަރު މެޗުއާ ވާ [ސުކޫކާއި ބޮންޑުގެ ތެރެއިން] 200 ނޫނީ 300 މިލިއަން ޑޮލަރު ރިފައިނޭންސް ކުރެވޭނެ ގޮތެއް ސަރުކާރުން ހޯދި ނަމަވެސް އެ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު "ރިފައިނޭންސް ކުރެވޭނެ" އެވެ.
އަބްދުﷲ ވިދާޅުވީ އެ ދަރަނި ދައްކަން ފިނޭންސް މިނިސްޓްރީގެ ގިނަ ޕްލޭންތަކެއް ހުންނާނެ ކަަަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހަަމަ އެ ސުވާލަށް ޖަވާބު ދެއްވަމުން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ޗީފް ފައިނޭސް އޮފިސަރު އަލީ ވާސިފް ވިދާޅުވީ އެ ކަމުގައި ބީއެމްއެލްގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲގެ ހިޔާލާ އެއްގޮތް ކަމަށެވެ.
"[ދަރަނީގެ ތެރެއިން] މާކެޓް ސުކޫކަކީ 500 މިލިއަން ޑޮލަރު ދެއްތޯ؟ [ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް ބައްލަވާލައިފިއްޔާ ފެނިވަޑައިގަންނަވާނެ ދަރަނީގެ އަނެއް ބައިގެ ތެރެއިން ބޮޑު ބަޔަކީ ބައިލެޓްރަލް ދަރަނިކަން. ބައިލެޓްރަލް އެރޭންޖްމަންޓްތަކަކީ ރީސްޓްރަކްޗާކުރަމުން، ރީ ޝެޑިއުލް ކުރަމުންދާ އެރޭންޖްމަންޓްތަކެއް،" އަމިއްލަ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ވާސިފް ވިދާޅުވި އެވެ.
މޮރިޝަސް ބޭންކުގެ ހެޑް އޮފް ކޮމާޝަލް ބޭންކިން، މުހައްމަދު އަނަސް ރިޒާ (ވ) އެމްއައިބީގެ ސީއެފްއޯ އަލީ ވާސިފް (ވ2) ބީއެމްއެލްގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އަބްދުﷲ ހަސަން (މ) އަދި އިކޮނޮމިކް ކޮންސަލްޓެންޓް އިބްރާހީމް އާތިފް ޝަކޫރު، މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ އިއްޔެގެ ފަހު ސެޝަންގައި އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބައިލެޓްރަލް ދަރަނިތައް ބެނޭޖްކުރުމުގައި ރާއްޖެއަށް ފަސޭހަ ގޮތްތައް ހޯދޭނެ ކަމަށް ދެކެވަަޑައިގަންނަވާ ކަމަށާއި އެއީ ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް އޮތުމުން ކަމަށް ވެސް ވާސިފް ވިދާޅުވި އެވެ.
"އެހެންވީމާ ރާއްޖޭގެ ބައިވެރިންގެ އެހީތެކަމާ އެކު އަޅުގަނޑުމެން ދާނީ ސަލާމަތުގެ އައްސޭރިއަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ވާސިފް ވިދާޅުވި އެވެ.
ދަރަނި އަދާކުރަން ރާއްޖޭން އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކޭނެ ކަމުގެ އުއްމީދު. އާވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވެސް ދާދި ދަހުން ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ތޯރިގު ވިދާޅުވީ އެ 500 މިލިއަން ޑޮލަރުގެ ދަރަނި ނުދެއްކި އަންނަ އަހަރު ސަރުކާރު "ޑިފޯލްޓަކަށް" ދާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވާ ކަމަށާއި އެކަމަކު މި ސަރުކާރުން ގެންދަނީ އެ ދަރަނިތައް ދެއްކުމަށްޓަކައި "އަރިއަކަށް" ފައިސާ ޖައްސަމުން ކަމަށެވެ.
"އަދި ނުވިތާކަށް ކައިރި ގައުމުތަކުން، ހާއްސަކޮށް ރާއްޖެއާ އަވަށްޓެރި ބޮޑު ދެ ގައުމެއް، އޭގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އިން ހާރިޖީ ގުޅުންތަކުގެ ތެރެއިން މަޝްވަރާ ކުރުމަށް ފަހު، އެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބައެއް މިއަދު މި ވަނީ އެހެން ދުވަސްވަރެއްގައި ދައްކާ ގޮތަށް ފަސްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އާއި ޗައިނާގެ އިސްވެރިންނާ ރައީސް މުއިއްޒު މަޝްވަރާ ކުރެއްވުމަށް ފަހު އެ ކަންކަން ފަހިވެފައިވާތީ، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ނުދެއްކޭނެ ކަމުގެ ޝައްކުތައް މިހާރު ފިލާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
13 October 2025
ޙޫމް. މާހިރުން ބުނެފާނެ ކޮންމެ އެއްޗެއްވެސް. މޯހިރުން ބުނަނީ ކީކޭ؟
އަފްރާސިޔާބު
13 October 2025
އެހެންކަމުން ކުރީ ސަރުކާރޭ މިގޮވީ އެއްވެސް ދައްޗެއް އޮވެގެނެއްނޫނެއްނު. މިހާރު އަހަރެމެންނަށް އެގިއްޖެ ކުރީސަރުކާރުން ދަރަނި ދައްކާނެ މަގުތަކެއް ހޯދާދީފައިކަންވަނީ. އެހެންނޫންނަމަ އެކިއެކި ހަފްލާތައް ބާއްވާން ތަޅާބުރުއްސާލި ފައިސާ ނުހުންނާނެނުން.
