ރިޕޯޓް

ޕާކިން ޖޫރިމަނާއާ އެކު ލައިސަންސް ގެއްލުމުގެ ބިރު: ކުރި ޖެއްސުމެއްތަ؟

ޕާކް ކުރާނެ ގަރާޖެއް ދެއްކުމުން ނޫނީ ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީކޮށް ނުދޭން ނިންމާފައި އޮތަސް، މާލޭގެ މަގުތައް ފުރެމުން ދަނީ އަލަށް ގެންނަ ބޮޑެތި ވެހިކަލްތައް ވައްދާނެ ގަރާޖެއް ނެތި މަގުމަތީގައި އޮވެގެން.

ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ: ޕާކިން ޖޫރިމަނާއާ އެކު ލައިސަންސް ބާތިލް ކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި --- ފޮޓޯ/މިހާރު

ޕާކް ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމުގެ ވައުދު ވީތަނެއް ނޭނގެ އެވެ. ޕާކިންގެ މައްސަލަ ހައްލު ނުކުރެވުނަސް، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ވަސީލަތަކީ ޕާކިން ޖޫރިމަނާ އެވެ. ނުރައްކާތެރިކޮށް ދުއްވާ މީހުން ކިތަންމެ ގިނަޔަސް، ފުލުހުންނަށް ޖޫރިމަނާ ކުރެވޭ ހަމައެކަނި ބަޔަކީ ގަވާއިދާ ހިލާފަށް ޕާކްކުރާ މީހުންނެވެ. އެކަން އެގޮތަށް އޮއްވާ ޕާކިން ޖޫރިމަނާއާ އެކު، ލައިސަންސް ގެއްލުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހުނީ އެވެ.

ސަރުކާރުން ދާދިފަހުން ނެރުނު ލައިސަންސާ ބެހޭ އާ ގަވާއިދު ބުނާގޮތުން ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން 20 ފަހަރު ސްޓިކާ ޖަހައިފި ނަމަ، ލައިސަންސް ބާތިލްވާނެ އެވެ. އަދި ލައިސަންސް ބާތިލްވުމަށް ފަހު ހަ މަސް ވަންދެން އެ މީހަކަށް އާ ލައިސަންސެއް ނުލިބޭނެ އެވެ. މިގޮތަށް ހަމަޖެއްސީ ކޮންމެ ލައިސަންސަކަށް 100 ޕޮއިންޓް ދިނުމަށްފަހު، ޕާކިން ސްޓިކާއެއް ޖަހާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖެއްސުމަށް ފަހު އެވެ.

ނުރައްކާތެރިކޮށް ދުއްވުމާއި އިހުމާލުން ހިނގާ އެކްސިޑެންޓް ފަދަ ކަންކަމުގައި ލައިސަންސުން ކިތަންމެ ވަރަކަށް ޕޮއިންޓުން އުނި ކުރިޔަސް، އަދި ލައިސަންސް ބާތިލް ކުރިޔަސް، އެކަމާ ޝަކުވާ ކުރާނެ މީހަކު މަދުވާނެ އެވެ. ޕާކިންގެ މައްސަލަ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުން ދަނިކޮށް މިހާ ހަރުކަށި ފިޔަވަޅެއް އެޅުމަކީ ފާޑުކިޔުން އަމާޒުވި ސަބަބެވެ. ލައިސަންސެއްގެ މުއްދަތަކީ 10 އަހަރު ކަމަށް ވާއިރު، އެހާ ދިގު މުއްދަތެއްގެ ތެރޭގައި 20 ޕާކިން ސްޓިކާ ހަމަނުވާ މީހަކު މަދުވާނެ އެވެ. ސަބަބުތައް ބައިވަރެވެ.

ޕާކް ކުރާނެ ގަރާޖެއް ދެއްކުމުން ނޫނީ ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީކޮށް ނުދޭން ނިންމާފައި އޮތަސް، މާލޭގެ މަގުތައް ފުރެމުން މި ދަނީ އަލަށް ގެންނަ ބޮޑެތި ވެހިކަލްތައް ވައްދާނެ ގަރާޖެއް ނެތި މަގުމަތީގައި އޮވެގެންނެވެ. ޕާކިން ޒޯންތަކުގައި ބޮޑު ބައި އޮތީ ބޮޑެތި ވެހިކަލްތަކަށެވެ. ސަރުކާރުގެ އިމާރާތްތަކުގައި ކިތަންމެ ވަރަކަށް ޕާކިން ޒޯންތައް ހުއްޓަސް، ދައުލަތުގެ ވެރިންގެ ރަސްމީ ކާރުކޮޅުތައް ޕާކު ކުރެވެނީ މަގުތަކުން އެތައް ޖާގައެއް ނަގައިގެން އެ ބޭފުޅުންގެ ގެކޮޅު ކުރިމަތީގަ އެވެ.

