ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެގެ ޖަލްސާގެ ރިޔާސަަތު ބަލަހައްޓަވަނީ. އީވާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މަސައްކަތް ހިނގައިގަންނާނީ ސަރުކާރުން ބިލްތައް ފޮނުވުމުން ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
17 އޯގަސްޓް 2021 - 11:40
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތައް އަދިވެސް ނުފޮނުވާތީ ތަޅުމުގައި ބަހުސްކުރާނެ ކަމެއް ނެތި، ޖަލްސާތައް ކުރުކުރަން ޖެހިއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަަލްސާގައި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި އަހަރުގެ ތިން ވަނަ ދައުރުގައި އަދި ކުރެވެން އޮތް މައިގަނޑު މަސައްކަތްތައް އޮތީ ކޮމިޓީތަކުގައި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ތަޅުމުގައި ބަހުސްކުރާ މަރުހަލާގައި މިއަދުގެ ޖަލްސާ އަށް ފަހު އޮންނާނީ އެންމެ ދެ ބިލެވެ.
އޭގެ ތެރެއިން އެއް ބިލަކީ މިއަދު ހުށަހަޅައި ބަހުސްކުރަން ފެށި، ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެވެ.
"އެނގިވަޑައިގަންނަވާނެ މިދިޔަ ދައުރު ނިންމާފައި އަޅުގަނޑުމެން ދިޔައީ ބަހުސް މަރުހަލާގައި ނުވަތަ ދެވަނަ ކިއުމާ ހަމައިގައި ހުރި ގިނަަ ބިލުތަކެއް، ގާތްގަނޑކަަށް ހުރިހާ ބިލުތަކެއްގެ މަސައްކަތް ނިންމާފައި. އެހެންވެ އިއްޔެ ވެސް އަޅުގަނޑު ދެންނެވީ މި ދައުރުގެ މައިގަނޑު މަސައްކަތް މި ވަގުތު ކުރެވެން އޮތީ ކޮމިޓީ މަރުހަލާގައޭ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ މި އަހަރުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ފޮނުވަން ގަސްދުކުރާ ބިލުތަކުގެ ލިސްޓް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވީ އިއްޔެގެ ވަގުތެއްގަ އެވެ. ރައީސް އޮފީހުން އެ ލިސްޓް މަޖިލީހަށް ފޮނުވީ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ބަހުސް މަސައްކަތް ފެށޭނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ކުރިއަށް އޮތް، ފޮނުވަން އޮތް ބިލްތައް އަޅުގަނޑުމެންނާ ހަމައަށް އައިމަ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެ ބިލުތަކެއް ނެތް ކަމަށް ވިޔަސް ކޮމިޓީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ހުރުމުން މިއަދު ވެސް ގިނަ ބައްދަލުވުންތަކެއް ކުރިއަށް އެބަ ދެ އެވެ. މިއަށް ތާވަލްކޮށްފައިވާ ކޮމިޓީ ބައްދަލުވުންތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ ބައްދަލުވުންް ހިމެނެ އެވެ. ޖުޑިޝަރީ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އަދި އެންވަަޔަރްްމެންޓް ކޮމިޓީގެ ބައްދަލުވުމެއް ވެސް މިއަދު ކުރިއަށް ދާނެ އެވެ.
މި އަހަރުގެ މި ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓް ރައީސް އޮފީހުން މަޖިލީހަށް މިއަދު ފޮނުވި އިރު އެ ލިސްޓްގައި އޮތީ ޖުމްލަ 32 ބިލެކެވެ. އޭގެ ތެރޭގައި ގިނައީ އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ ބައެއް މުހިއްމު ގަަވައިދުތައް ގާނޫނަށް ބަދަލުުކުރަން ހުށަހަޅާފައިވާ ބިލްތަކެވެ.
ސަރުކާރުން ފޮނުވަން ގަސްދުކުރާ ބިލުތަކުގެ ލިސްޓްގައި އެންމެ މުހިއްމު ބިލަކަށް އޮތީ މީގެ ކުރިން އެކި ފަހަރުމަތިން މަސައްކަތް ކޮށް، ފާސްނުކުރެވި އޮތް ހެއްކާ ބެހޭ ގާނޫނުގެ ބިލެވެ. ފާހަގަކޮށްލެވޭ އެހެން ބިލުތަކުގެ ތެރޭގައި:
- ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް.
- ފޮރިން އިންވެސްޓްމެންޓްގެ ބިލް.
- އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް.
ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމުން، ގާނޫނަކުން ބާރު ދޭ ގަވައިދުތައް ފިޔަަވައި އެހެން ގަވައިދުތައް ހިންގުން މަނާވި އެވެ. އާއްމު ގަވައިދުތަކުގެ ގާނޫނަކީ އެފަދަ ގަވައިދުތަކަށް ބާރުދޭން ފާސްކޮށްފައިވާ ގާނޫނެކެވެ. ވަކި މުއްދަތަކަށް ފަހު އެ ގަވައިދުތައް އިތުރަށް ކުރިއަށް ގެންދާ ނަަމަ ގާނޫނުތައް ހަދަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
22 August 2021
ކުރާނެ ކަމެއް ނެތިއްޔާ މުސާރަ ވެސް ނުނަގަބަލަ. ޓެކްސް ފައިސާ ކޮޅު މިނަކަމެތި ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް ކޮށްބަލަ.... ރައްޔިތުން ހަނާވަނީ. ބަރުޒަމާނީ އޭ ނުކިޔާ. މިހާރު ކޮބައިތާ ފައިސާ ފައިސާ މަޖިލިސް މެމްބަރ
ތެތްފިނި
18 August 2021
ކިއްލިއާއި ލޮލީފަދަ ތަކެތި އުފައްދަން ފަށާ އަވަހަށް، ޤައުމު މިއޮތް ނިކަމެތި ޙާލަތު އަރައިގަނެ ޢިއްޒަތްތެރި މެމްބަރުންނަށް ބޮޑު މުސާފުޅު ދެވޭނެގޮތަކަށް އެބަ މަސައްކަތްކުރަންޖެހޭ.
ފޫހި
17 August 2021
ކުރާނެ ކަމެއްނެތިއްޔާ ތިޔަތަން ބަންދުުކުރޭ. އޭރުން ކެއުމުގެ ހަރަދު ކުޑަވާނެ.
އެޑަމް
17 August 2021
މަޖިލީހުގަ ބުއްދި ހަމަނުވާ މީހުން ގިނަވިވަރަކައް ދާނީ ކުރާނެކަމެއްނެތެމުން ވީޑިއޯތަކުންވެސް ފެނެއެއްނު ބައެއްމެމްބަރުންގެޙާލްތު އަނެއްބައިމީހުން ބޭރުޤައުމުތަކުގެރީހަބުންފަރުވާހޯދަނީ ކުރާނެކަމެއްުުުނެތިއްޔާ ސަލާމަތުންތިބިމީހުން މިމީހުނާގެހުންނަންވީ ނަޒާހަތްތެރިކަމާބެހޭބިލެއް ހުށަހަޅައިގެން ބަހުސްކޮއްބަލަ!!ލަދުން ބޯހަލާކު ރައްޔިތުންގެ ކުރިމަތީ ތިކިޔާޢިއްޒަތް އެބައޮތްތޯ!!
އައްބެ
17 August 2021
މަށަށްހެޔޮ ތިޔަ މަޖިލިސް ނެތަސް، ތިއީ ބޭކާރު ތަނެއް. ތިޔަށްވުރެ ހަރުދަނާ ރަނގަޅު ބަހުސްތައް ކުރާނެ ރަށު މުސްކުޅިވެރިން ހޮޅުއަށީގަޔާއި ޖޯލިފަތިތަކާއި ބޮޑުއަށިތަކުގައި. ބަޔަކަށް އަޅުވެތިވެފައިތިބި ބަޔަކަށް ކުރެވޭނެ ކަމެއް އޮންނާނެތަ. މަޖިލިސް ވަޤުތުން ވަޤުތައް އުވާލާ
ފޮނިފޮނިޓައްޕު ކުމާރު
17 August 2021
"ހަދާނެގޮތެއް ކުރާނެކަމެއްނެތީމާ ކަންވަޅަށްދާނީ......" ނައިފަރުދޮހޮއްކޮބެ.
ނެތޭ؟
17 August 2021
ދެން އަވަހަށް ބަންދުކުރޭ. ބަންދުކުރުމާއެކު މުސާރަކޮޅުގަވެސް އަތްނުލާ ތިބެންވާނީ.
ބަނބޫ
17 August 2021
ބަންދުކުރިޔަސް މުސާރައިގަ އަތްނުލައެއްނުހުންނާނެ.
އިހު
17 August 2021
އެއްޗެކޭ ކިޔާފަ ސަރުކާރަށް ޖެއްސުންކުރެވޭތޯ ބަލާ. ތިތިބީ ޕަޕެޓް މާސްޓަރ ނެތީމަ ގުޑިލަން ނޭނގިފަ. އެހެންވާނީ އެންމެ މީހަކު ވަށާ އެނބުރޭތީ. އަމިއްލަ ސިކުނޑިން ކުރާނެ ކަމެއް ނޯންނާނެ
ސީޒަން ޖެކުހަން
17 August 2021
މިގައުމަށް މިހާރު މަޖުލީހެއް ބޭނުމެއްނުވޭ. ބޭކާރުވަނީ ގަނޑުކޮށް ލާރިތަކެއް. ދިވެހި ގިނަ ރައްޔިތުން އެދެނީ ތިތަން އުވާލަން.
ތަންޑާ
17 August 2021
އިއްޒަތްތެރި މަޖިލީހޭ ކިޔަނީ ކުރާނެ މަސައްކަތެއް ނެތުމާ މަސައްކަތް އޮންނަ ދުވަހުވެސް ޗެމްބަރުރތެރޭ އަޑުގަދަކޮށް ހަޅޭލަވާފަ ކުޑަދޮށުގަ ކޮފީބޮއެފަ ގެއަށް ދިއުމާއި ބޮޑެތި ޑީލްތައް ހެދުމާއި މަހަކު ދެތިން ފަހަރު ބެންކޮކް ދުބާއިއަށް ވިޔަފާރި ދަތުރުތަެް ކުރުމާއި އަހަރަކު ހަތަރު ފަހަރު ޗުއްޓީ ނެގުންފަދަ އިޚްލާސްތެރި މަސައްކަތްތަކެއް ކުރާ ތަނަކަށް ވާތީއޭ.