ތަމަންނާ.
07 އޯގަސްޓް 2021 - 07:37
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ކައްކާ ޝޯ "މާސްޓަ ޝެފް" ގެ ތެލެގޫ ޝޯގެ ހޯސްޓަކަށް ބަތަލާ ތަމަންނާ ބާޓިއާ ހަމަޖައްސައިފި އެވެ.
ޖެމިނީ ޓީވީން ގެނެސްދޭން ހަމަޖެހިފައިވާ ޝޯގެ ޕްރޮމޯއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "މާސްޓަ ޝެފް ތެލެގޫ" އަކީ ތަމަންނާ ޓީވީ ޝޯއެއް ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. އަދި މި ފުރުސަތު ލިބުމުން އޭނާ އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އިތުރުން ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ތަމަންނާ ބުނި ގޮތުގައި އޭނާ އަކީ ކެއުމަށް ވަރަށް ލޯބިކުރާ މީހެކެވެ. އެހެންވެ "މާސްޓަ ޝެފް ތެލެގޫ" މެދުވެރިކޮށް، ދެކުނު އިންޑިއާގެ ކެއުނުންތަކާއި އެތަނުގެ ސަގާފަތް ވެސް ޝޯގެ ތެރެއިން ވަރަށް ބޮޑަށް ދައްކުވައިދޭނެ ކަމަށް ބުންޏެވެ.
"ބާހްބަލީ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ތަމަންނާ، 31، ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި ސައިފް އަލީ ޚާންގެ "ހަމްޝަކަލްސް" އާއި އަޖޭ ދޭވްގަންގެ "ހިންމަތުވާލާ" އަދި އަކްޝޭ ކުމާރުގެ "އެންޓަޓައިންމަންޓް" ހިމެނެ އެވެ. އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ނަވާޒުއްދީން ސިއްދީގީއާ އެކު ކުޅެފައިވާ "ބޯލެ ޗޫޅިޔާ" އެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން އަކްޝޭ އަކީ ވެސް މާސްޓަ ޝެފް ހޯސްޓްކޮށްފައިވާ ތަރިއެކެވެ. އޭނާ ހޯސްޓްކުރީ ސްޓާ ޕްލަސް އިން ގެނެސްދިން "މާސްޓަ ޝެފް އިންޑިއާ" ގެ ފުރަތަމަ ސީޒަނެވެ. އެއީ 2010 ގަ އެވެ.
އެ ޝޯގެ ހަ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy