އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރުމުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި އެކަމަނާ ކޭކު ފަޅުއްވަނީ: ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ރޭގައި ވިދާޅުވި.--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
25 ނޮވެމްބަރ 2016 - 06:54
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ކާމިޔާބީ ފާހަގަ ކުރުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިން އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގެ ވަޒީރު ކަމުގައި މިދިޔަ ދުވަސްތަކުގައި ތަފާތު ތަޖުރިބާތަކެއް އަދި ތަފާތު މީހުންނާ އެކީގައި މަސައްކަތް ކުރެވިފައިވާ ކަމަށާއި އެ ހުރިހާ އެންމެން ވެސް ތައުލީމީ ދާއިރާ އަށް ދެމުން އަންނަ ސަމާލުކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މަސައްކަތުގެ މާހައުލުގައި ކަމެއް އެނގުނު ކަމުގައި ވިއަސް އެކަމަކުން އަދި ނުފުދޭނެ އެވެ. އޭގެ ބަދަލުގައި އެކަމެއް ކޮށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގި ދަސްވާރު ފަދަ ޕްރޮގްރާމްތަކުން އާއިލާތަކުގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްގެ ސަބަބުން އާއިލީ ގުޅުން ބަދަހިވެފައިވާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އޮފީހެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ސިޓީއެއް އަރުވައިފަ އެެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެކި އޮފީސްތަކުން ވެސް ވަނީ މި ތިން އަހަރުގެ ތެރޭގައި އެ ފަރާތްތަކަށް ހާސިލްކުރެވުނު ކަންތައްތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިއްސާކޮށްފަ އެވެ. ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ކޭކެއް ވެސްމި ރަސްމިއްޔާތުގައި ފެޅި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
30 November 2016
ޜަގަޅުވާނީ މިހާކަށްވަރަށެވެ....ހުރިހާ ވޯރކެއް ހަދަނީ މައިންބަފައިން ގޭގައެވެ. ޓީޗަރަށްް ޖެހެނީ ސުކޫލުގެ ފޮތް މާރކް ކޮށްލަން އެކަންޏެވެ.
ނަމްރު ރަޝީދު
26 November 2016
2016 ވަނަ އަހަރު އަޅުގަނޑުގެ ދަރިއަކު ސްކޫލަށް ވައްދަން ފޯމްހުށަ ހެޅީމެވެ. 4 އަހަރު ފުރެން އެންމެ މަހެއް އޮތުމުން ސްކޫލަށްނުވެއްދިއެވެ. އެދަރިފުޅު 2016 ވަނައަހަރު ނިމެންދެން ހުންނަން ޖެހުނީ ސްކޫލަކަށްނުފޮނުވާ ގޭގައެވެ. އެއީ ރަށުގައި ހަމައެކަނިހުރި ނާސަރީ ސްކޫލުން ދަރިފުޅު ނިމިފައި ހުރުމުން ދެންފޮނުވާނެ އިތުރުތަނެއް ނެތުމުންނެވެ. މީ ތަޢުލީމީ ސިޔާސަތު ރަގަޅުކަމުގެ އެއްހެއްކެވެ. ކިހާރަގަޅު ތަޢުލީމީ ސިޔާސަތެއްތޯއެވެ. އަޅުގަނޑު ސިފަކުރަނީ 2016 ވަނަ އަހަރަކީ ރާއްޖޭގެ ތަޢުލީމީހަޔާތް މިސަރުކާރުން ހަލާކުކޮށްލިއަހަރެއްގެ ގޮތުގައެވެ.
މނ
26 November 2016
ހަވާ އެރުވިމޫސުންނިމިއްޖެ މިހާރުމިއޮތީ ކޭކްފެޅުމުގެމޫސުންއައިސް ކުދިންނޭ މިވެރިކަމުގައޮތީ މިވެރިން ނާޗަރަންގީކުޅުން
އިންޓަރނެޓް
25 November 2016
މިނިސްޓަރަށް މިތަނުގައި ހުރިކޮމެންޓަށް މެއިލްކޮށްދޭނެ ފަރާތެއް ނެތްތަ؟ މިކޮމެންޓްތަކުގައި މިހުރީ މިނިސްޓަރގެ ކާމިޔާބީތައް. ރައްޔިތުންނަށް އޮޅުވާލެވުނު ޒަމާން މިހާރު ހިނގައްޖެ. ތިމިނިސްޓްރީއަށް 2018 ގައި ރައްޔިތުން ނޫނެކޭ ބުނާނެ ކަމުގެ ފެހިސިގްނަލް މިފެންނަނީ. ހަގީގީ ކާމިޔާބަކީ ރައްޔިތުން ތިމިނިސްޓްރީ ބަލައިގަތުން.
