19 އޯގަސްޓް 2021 - 06:24
މި އަހަރުގެ ނޮވެމްބަރު މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމާފައިވާ ފިލްމު "ބްރޫޒްޑް" ގެ ރޯލެއް ދޭނެ ކަމަށް ބުނުމުން، ބައިވެރިވާން އޮތް މުބާރަތެއް ދޫކޮށްލި ނަމަވެސް ފަހު ވަގުތު ފުރުސަތު ނުދިނުމުން ބަތަލާ ހެލީ ބެރީގެ މައްޗަށް އެމެރިކާގެ މާޝަލް އާޓްސް ތަރި ކެޓް ޒިންގާނޯ، ބެރީ އަށް ދައުވާކޮށްފި އެވެ.
އޭނާ ބުނީ، އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ޑައިރެކްޓްކޮށް ބަތަލާގެ ރޯލު ކުޅުނު ފިލްމުން ރޯލެއް ކުޅެދޭން ބެރީ އެދުނީ ދެ މީހުން 2019 ގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަދި ފިލްމުގެ ރޯލެއް ދޭނެކަމަށް ވައުދުވުމުން އެ އެއަށް ވަގުތު ދިނުމަށްޓަކައި، އެ އަހަރުގެ އޮކްޓޯބަރުގައި ބޭއްވި ޔޫއެފްސީ މުބާރާތެއް ވެސް ދޫކޮށްލި ކަމަށް ޒިންގާނޯ، 39، ބުންޏެވެ.
އޭނާ އަށް ފިލްމުން ފުރުސަތު ނުދިނުމުން، މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވެސް ބެރީއާ ހެދި ގެއްލުމުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އޭގައި ބުނީ "ބްރޫޒްޑް" އިން ދިން ކެރެކްޓާ ވެސް އޮތީ ޒިންގާނޯގެ ހަޔާތަށް ބިނާކޮށްފައި ކަމަށްވުމުން، އޭނާ އަށް ފުރުސަތު ހުށަހަޅާފައި ފަހުން ބާކީކޮށްލުމަކީ ޒިންދާމާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި "ބްރޫޒްޑް" އިން ޒިންގާނޯ އަށް ފަހުން ފުރުސަތު ނުދޭން ނިންމީ އޭނާގެ އިންޝޫރަންސްގެ ކަންކަން އުޒުރަކަށް ދައްކައިފަ އެވެ. އަދި އޭގެ ފަހުން އެއްވެސް މުއާމާލާތެއް ނުކުރެވޭ ގޮތަށް ބެރީ ގުޅުން ކަނޑާލި ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުވާގައި ބުނީ ބެރީ އަމަލުކުރި ގޮތުން ފިލްމުގައި ބައިވެރިވާން މުބާރާތް ވެސް ދޫކޮށްލުމަކީ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ބެރީގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޭނާގެ ފުރަތަމަ ޑައިރެކްޝަން "ބްރޫޒްޑް" އަކީ އަންހެން މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ތަރިއެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މީގައި ބެރީ ކުޅެފައި ވަނީ ޖެކީ ޖަސްޓިސް ކިޔާ އެމްއެމްއޭ ތަރިއެއްގެ ރޯލެވެ.
މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިއާކުރި "ބްރޫޒްޑް" ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 24 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy