ގައުމީ ދުވަސް ފާހަގަކުރުމަށް ވިލިނގިލީގައި ބޭއްވި ރަސްމީ ޖަލްސާގައި ނައިބު ރައީސް ޖިހާދު މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހޯމް މިނިސްޓްރީ
30 ނޮވެމްބަރ 2016 - 15:44
ގައުމެއް ކުރިއަރާނީ އެ ގައުމެއްގައި ހަރުދަނާ ލީޑަޝިޕެއް އޮވެގެން ކަމަށާއި ރާއްޖެ ކުރިއަރަމުން އަންނަނީ ހިތަށް ވެސް ނުގެނެވޭހާ ހަލުވި ދުވެއްޔެއްގައި ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަ ކުރުމަށް ގއ. ވިލިނގިލީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ، އުމްރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން ހަލުވި ދުވެއްޔެއްގައި ރާއްޖެ ކުރިއަރަމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށެވެ.
ގައުމެއް ކުރިއަރާނީ އެ ގައުމެއްގެ ބިމާއި އާބާދީ އަދި ގުދުރަތީ މުއްސަނދިކަމުގެ ސަބަބުން އެކަނި ނޫން ކަމަށާއި ދުނިޔޭގެ އާބާދީ ބޮޑެތި ބައެއް ގައުމުތަކަކީ ވަރަށް ފަގީރު ގައުމު ތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ބޮޑެތި ފަރުބަދަތަކާއި ބިން ބޮޑު ގައުމުތަކުގައި ދިރިއުޅޭ މީހުން އެތިބީ ބަނޑަށް ޖެހިފައި. ފަގީރު ހާލުގައި. މިސާލަކަށް އަފްޢާނިސްތާނު ފަދަ ގައުމުތައް ހިމެނިފައި މި އޮތީ މުޅި ދުނިޔެ އިން ވެސް ފަގީރު ގައުމުތަކުގެ ގޮތުގައި... މިފަދަ ވަސީލަތްތައް ހުރި ގައުމުތައް ނިކަމެތި ހާލަތުގައި އޮތްއިރު އެ ތަންތާގައި އެހުރި ފަދަ އެއްވެސް ވަސީލަތެއް ނެތް، ބިންކޮޅު ކުޑަ އަދި އާބާދީ ވެސް އެހާ ކުދި ގައުމުތައް އެ ދަނީ ތަރައްގީގެ ހަރުފަތަކަށް އަރަމުން، އުދުހެމުން،" ސަރުކާރުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި މި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީވެ ކުރިއަރަމުން ދާ ކަމުގެ މިސާލެއް ނަންގަވަމުން ނައިބު ރައީސް ވިދާޅުވީ ސިންގަޕޫރާއި ޖަޕާނު ފަދަ ގައުމުތައް ކުރިއަރައިގެން ގޮސްފައި ވަނީ އެ ގައުމުތަކުގައި އޮތް ލީޑަޝިޕާއި ސުލްވެރިކަމުން ކަމަށެވެ. އަދި ބޮޑެތި ކާމިޔާބީތައް ހޯދި ބައެއް ގައުމުތައް މިހާރު ފަގީރު ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭ އަކީ ފަހުރުވެރިވާ ތާރީހެއް އޮތް ގައުމެއް ކަމަށާއި އެކަން ގުޅިފައި ވަނީ އިސްލާމް ދީނުގެ ނޫރާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް މިނިވަންކަން ލިބުނު އަހަރަކީ، ގައުމުގައި ހަމަޖެހުން އޮތް ދުވަސްތަކެއް ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި 1988 ގައި ރާއްޖެ އަށް އުދުވާނީ ހަމަލާއެއް ދިންކަމުގައި ވިޔަސް 2000 ވަނަ އަހަަރާ ހަމައަށް ރާއްޖެ ކަޑައްތު ކުރީ ވަރަށް ހަމަޖެހޭ ދުވަސްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ހިސާބުން ގައުމުގެ އަމާންކަމާއި ތަރައްގީ އަށް ހުރަސްއެޅެން ފެށި ކަމަށާއި އެއަށް ފަހު ފެންނަން ފެށީ ރަނގަޅު މަންޒުތަކެއް ނޫންކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
