މޫން.
20 ޖުލައި 2021 - 06:19
އިންސްޓަގްރާމް އެކައުންޓެއް ހެދުމާ އެކު އެންމެ އަވަހަށް މިލިއަން ފޮލޯވަރުން ހަމަކުރުމުގެ ރެކޯޑް ދެކުނު ކޮރެއާގެ ފިރިހެން ބޭންޑް "އެންސީޓީ" ގެ މެމްބަރު ޓައެލް މޫން އަށް ލިބިއްޖެ އެވެ.
އޭނާ މި މަހުގެ 6 ވަނަ ދުވަހު "މޫން އެއާ" ގެ ނަމުގައި ހުޅުވި އެކައުންޓަށް މިލިއަން ފޮލޯވަރުން ހަމަވީ އެކައުންޓް ހުޅުވިތާ އެންމެ އެއް ގަޑިއިރާއި 45 މިނިޓްގެ ތެރޭގަ އެވެ. މޫންގެ ފޮލޯވަރުންގެ އަދަދު މިހާރު ދެ މިލިއަނަށް އަރާފައިވާ އިރު، އޭނާ ފޮލޯކުރަނީ އެންމެ ހަތް މީހެކެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަމިއްލަ ބޭންޑްގެ މެމްބަރުންނެވެ.
މޫން، 27، ގެ އިންސްޓަގްރާމްގައި އަދި އިނި އެންމެ ހަތް ޕޯސްޓެކެވެ. ކޮރެއާގެ ނުފޫޒު ގަދަ ފަންނާނެއްގެ ގޮތުގައި މަޝްހޫރު މޫން މަސައްކަތްކުރާ ބޭންޑް އެންސީޓީ (ނިއޯ ކަލްޗަ ޓެކްނޮލޮޖީ) އަކީ 2016 ގައި އުފަންވި ބޭންޑެކެވެ.
ރެކޯޑާ ބެހޭ ގޮތުން އޭނާ ބުނީ ދުނިޔޭގެ ރެކޯޑް ފޮތަށް ނަން އެރި ވާހަކަ އެނގުމުން ވަރަށް ބޮޑަށް ސަޕްރައިޒްވި ކަމަށެވެ.
In case you missed it - @NCTsmtown's TAEIL MOON now holds the record for fastest time to reach one million followers on @instagram #NCT #NCTU @NCTsmtown_127 https://t.co/uxsiHOUqSb
— Guinness World Records (@GWR) July 19, 2021
"މިއީ ރެކޯޑެއް ހެދުމުގެ ބޭނުމެއް އޮވެގެން ކުރި ކަމެއް ނޫން. އަހަރެންގެ އެކައުންޓް ރެކޯޑަކަށްވިކަން އެނގުމަކީ ހަމަ ވަރަށް ބޮޑު ސަޕްރައިޒެއް،" މޫން ބުންޏެވެ. "މި ކާމިޔާބީ ހޯދައިދިން ބަޔަކީ ފޭނުން ކަމަށްވާތީ އެ އެންމެންނަށް ޝުކުރު އަދާކުރަން."
އެންމެ އަވަހަށް އިންސްޓަގްރާމްގައި މިލިއަން ފޮލޯވަރުން ހަމަކުރުމުގެ ރެކޯޑް އޭނާ އަށް ލިބުމާ އެކު، "ހެރީ ޕޮޓާ" ފިލްމު ސީރީޒްގައި ރޮން ވީޒްލީގެ ކެރެކްޓާ ކުޅުނު އެކްޓަރު ރުޕަޓް ގްރިންޓަށް އެ ރެކޯޑް ވަނީ ގެއްލިފަ އެވެ. އޭނާ އަށް ދަރިޔަކު ލިބުނުކަން އިއުލާންކުރުމާ އެކު ސެޕްޓެމްބަރު 10، 2020 ގައި ހުޅުވި އެކައުންޓް މިލިއަން ފޮލޯވަރުން ހަމަވީ އެކައުންޓް ހުޅުވިތާ ހަތަރު ގަޑިއިރާއި އެއް މިނިޓް (241 މިިނިޓް) ގެ ތެރޭގަ އެވެ.
ރުޕަޓްގެ ކުރިން އެ ރެކޯޑް އޮތީ އިނގިރޭސި ނެޗުރަލިސްޓް ސާ ޑޭވިޑް އެޓެންބަރާ، 95، ގެ އަތުގަ އެވެ. އޭނާ އަށް މިލިއަން ފޮލޯވަރުން ލިބުނީ އެކައުންޓް ހުޅުވިތާ ގަޑިއިރާއި 44 މިނިޓް (284 މިނިޓް) ގެ ތެރޭގަ އެވެ.
އިންސްޓަގްރާމާ ގުޅުނުތާ ކުޑަ ވަގުކޮޅެއްގެ ތެރޭގައި މިލިއަން ފޮލޯވަރުން ހަމަވެ، ކުރިން ރެކޯޑް ލިބުނު މަޝްހޫރު މީސްމީހުންގެ ތެރޭގައި ސިޓްކޮމް "ފްރެންޑްސް" އިން ވިދައިލި ބަތަލާ ޖެނިފާ އެނިސްޓަނާއި އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމާއި އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމާއި އަނބިކަނބަކުން ކޭޓް މިޑްލްޓަން ހިމެނެ އެވެ.
އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބީ މަޝްހޫރު ޕޯޗްގަލްގެ ފުޓްބޯޅަ ތަރިި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު 315 މިލިއަނަށް އަރަ އެވެ. މިއީ ރޮނާލްޑޯ ނޫން މީހަކަށް މުގުރައިނުލެވޭ ރެކޯޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy