ރަޝިޔާގެ ސްޕަޓްނިކް ވެކްސިން. ވެކްސިންގެ އިންތިޒާމުތައް ހަމަޖެހި އާބާދީއަށް ވާވަރަށް ވެކްސިން ލިބިފައިވަތީ ސްޕަޓްނިކް ވެކްސިން ނުގެންނަން ވަނީ ނިންމާފަ ---
13 އޯގަސްޓް 2021 - 08:33
ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ރާއްޖޭގައި ޖަހަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިން ނުގެންނަން ނިންމައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ ކުރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރި ސްޕަޓްނިކް ވެކްސިން ނުގެންނަން ނިންމީ ވެކްސިނާ ގުޅޭ ކަންކަން ފުރިހަމަވެ، ވެކްސިންގެ އިންތިޒާމުތައް ހަމަޖެހުމުން ކަމަށެވެ.
އެމެރިކާގެ އެހީގެ ދަށުން ފައިޒާ ވެކްސިންގެ 128،700 ޑޯޒް މިދިޔަ ހަފުތާގައި ވަނީ ރާއްޖެ އަށް ލިބިފަ އެވެ. އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ހަތް ލައްކަ ޑޯޒްގެ ތެރެއިން 450،000 އެއްހާ ޑޯޒް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ގެނެސްފަ އެވެ.
ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ސަރުކާރުން ހިންގާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ބޭނުން ކުރަނީ ހަތަރު ބާވަތެއްގެ ވެކްސިނެކެވެ. އެއީ ކޮވިޝީލްޑާއި ސިނޮފާމާއި ފައިޒާގެ އިތުރުން އެސްޓްރާޒެނެކާ އެވެ.
ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ސަރުކާރުން ފަށާފައި ވާއިރު، އެ ޕްރޮގްރާމްގެ ދަށުން މި މަހުގެ ނިޔަލަށް 90 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
ކޮވިޑް ވެކްސިން ލާޒިމުވާ ގޮތަށް ރާއްޖޭގައި ގިނަ ކަންކަން މަޖުބޫރު ކުރަމުން އަންނައިރު، ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައި ނިންމަން ސަރުކާރުން އިލްތިމާސް ކުރެ އެވެ.
އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ހަވީރު 6 އާ ހަމައަށް 341،009 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރީ 292،905 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިހޮއްތު
14 August 2021
މިވެސް ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުން ގަނޑެއް
ސަލީމް
13 August 2021
ވެކްސިން ހުއްޓެއް ކަމަކު ވެކްސިން ޖެހުން އަނެއްކާވެސް ވަރަށް ސުލޯ ވެއްޖެ.. ދުވާލަކު މާލެއިން ހާހެއް ހާމީހުންވެސް ނުޖަހަ.. ފަސް ލައްކަ ޑޯސް ހުއްޓަސް އޭގެ ގެރެންޓީ ހަމަ ވުމުގެ ކުރިން ޖަހާ ހުސްކުރަން ޖެހެ.. އަދި މި ވަބާއިންމިންޖު ވާން ޖެހޭ...
ބައިޑަން
13 August 2021
341000 އެއީ އާބާދީ ނިސްބަތުން ކިތަށް އިންސައްތަ ކޮބައި ބިދޭސީންގެ ނިސްބަތަކީ