ތަކުރުފާނު
25 November 2016
ވަރަށް ބޮޑު ތެދުފުޅެކެވެ. ސްކޫލުން ކިޔަވައިގެން ނުކުންނައިރު އަމިއްލަ ގައުމުގެ ބަހުން ލިޔަންކިޔަން ދަންނަ ދަރިވަރަކު ނެތެވެ.
ލިޒީ
25 November 2016
ގޫގުލްޑްރައިވުން ފޯމް ފުރައިގެން ވާ ކަމެއްވިއްޔާ ވާނެ މިފަހަރު.... ތަޢުލީމީ ދާއިރާވެސް އޮތީ ސިޔާސީ ވެގެން އަތް ނުފޯރާ ފަށުގަ... ކީއްކުރާނީ... އަދުގެ ހާލަތު
ކޭކު ފަންކްޝަން
25 November 2016
ކޭކު ފެޅުމުގެ ވަޢުދު ފުރިހަމަކޮށްފި! ރައްޔިތުންގެ ލާރި ވިއްސިވިހާލި ކުރާނެގޮތެއް ނޭގިގެން އެޑިޔުކޭޝަނުންވެސް އުޅެނީ، ދެއިރު ދެދަޅަޔަށް ފަންކްޝަންސްތަކާއި ސެރެމަނީތައް ބޭވުންނޫންކަމެއްނެތް، ކަންދެއްކުމާއި ދަޅަދެއްކުން ! ކިތައްމެ ވަރަކަށް ފާހަގަކުރިޔަސް ރައްޔިތުން ޤަބޫލުކުރިއްޔާތާ؟
މާހޯރަ
25 November 2016
މުހައްމަދު ކޮށްފައިވާ ކޮމެންޓަށް ވަރަށް ބޮޑަށް ތާއީދު ކުރަން.. އެއީ ރިއަލިޓީ އަކީ.. ތައުލީމީ ޖީލެއް ހަލާކު ވުމުގެ ކޮޅުމަތި މިޙާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ފެނިގެން މިދަނީ.. އެއްވެސް ކުއްޖަކު ބާކީ ނުކޮށް މޮޅު ކުއްޖާ އާ އެންމެ ދަށްކުއެްޖާ އެއްވަރު ކުރަން ރިޕޯޓް ފޯމް ގަވެސް ޖަހަން ޖެހެނީ ފްލީ އެޗީވްޑް.. ނޫނީ އެއްވަރުގެ ސެޓްފިކޭޓް އެއް ދޭން މި އަންގަނީ.. ދެން ވިސްނާލައްވާ ކުދިންގެ ފެންވަރު.. ސްކޫލަށް 100 ދުވަހު އަންނަ ކުއްޖެކޭ 10 ދުވަހު އަންނަ ކުއްޖާވެސް އެއްވަރު ކުރަން މިހާރުގެ ސިޔާސަތަކީ.. މިގައުމުގެ ތަޢުލީމު ނެތިކޮށްލުމުގެ 3 އަހަރު މިދިޔައީީ.....
ޙަސަން
25 November 2016
އެންމެ ދަށް ކުއްޖާއަށް ފްލީ އެޗީވްޑްއެއް ނުދޭ! ރިޕޯޓް ފޯމް ރަގަޅަށް ދަސްކޮށްފަ ކޮމެންޓު ކުރުން އެދެން! މާރކްސްތަކެއް ފޯމުގަ ހުރީމަތަ މޮޅު ފޯމަކަށްވަނީ؟ ގްރޯއަޕް
ޢަލީ
25 November 2016
އަވަސް އަރުވާލައިގެން ސްކޫލުކުދިންނަށް ހިންގަވާ ޕްރޮގްރާމްސްތަކުގަވެސް އެއްވެސް ފެންވަރެއް ނުހުރޭ، އެއްޗަކަށް އެއްޗެއް ހަދަނީ، އިސްލާމީ މަރުކަޒު މާބުލްޖަހާ އުސޫލުން ތައުލީމީ ދާއިރާ ކުރިއަށް މިދަނީ!
ޕަޕެޓް ފެކްޝަން
25 November 2016
އަސްލު ގިނަ ޓީޗަރުންގެ މާބޮޑު ފެންވަރެއްނެތް، ފުރަތަމަ ރަނގަޅު ކޮލިޓީ ކުދިންނެއް ޓީޗަރުކަމަށް ކުރިމަތިވެސް ނުލަނީ، އަދި ރާއްޖޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތައް އެހާމެ ފެންވަރުދަށް، ދެން ފެންވަރު ރަނގަޅު ޓީޗަރުން އުފެދޭނީ ކިހިނެއް، ކުރާ ބުރަ މަސައްކަތާއި ގާތަކަށްވެސް އާމްދަނީއެއް ނުލިބޭ، ރަނގަޅު މީހުން ކުރިމައްޗެއްވެސް ނުލާނެ، 3 އަހަރުގެ އުފާ ފާހަގަކުރަން ކޭކު ފެޅިޔަސް ދެވޭ ތައުލީމުގެ ފެންވަރު ހަމަ ސުމެކޭ!