ޕާކިން ޒޯންގައި އަމިއްލައަށް ޕެލެޓް ބަރި އަތުރައިގެން ޒޯންތަކުން އެތައް ޖާގައެއް ގެއްލުވާލަ އެވެ. ފިހާރަތަކަށް ގެންދާ މުދާ ރޭގަނޑު ވަންދެން އެ ބަހައްޓަނީ ޕާކިން ޒޯންތަކުގަ އެވެ. ބޭނުން ނުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުން އޮންނަނީ މޫސުމީ ކަމެއްގެ ގޮތުގަ އެވެ. މިއިން ކަމެއް ހުއްޓުވަން ޖޫރިމަނާއެއް ކުރަން ނުވަތަ ފިޔަވަޅެއް ނެތެވެ. މިކަން އެނގި ތިބެ ވެސް، މިހާ ހަރުކަށި ގަވާއިދެއް ގެނައުމަކީ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ގަވާއިދުން ސާފުނުވާ އެތައް ކަމެއް

އެހާ ހަރުކަށި ގޮތަކަށް އެ ގަވާއިދު ވުޖޫދަށް އައިއިރު، އެ ގަވާއިދުން ސާފުނުވާ އެތައް ކަމެއް ހުއްޓެވެ. މިސާލަކަށް، ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން ސްޓިކާ ޖަހައިފި ނަމަ ޕާކުކުރި މީހެއްގެ ލައިސަންސުން ޕޮއިންޓް ކެނޑޭނެ ކަމަށް އެ ގަވާއިދުގައި އެބައޮތަސް، އެކަން ބެލޭނެ ގޮތެއް ނެތެވެ. ގަވާއިދާ ޚިލާފަށް ޕާކްކުރީ އެ ވެހިކަލްގެ ވެރިމީހާ ކަން ނުވަތަ ނޫން ކަން ކަށަވަރު ކުރާނީ ކިހިނެތް ކަމެއް އެ ގަވާއިދަކު ބުނެފައެއް ނެތެވެ. އެހާ ވަރުގަދަ ނިޒާމުތަކެއް ރާއްޖޭގައި މިހާތަނަކަށް ނެތެވެ.

މާލޭގެ ޕާކިން ޒޯނެއް --- ފޮޓޯ/މިހާރު

އެހެންކަމުން ގަވާއިދާ ޚިލާފަށް ޕާކް ކުރީ އެހެން މީހަކު ކަމަށް ވިޔަސް، ލައިސަންސް ބާތިލްވުމުގެ ބިރު އޮތީ އުޅަނދުގެ ވެރިމީހާއަށެވެ. އެކަމަކު ވެރިމީހާގެ ލައިސަންސުން ޕޮއިންޓް އުނިކުރަން ބެލިޔަސް، އެކަން މުޅިން ދެކޮޅެއް ނުޖެހެ އެވެ. ސަބަބަކީ އެއްގަމު އުޅަނދުތައް ރަޖިިސްޓްރީ ކުރުމުގެ ގަވާއިދު އޮންނަ ގޮތުން ލައިސަންސް ނެތް މީހެއްގެ ނަމުގައި ވެސް ވެހިކަލުތައް ރަޖިސްޓްރީ ކުރެވޭތީ އެވެ. އެހެންވުމުން މިފަދަ އުޅަނދެއް ގަވާއިދާ ޚިލާފަށް ޕާކް ކުރިޔަސް، ލައިސަންސުން ޕޮއިންޓް އުނި ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ.

އަނެއްކޮޅުން، ރަނގަޅަށް ޕާކް ކުރިޔަސް، ލައިސަންސް ގެއްލުމުގެ ބިރު އެބައޮތެވެ. ޕާކިން ޒޯންގައި ރަނގަޅަށް ބަހައްޓާފައި ހުންނަ އުޅަނދުތައް އެހެން މީސްމީހުން އަމިއްލައަށް ގޮސް ޒޯނުން ބޭރު ކޮށްފައި ހުއްޓާ ސްޓިކާ ޖެހުމަކީ އާންމުކޮށް ރާއްޖޭގައި ހިނގާ ކަމެކެވެ. އެހެން ނަމަވެސް މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތެއް ވެސް އެ ގަވާއިދަކު ނެތެވެ. އެހެން މީހަކު ކުރި ކަމެއްގެ ސަބަބުން، ދުއްވި މީހާގެ ލައިސަންސުން ޕޮއިންޓް އުނި ކުރުމަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫނެވެ.

ބޭރު ލައިސަންސެއް ނަމަ، ތަފާތު ކުރުން

ރާއްޖެއިން ބޭރުގެ 25 ގައުމަކުން ދޫކުރާ ލައިސަންސް ރާއްޖޭގައި 90 ދުވަސް ވަންދެން ބޭނުން ކުރެވޭ ގޮތަށް އެ ގަވާއިދުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖެއްސިއިރު، އެކަން ވެސް ދެކޮޅެއް ނުޖެހެ އެވެ. އެފަދަ ލައިސަންސެއް އޮތް މީހަކު ގަވާއިދާ ހިލާފަށް ޕާކް ކުރިޔަސް، ލައިސަންސުން ޕޮއިންޓް ކެނޑޭނެ ގޮތެއް ގަވާއިދަކު ނެތެވެ. މާނައަކީ ކުރިން މިދެންނެވި 25 ގައުމުން ކުރެ ގައުމަކުން ލައިސެންސެއް އޮތް މީހެއް ނަމަ، ކިތަންމެ ވަރަކަށް ޕާކިން ސްޓިކާ ޖެހިޔަސް، ވަރިހަމަ އެވެ.

މިވަރުން ނިމުނީކީއެއް ވެސް ނޫނެވެ. ބޭރު ލައިސަންސެއް ރާއްޖޭގައި ބޭނުން ކުރެވޭ މުއްދަތު ހަމަވުމުން އިތުރު އިމްތިހާނަކާ ނުލައި، ދާއިމީ ލައިސަންސް ވެސް އެ މީހަކަށް ރާއްޖޭގައި ދޭނެ އެވެ. ބިދޭސީއަކަށް ވިޔަސް އަދި ދިވެއްސަކަށް ވިޔަސް، މައްސަލައެއް ނެތެވެ. ރާއްޖެއިން ދޫކުރާ ލައިސަންސެއް އޮތް މީހަކު ގަވާއިދާ ހިލާފަށް ޕާކް ކުރުމުން ލައިސަންސުން ޕޮއިން ކެނޑޭއިރު، އެހެން ގައުމަކުން ދޫކުރާ ލައިސަންސެއް އޮޮތް މީހުންނަށް އެޅޭނެ ފިޔަވަޅެއް އެ ގަވާއިދުގައި ނެތުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ.

ލައިސަންސް ބާތިލްވުމުން އުފުލަންޖެހޭ ބޮޑު ތަކުލީފް

ލައިސަންސް ބާތިލްވުމަށް ފަހު އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ވެސް އެ ގަވާއިދު އޮތްގޮތުން އެހާ ބޮޑެވެ. އެ ގަވާއިދު ބުނާގޮތުން ލައިސަންސް ބާތިލްވުމަށް ފަހު ހަ މަސް ވަންދެން އެ މީހަކަށް އިތުރު ލައިސަންސެއް ނުލިބޭނެ އެވެ. މާނައަކީ އެ މުއްދަތުގައި ވެހިކަލެއް ދުއްވައިފި ނަމަ، ކުރިމަތިިވާނީ އިތުރު ޖޫރިމަނާ އެކެވެ. ހަ މަސްވުމުން އުފުލަން ޖެހޭ ބުރަ މާ ބޮޑެވެ. އެ ގަވާއިދު ބުނާގޮތުން ހަ މަސް ފަހުން ވެސް، ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން ހުރިހާ އިމްތިހާނެއް ފުރިހަމަ ކުރުމުންނެވެ.

ލައިސަންސް ނަގަން ޓެސްޓް ހަދަނީ: ލައިސަންސް ބާތިލްވުމުން އަލުން ޓެސްޓް ހަދާ ސަބަބެއް ނުވިސްނޭ -- ފައިލް ފޮޓޯ: މިހާރު

އެހެން ނަމަވެސް އެތައް އަހަރެއް ވަންދެން ލައިސަންސް ނަގައިިގެން ވެހިިކަލް ދުއްވާފައި ތިބި ބަޔަކު އިތުރު ފައިސާތަކެއް ހަރަދުކޮށްގެން އަލުން އެ ހުރިހާ އިމްތިހާނެއް ހަދަންޖެހޭ ސަބަބެއް ނުވިސްނުނެވެ. އަނެއްކޮޅުން، އަލަށް ލައިސަންސެއް ނަގަން ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ހޭދަވާ ވަގުތުތަކަކީ އިތުރު ތަފްސީލެއް ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންވެ، ޕާކިން ސްޓިކާތަކެއްގެ މައްސަލާގައި ދުއްވުމުގެ އިމްތިހާން ފުރިހަމަ ކުރަން ލާޒިމް ކުރުވުމަކީ އާންމުންނަށް ކުރިމަތިކުރާ އިތުރު ތަކުލީފަކަށް ނޫނީ ނުވެ އެވެ.

އާ ގަވާއިދާ އެކު ކުރިމަތިވާން ފެށި ފާޑުކިޔުންތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ލައިސަންސުން ޕޮއިންޓް އުނިކުރަން ފަށާނީ ޕާކިންއަށް އެކަށީގެންވާ ޖާގަތަކެއް ހަމަޖެއްސުމަށްފަހު ކަމަށެވެ. އެއީކީ އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުރެވިފައެއް އޮތް ކަމެއް ނޫނެވެ. އަދި ޕާކިން ޖާގައަށް ދެއްކުމަށްފަހު ނޫނީ ލައިސަންސުން ޕޮއިންޓް އުނި ނުކުރާނެ ކަމަށް ބުންޏަސް، އާ ގަވާއިދަށް މިދިޔަ މަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާތީ ޓްރާންސްޕޯޓް މިނިސްޓްރީން އެ ބުނާ ބުނުމަށް އިތުބާރެއް ވެސް ނެތެވެ.

ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ މިހާ ބޮޑަށް ގޯސްވެފައި އޮތީ ސަރުކާރުތަކުގެ ސަބަބުންނެވެ. މަގުތައް ތޮއްޖެހެނީ ގަވާއިދާ ޚިލާފަށް ޕާކްކުރާ މީހުންގެ ސަބަބުން އެކަންޏެއް ވެސް ނޫނެވެ. އެކަން އެގޮތަށް އޮއްވާ ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ހެދުމުން އާންމުންނަށް އިތުރު ބުރަތަކެއް ކުރިމަތިވެ، ދައުލަތަށް އިތުރު އާމްދަނީ ލިބުން ނޫން ކަމެއް ނުވެ އެވެ. ޕާކިން މައްސަލަ ގޯހުން ގޯހަށް ދަނިކޮށް ކުރާ ޖޫރިމަނާގެ އިތުރުން ލައިސަންސް ބާތިލްވާ ގޮތަށް ހެދުމަކީ އާންމުންނަށް ކުރި ޖެއްސުމަކަށް ނޫނީ ނުވެ އެވެ.

73 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 2%
icon angry icon angry 76%
icon wow icon wow 2%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާމްދި ކާނޫ

05 August 2021

ޖުރީމެނާ ކުރަންވާނީ އިތުރު ޕާކިން ޖާގަ ހެދުމައްފަހު! މިހިސާބައް ކަންތައްތައް މިހާ ގޯސްވެފައިވަނީ އެތައް ސަރުކާރެއްގެ ޓްރާންސްޕޯޓް މިނިސްޓަރުންނައް ތަންދޮރު ނުދަންނަ ބޭފުޅުން ނުލާތީ!ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޓްރާންސްޕޯޓް މިނިސްޓަރީއަކީ ރާއްޖޭގެ ކޮންމެ އެއްގަމު އަދި ކަންޑު އުޅަންދަކާ ސީދާ ގުޅިފައިވާ ޒިއްމާތަށް ވަރަށްވެސް ބޮޑު މިނިސްޓަރީެއެއް.މިވަރުގެ ތަންތަނާ ހަވާލުވާންވީ ކިޔަވާގެން ތިބި ގާބިލު މީހުން!

The name is already taken The name is available. Register?

ޔައުނީ

05 August 2021

3 މާސްޓާޒް ޑިގުރީ މަދުތަ؟؟؟

The name is already taken The name is available. Register?

