26 ޖުލައި 2021 - 18:32
މި އަހަރުގެ ފަހު ހަ މަހުގައި ރާއްޖެ ވާނީ މުޅި އޭޝިއާ ސަރަހައްދުގެ ހޮޓެލް އިންޑަސްޓްރީގެ ވިޔަފާރީގައި ލެޝާ އިންވެސްޓްމެންޓްތައް އެންމެ ހަރަކާތްތެރިކޮށް ހިނގާނެ ގައުމު ކަމަށް ރިއަލް އެސްޓޭޓް ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރާ ޖޭއެލްއެލް އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ލެޝާ އިންވެސްޓްމެންޓް ނުވަތަ ޓޫރިސްޓުންނަށް ހާއްސަ ހޮޓާތަކަށް އިންވެސްޓް ކުރަން އަނެއްކާ ވެސް ބޮޑެތި ވިޔަފާރިތަކުން ފަށާފައިވާ ކަމަށެވެ. ކޮވިޑްގެ ހާލަަތަށް ފަހު، ޕުކެޓް، ބާލީ އަދި ކޯ ސަމުއީ ފަދަ މަންޒިލްތަކަށް އިންވެސްޓުކުރާ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. މި ތަންތަނުގެ ތެރެއިން ވެސް އެންމެ ކުރީގައި އުޅޭނީ ރާއްޖެ އަށް އިންވެސްޓްކުރާ ފަރާތްތަކެވެ.
ރާއްޖެގައި ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑެތި އަދި ކާމިޔާބު ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މި އަހަރު ހިންގި ވިޔަފާރީގެ މުއާމަލާތުތަކާ އެކު ޖޭއެލްއެލް އިން ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަނުގެ އަދަދު 1.2 ބިލިއަން ޑޮލަރު (18 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
މި އަހަރުގެ މިހާތަނަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހޮޓާ އިންޑަސްޓްރީން 3.7 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ހިންގާފައިވެ އެވެ. މިއީ ނުވަ ގައުމަަކުން 61 ހޮޓަލުގެ ވިޔަފާރީގެ މުއާމަލާތެވެ. މި ސަރަހައްދުގައި އެންމެ ގިނަ ހޮޓަލުގެ ވިޔަފާރީގެ މުއާމަލާތުތައް ހިންގާފައިވަނީ ޗައިނާއިންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ޑޮލަރުގެ މުއާމަލާތްތައް އެ ގައުމުން ހިންގި އެވެ.
ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް މި ސަރަހައްދުގެ ހޮޓާ އިންޑަސްޓްރީ އަށް މާބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށް ޖޭއެލްއެލް އިން ބުނެ އެވެ. ސަބަބަކީ މި ސަރަހައްދަށް އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން އިންވެސްޓަރުންގެ ކިބައިގައި އަދިވެސް ހުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
27 July 2021
"އަހަރު ހިންގި ވިޔަފާރީގެ މުއާމަލާތުތަކާ އެކު ޖޭއެލްއެލް އިން ރާއްޖޭގައި ހިންގާފައިވާ ޓްރާންސެކްޝަނުގެ އަދަދު 1.2 ބިލިއަން ޑޮލަރު (18 ބިލިއަން ރުފިޔާ) އަށް އަރަ އެވެ." 18 ބިލިއަން ރުފިޔާގެ %8 ޓީ-ޖީއެސްޓީ އަށް ބަލާނަމަ އެއީ 1,440,000,000 ރުފިޔާ (1.4 ބިލިއަން ރުފިޔާ). މިއީ އެންމެ ކުންފުންޏެއްގެ ރާއްޖޭގެ ވިޔަފާރީގެ ހިއްސާ. ސުވާލަކީ މީގެން ކިހާވަރެއްތޯ ރާއްޖޭގެ ފައިނޭންޝަލް ސިސްޓަމް އަށް ވަދެފައި ވަނީ. އަހަރެމެންނަށް މި ގެއްލެނީ ކިހާ ފައިސާއެއްްހޭ؟