މުނިފޫހިފިލުވުން / ބޮލީވުޑް

ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުން އާމިރަށް ކަމަކުނުދޭ

މިހާރު ބޮލީވުޑްގެ ގިނަ ފިލްމުތައް ޑިޖިޓަލްކޮށް ޕްރީމިއާކުރާތީ ކަންބޮޑުވާ ކަމަށާއި ފިލްމީ ދާއިރާގެ މީހެއްގެ ހައިސިއްޔަތުން އެކަމާ އެހާ ގަޔާނުވާ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި 56 އަހަރުގެ އެކްޓަރު ބުނީ ކުރިއެކޭ އެއްގޮތަށް ސިނަމާތައް ހިނގައިގަތުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމަށް ދުއާ ވެސް ކުރާ ކަމަށެވެ. ސިނަމާތަކުގެ އިންޑިއާގައި ހުއްޓުމަކަށް އައީ މިދިޔަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކުރި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކީގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް ގައުމުގެ ސިނަމާތައް ބަންދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި އަލުން ހާއްސަ ފިޔަވަޅުތަކަކާ އެކު ސިނަމާތައް ހުޅުވަން ހުއްދަ ދީގެން މަދު ފިލްމުތަކެއް އެޅުވި ނަމަވެސް، އަނެއްކާ ވެސް ސިނަމާތައް ބަންދުކުރަން ޖެހުނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

އެއަށް ފަހު މިހާރު، މި މަހު އަލުން ސިނަމާތައް ހުޅުވާ އިރު، އަޅުވާ ބޮލީވުޑްގެ ފުރަތަމަ ބޮޑު ފިލްމަކީ މި މަހުގެ 19 އަށް ތާވަލުކޮށްފައި އޮތް އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އެވެ. އެކަމަކު އަދި ވެސް ކޮވިޑްގެ ހާލަތު މުޅިން ރަނގަޅު ނުވާތީ ސިނަމާތަކުގެ ވިޔަފާރި އޮތީ ވާނުވާގަ އެވެ.

"ފިލްމީ މީހެއްގެ ހައިސިއްތުން އަހަރެން ގަޔާވާ ކަމެއް ނޫން ޑިޖިޓަލްކޮށް ޕްރީމިއާކުރުމަކީ. އޭގެ ސަބަބުން ފިލްމުތަކަށް ލިބެންވާ ހައްގު މަގާމެއް ވެސް ނުލިބޭ."

އާމިރު ބުނި ގޮތުގައި ސިނަމާތައް ބަންދުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެކެވެ.

"އެކަމަކު ސިނަމާތައް ކުރިއެކޭ އެއްގޮތަށް ހުޅުވުމުގެ ވާހަކަ އަކީ ވެސް ދައްކަން ފަސޭހަ ވާހަކައެއް ނޫން. އަހަރެމެން މިހާރު ތިބީ ވާނުވާ ލަފާކުރަން ވެސް ދަތި ހާލަތެއްގެ ތެރޭގައި،" އޭނާ ބުންޏެވެ. "އާންމު ހާލަތަކަށް އައުމަށްޓަކައި ވަރަށް މުހިއްމު އެންމެން ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކުރުން."

ކާމިޔާބު އެކްޓަރު ބުނީ ސިނަމާތައް ބަންދުކުރަން ޖެހި ފިލްމުތައް ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރަން ޖެހުމަކީ ފިލްމުކަށް އޮތް ވަރަށް ބޮޑު ދެރައެކެވެ. ސަބަބަކީ އެގޮތަށް ފިލްމުތައް ރިލީޒްކޮށްގެން، ފިލްމުތަކަށް ލިބެން ޖެހޭ ސަމާލުކަމާއި ވިޔަފާރީގެ ފައިދާ އާއި ފިލްމުތަކުގެ ފޯރި ވެސް ބޮޑުތަނުން ކުޑަވުމެވެ.

"ފިލްމީ މީހެއްގެ ހައިސިއްތުން އަހަރެން ގަޔާވާ ކަމެއް ނޫން ޑިޖިޓަލްކޮށް ޕްރީމިއާކުރުމަކީ. އޭގެ ސަބަބުން ފިލްމުތަކަށް ލިބެންވާ ހައްގު މަގާމެއް ވެސް ނުލިބޭ." އާމިރު ބުންޏެވެ.

އޭނާ މި މޭރުމުން ވާހަކަ ދައްކާފައި މި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ތާވަލުކުރި ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްތަކަށް ވެސް ބުރޫއަރާފައި ވަނިކޮށެވެ. އެ ފިލްމު މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކުގައި ރިލީޒްކުރާނެ ކަމަށް ބެލެވުނަސް އެކަން އަދި ކަށަވަރެއް ނޫނެވެ.

ސިނަމާތަކުގެ ވިޔަފާރި ކޮވިޑާ ހެދި ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ އިރު، ވަރަށް ގިނަ ބަޔަކު މިހާރު ދެކޭ ގޮތުގައި ސިނަމާ ވިޔަފާރި އަކީ ދެން މުސްތަގުބަލެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ ސްޓްރީމީން ޕްލެޓްފޯމްތައް އިތުރުވެ، އެ މީހަކު ބޭނުން އިރަކު، ބޭނުން ތާކު ހުރެގެން މިހާރު ފިލްމު ބެލޭނެ ފުރުސަތު އޮތުމެވެ.

އަދި މި ބަހުސަކީ ބޮލީވުޑްގައި ވަރަށް ގަދަޔަށް ހިނގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454