ޓެކްސީީ

05 August 2021

މިހާ ބޭއިންސާފުން އަހަރުމެންނާމެދު ކަންކަން ކުރި ސަރުކާރެއްނެތް، އެއްގަމު އުޅަނޑައި ކަނޑު އުޅަނދުގެ ތަފާތު ކުރުންވެސް އިންތިހާއަށް، އަހަރުމެން އެތަށް ދުވަހެއް ތިބިން ކާރަށް ނާރާ ކާފިޔުއާ ހެދި، އެކަމަކު އަހަރީފީ މާފުކޮއްދެނީވެސް ވަކި ބަޔަކަށް. ދިވެހިންނައި ބިދޭސީންނާއިވެސް ތަފާތު ކުރުން. މިބުރު ނުދޭނަން ވޯޓެއް މި ސަރުކާރަށް

The name is already taken The name is available. Register?

މާސްޓަރ

04 August 2021

ޖޫރިމަނާ ދިހަ ހާހަށްވުރެ ބޮޑުވީމަ ދައްކާކަށް ނުޖެހޭ. ޖެހެނީ ކޮމިއުނިޓީ ސަރވިސް ކުރަން. މިބުނާ ސަރވިސް ރާއްޖޭގައި ކުރެވޭނީ ކިހިނެއްކަން ހުރިހާ ދިވެހިންނަށްވެސް އެގޭނެ. މަދު ފައިސާކޮޅެއް ދައްކަން ޖެހޭ ޢާއްމު ނިކަމެތި މީހާ ފެލާލާފަ މުއްސަދިން އެތައް ހާހުން ޖޫރިމާނާ ވީމަ ދައްކަން ނުޖެހޭ ސިސްޓަމް. މިއޮތީވާ ޤައުމެއް!

The name is already taken The name is available. Register?

މަންދ

04 August 2021

ކަންކަން ހައްލުކުރަން ނުކުޅެދޭ މީހުން ވަޒީފާގަތިބެގެންވާނީ ތިހެން. އަދި ރަގަޅުވާނެ.

The name is already taken The name is available. Register?

ވަހީދު

04 August 2021

ލައިސަންސް ވަނީ ހިފަހައްޓާފައި. 3 އަހަރު މިވަނީ ލައިސަންސް ނެތި ދުއްވާތާ. ހަމަ މާލޭގައި އެއްވެސް ހާސްކަމެއް ނެތް.

The name is already taken The name is available. Register?

ހާސަރުބެ

04 August 2021

ހުރިހާވެސް މައްސަލަ އަކީ މިމީހުން،

The name is already taken The name is available. Register?

ދުރުމި

04 August 2021

ތޮއްޖެހިފައިވާ މާލޭގެ އެއްގަމު އުޅަނދުފަހަރުގެ މައްސަލައަށް ކޮންމެފަދަ ފަންޑިތައެއް ހެދިޔަސް ހައްލެއް ލިބެންއޮތް ކަމަކަށް މަގޭ ދުރުމީއަކަށް ނުފެނޭ. 450 އަކުރާއި ފިލިން ތަފްސީލް ބަޔާންކޮށް ނުދެވޭނެތީ މިހާ ހިސާބުން ކުރުކޮށްލީ.

The name is already taken The name is available. Register?

ތެދު

04 August 2021

ދުނިޔޭގެ އެއްވެސް ގައުމެއްގައި ހިތުހުރި ތަނެއްގައި ޕާކެއް ނުކުރެވޭނެ. އަކަކިލޯމީޓަރުގެ ކުޑަ ބިންކޮޅެއްގައި އެއްލައްކަ ބިދޭސީންނާ ދެލައްކަ ދިވެހިން ގެ ވެހިކަލް ޕާކްކުރާނެ ތަނެއް ސަރުކާރަކުން ނުދެއްކޭނެ. ވެހިކަލް ގެ ވެރިފަރާތުގެ މަސްއޫލިއްޔަތެއް ޕާކުކުރާނެ ތަން ހޯދައިގެން ވެހިކަލެއް ހޯދުމަކީ.

The name is already taken The name is available. Register?

ރިއަލް އެމްޑީޕީ

04 August 2021

ސްޓިކަރ ޖަހާނީ ޕާކު ކުރާނެ ޖާގަދީފަޔޭ ކިޔާފަ ދޮގު ވައުދުވެގެން އައި ސަރުކާރު އެޔަށްވުރެ ނުބަކޮން އަމަލު ކުރަނީ.

The name is already taken The name is available. Register?

އޭނަ

04 August 2021

"ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ވަސީލަތަކީ ޕާކިން ޖޫރިމަނާ އެވެ." އާމްދަނީގެ 0.78% އެއީ. ހަމަ ބޮޑު ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454