"ގައުމެއް ތަރައްގީ ވާނީ އެ ގައުމުގައި ހަމަޖެހުން އުފެދިގެން. އެކަން މި ކުޑަ ދިވެހި ރާއްޖެ އިން އެންމެ ތިން އަހަރުން ވެސް ފެނިގެން ހިނގައްޖެ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަކީ ގައުމީ ދުވަސް ފަދަ ދުވަހެއްގައި ޝުކުރުވެރިވާން ޖެހިފައިވާ ބަތަލެއް ކަމަށެވެ. "މިއަދު އަޅުގަނޑުމެންގެ ގައުމުގެ ހުންގާނުގައި ހުންނަވަނިކޮށް މި ފެންނަނީ ވެސް ގައުމީ ދުވަހު ހާއްސަ ގޮތެއްގައި ޝުކުރުވެރިވާން ޖެހިފައިވާ ބަތަލެއް. ގައުމީ ހިދުމަތުގައި އަމިއްލަ ފުރާނަފުޅަށް ނުބައްލަވައި އެމަނިކުފާނުގެ ހިދުމަތް ގައުމުގެ ކޮންމެ ދިމާއަކުން، ގައުމަށް ބޭނުންވާ ކޮންމެ ރޮނގަކުން ދައްކަވަމުން ގެންދަވާ ގައުމީ ބަތަލެއް،" ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނައީ ޒުވާނުން ކަމަށާއި އެމީހުން ގައުމީ ދުވަހާ މެދު ވިސްނައި ގިނަގުނަ ހިދުމަތްތަކެއް ކުރުމުގެ އަޒުމް އާ ކުރަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަފި
02 December 2016
މީނަ މިކިޔަނީ ކީކޭތަ؟
ޒީ
01 December 2016
ދަރަނި މިވަނީ ހީވެސްނުކުރާ ބާރުމިނެއްގަ، ރައްޔިތުން އިދަ މިޖެހެނީ ހީވެސްނުކުރާހާ ހަލުވިމިނުގައި،، ރައްޔިތުންނަށް އަނިޔާވެރިވެވެމުންމިދަނީ ހީވެސްނުކުރާހާ ހަރުކަށިމިނުގައި،، ރައްޔިތުންގެ ޙައްޤުތައް ކުރެވެމުންމިދަނީ ހީވެސްނުކުރާހާ ޔަހޫދީ ގޮތަކަށް! ނިކަމެތި ރައްޔިތުން ބަނޑަށްޖެއްސީ ހީވެސް ނުކުރެވޭހާ މަކަރުވެރިކޮށް، އެހާއަވަސްމިނުގައި، މިނިވަން 3 ބާރު އަތްދަށުކުރީ އެހާ ހީލަތްތެރުކަމާއިއެކު، އަޅޭ މީހަކުފަހެ ރޯނާއެއްނުވާނެތަ؟
ކޮލަމާފުށި
01 December 2016
ވައްކަމާ ފަސާދަޔާ އަނިޔާ ވެރިކަމާ ކަރަޕްޝަންވެސް ކުރިއަރާދަނީ އެހާ ބާރު ދުވެލީގައި...
މަސީހު
01 December 2016
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ހއ.އުތީމް ކަމުނުދަނީތަ
ޢަބްދުﷲ ސަޢީދު ގދ.ގައްދޫ
01 December 2016
ޖިހާދުވެސް ބުނަންޖެހޭނީ، ރޭވިފައިވާ ހަރުދަނާ ރޭވުންތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިނގަމުންދާ ކަންތައްތަކުގެ ވާހަކަނޫންތޯއެވެ. މަސައްކަތް ހިނގަމުންދަނީ އެކިތަންތަނުގައި އެކިމިންވަރަށެވެ. ގދ.ތިނަދުގައި ހިނގާހައި ކަމެއް އެހެން ރަށްރަށުގައި ނުހިނގައެވެ. ހުޅަނގު މޫސުމުގައި ހުވަދުއަތޮޅު ދެކުނުބުރީގެ އެތެރެވަރީގައި ނަގާބޮޑުރާޅަކީ، މައިފުއްޓަރަށް ނުނަގާވަރުގެ ބޮޑުރާޅެވެ. ކާޑެއްދޫ އެއަރޕޯޓަށް ގޮސްއައިސް އުޅުމުގައި އެހެންރަށްރަށުގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ސަރުކާރަށް އަންދާޒާ ނުކުރެވެއެވެ. ޚާއްޞަކޮށް ގދ.ގައްދޫ ރައްޔިތުން މިތިބީ ޖިހާދުމެންގެ ހަނދާނުން ފުހެލާފައެވެ.
އަލީ
01 December 2016
ހިތަށްވެސް ނުގެނެވޭހާ ހަލުވި ދުވެއްޔެއްގަ ކުރިއަރަމުން ދާތަން ފެނުނު ގއ. ވިލިގިލިން. ރަށުގެ %80 މީހުންނަކީ ޕީޕީއެމް މީހުން އެކަމަކު ނައިބް ރައީސް ވިލިގިއްޔަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނިކުތީ ޕީޕީއެމް ގެ މަދު ބަޔަކާއި ވަޒީފާގެ ބިރަށް މަޖްބޫރުވެގެން ނިކުޔްބައެއް. އަދި މީހުން ގިނަކުރަން ކައިރި ރައްރަށުން ގެނައި މީހުން. މަރުހަބާ ކިޔަން ގޮސް ތިބި މީހުން ގޮވިހާއެއްޗެހި އަޑުއެހި މީހެއްމީ. ރައީސް ޔާމިންއަށް ވަރަށް ސަލާމް
ކުރި
01 December 2016
ކުރިއަރަނީ އަގައިން ކަމަށް ވާނަމަ އހާވަރށް ކުރި އެރިވާހަކަ ދައްކައިފި. މަސްބޭނުން ކުރި އަރައިފިބާ ޑޮލަރު ގިނަ ވެއްޖެތަ. ޓޫރިސްޓުން އަންނަވަރު ގިނަ ވެއްޖެތަ، އަދުލު އިންސާފާ އިންސާނީ ހައްގުތަ ކުރި އެރީތަ. ކިތަ ފެކްޓަރީ އިތުރުވީ. މި ކުރި އެރުން ތަ ނުފެނި ކޮނޮކޮރީޓު ކުރި އެރުމުން ގައުމުގެ ހާލަތު ދަށަށް ދާނެވަރު ވެސް ނޭގޭ މީހަކު ހެން ވަރަށް ހީވޭ. ވިޔަފާރި ހަލާކު ކޮށް ފައިސާ ކޮންކިރިޓަށް ބަދަލުވަނީ ދޯ
ހެހެހެ
01 December 2016
ޢެހެންވެތާ ކާޑުގެ އަގުވެސް އެހާ ބާރު ސްޕީޑެއްގައި މައްޗަށް ދިޔައީ!
ސުޖސުޖo
01 December 2016
ރައްޔަތުން ފެލައިގެން....
ރައްޔިތުމީހާ
30 November 2016
ނައިބު ރައީސް ޖިހާދަށް. ވެދުން ސަލާމަށްފަހު ދަންނަވަމެވެ. އަޅުގަނޑުގެ ހާލު ރަގަޅެވެ. ނަމަވެސް މަނިކުފާން ހުންނެވީ ކަންތައްގަޑެއްގެ އެދުމުގައި މާއަވަސް އަރައިގެން ކޮސްގޮވި ހާސްވެފައިކަން ތި ވާހަކަތަކުން ސާފުވެއެވެ. ޖިހާދޫއެވެ. އިތުރު އެތައް މުދަލަކުން ޑިުޓީއާއި ޖީއެސްޓީ ނަގަން ފަށައިފީމު ދޯއެވެ. ޖިހާދޫއެވެ. ކަރަންޓުބިލުގެ އަގު ބޮޑުކޮއްފީމު ދޯއެވެ. ޖިހާދޫއެވެ. ނިކަމެތި ރައްޔިތުމީހާގެ ކާއެތިކޮޅުން 100% އަގުބޮޑު ކޮށްފީމު ދޯއެވެ. ޖިހާދޫއެވެ. މިއަދު ޑޮލަރެއް ގަންނަން ލިބުނީ 19 ދިވެހިރުފިޔާ ހަރަދުކޮށްގެންނެވެ، އިޙްތިރަމް ޤަބޫލްކުރެއްވުން އެދެމެވެ. =ރައްޔިތުމީހާ=