އަމޭރު
13 October 2025
ޔާމީނަށް ވަރަށް އުނދަގޫވާނެ. ދަރަނި ދައްކާނެ. އެއީ ކަށަވަރުވާނެކަމެއް. އެހެންނޫނިއްޔާ ޑިފޯލްޓް ވާނެ. އެހެން ވިޔަކަނުދޭނެކަން ޔަގީން. އެންޑީޕީއަށްވެސް ހިތްދަތިކަމަކަށްވާނީ
ރާވެރިބެ
13 October 2025
ތިވިދާޅުވާ ބޮޑު ދަރަނި ފަހަތަށް ޖައްސާ ރޯލްއޯވަރ ކުރުމަކީ ދަރަނި ދެއްކުމެއް ނޫން. އެހެން ނަމަވެސް ބަގުރޫޓު ނުވެ ކުރިޔަށް ދެވޭނެ މަގެއް. އިގްތިސާދީ ގޮތުން ފައިދާ އެއްނެތް ނުވަތަ އެޕްރެޖެކްޓަކުން ލޯނު އަބުރާ ނުދެއްކޭނެ އިތުރު ލޯނު މިސަރުކާރުން ނުނަގައިފިއްޔާ މިދަރަނި ތަކުން އަރައިގަނެވިދާނެ.
ދުނިޔެމީވާ
13 October 2025
ތިޔައީ އަދި އެއްބަޔެއްނު. އެއް ބިލިއަން ޑޮލަރު ދައްކަންޖެހެޔޭ ކީ ހަނދާންވޭ ކުރިން.
ކަނޮޅި
13 October 2025
ބޭފުޅާ މި އާޓިކަލް ރަނގަޅަން ލޯހުޅުވައިގެން ސިކުނޑިން ވިސްނައިގެން ކިޔާލަބަލަ 200 މިލޔަނަކާ 300 މިލިޔަނެއް ރީސްޓްރަކްޗަރ ކުރާވާހަކަ މީގަ އެބައޮތް މިއަންނަ އަދި 500 މިލިއަން ދައްކާނެ ވާހަކަ އެބައޮތް އެހެންވީމަ 1 ބިލިއަން ވޭތަ އެބަ ދަރަނި
އަބްދުﷲ
13 October 2025
ތިކަހަލަ ފޯރަމް ބާއްވާފައި އެއިރެއްގައި އޮންނަ ސަރުކާރު ޕްރޮމޯޓު ކުރަން މޮޅެތި ވާހަކަ ދެއްކާނެ ކޮންމެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި. ހަގީގަތަކީ ތިޔަ ބޮޑު ދަރަނި ދައުލަތަށް ވާރުތަ ވަނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ސިޔާސީ ބޭނުމަަށް ދައުލަތުގެ މާލިއްޔަތާއި އެކަށީގެން ނުވާ ބޮޑެތި ޚަރަދުކޮށް ބިން ހިއްކުމާއި، އެއާރޕޯޓު އެޅުން ފަދަ ޕްރޮޖެކްޓު ކުރިޔަށް ގެންދާތީ.
އަސަރފަފަ
13 October 2025
މުއިޒަކަށް ނުވާނެ
ނާނާ
13 October 2025
އަޅުގަނޑު ހަމަޙައިރާންވޭ.ޙަގީގަތާއެއްގޮތައް ތެދުހައްދަވައިފިއްޔާ ތީގެންބައެއްބޭފުޅުންނައް ގަބޫލުފުޅުކުރައްވަން ދަތިފުޅުވޭ އަދި ވަރައްގިނަކޮޅުކޮޅު ނަންގަވައިގެން ވާހަކަދައްކަވާނެ އަދިއެެއީ ދޮގެއްކަން ސާބިތު ކޮއްދޭން މަސައްކަތްކުރައްވާނެ. ނަމަވެސް ދޮގެއްހަދައިގެން ވާހަކަދައްކަވައިފިއްޔާ ވަރައްފަސޭހައިން ގަބޫލުފުޅުކުރައްވާނެ ދެން އިތުރައްއެއްވެސް ސުވާލެއްނުކުރައްވާ ވަގުތުންނޫހުގަ ޖަހާލާނެ. މީމިމުޖުތަމަޢުގެޙާލަތު.
ކޮއްކޮ އަމީ
13 October 2025
ދަރަނި ރީ ސްޓަރްކްޗަރ ކުރަން އިންޑިޔާ ފައިބުޑަށް ވެއްޓިގެން އެބައި ދެންއަންނަ ސަރުކާރު ބޮލުގައި އަޅުވަންބައްވާފައި މިކިޔަނީ ދަރަނި ދެއްކުމުގެ ގާވިލް ކަން އެބަގުއްޓޭ .
ކުރަ
13 October 2025
ނާރާނެ މައްޗަކަށް! ނާރާނެ! ހިފެހެއްޓިފަ ދާނީ ތިރިއަށް!