ސުޕްރީމް ކޯޓު: އެޗްއައިވީ ޖެހުމުން ވަޒީފާ ގެއްލުނު މީހަކަށް ދޭންޖެހޭ ބަދަލުގެ މިންވަރު އެ ކޯޓުން ވަނީ ކުޑަކޮށްފައި --- ފޮޓޯ/މިހާރު
11 ސެޕްޓެމްބަރ 2021 - 21:02
އެޗްއައިވީއަށް ޕޮޒިޓިވްވުމުން ވަޒީފާ ގެއްލުނު މީހަކަށް ބަދަލުގެ ގޮތުގައި ދޭންޖެހުނު ބަދަލުގެ އަދަދު ސުޕްރީމް ކޯޓުން ކުޑަކޮށްފި އެވެ.
މެގަ މޯލްޑިވްސްގެ ފްލައިޓް އެޓެންޑެންޓެއްގައިި ގޮތުގައި މަސައްކަތް ކުރި މުވައްޒަފަކު 2012 ވަނަ އަހަރު އެޗްއައިވީއަށް ޕޮޒިޓިވްވުމުން ވަޒީފާއިން އެކަހެރިކޮށްފައި ބެހެއްޓުމަށްފަހު ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވަޒީފާގެ އެއްބަސްވުން އާ ކޮށްދޭން އެ ކުންފުނިން އިންކާރު ކުރުމުން އޭނާގެ ވަޒީފާ ގެއްލުނެވެ. އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާގެ ވަޒީފާގެ އެއްބަސްވުން އާ ނުކުރީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އޭނާގެ ނަން އާންމު ނުކުރީ އެއީ މަނާ ކަމަކަށް ވާތީ އެވެ.
އޭނާ އަލުން އެ ވަޒީފާ އަދާކުރަން ބޭނުން ނުވާތީ ބަދަލެއްގެ ގޮތުން ތިން އަހަރުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދޭން އެދުމުން ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް މައްސަލަ ނިންމީ ތިން އަހަރުގެ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދިނުމަށެވެ.
އެ މައްސަލަ މެގަ މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އެ މީހާއަށް ތިން އަހަރުގެ މުސާރަ އާއި އިނާޔަތްތައް ދޭން ޓްރައިބިއުނަލްގެ ނިންމުމުގައި އޮތަސް، އެންމެ އަދުލުވެރި ގޮތަކީ އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ދިނުން ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވެސް އެބައޮތް ކަމަށެވެ. އަދި ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު، އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތަކަކީ އަދުލުވެރި ބަދަލެއް ކަމަށް ބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާއަށް ބަދަލު ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެކަމަކު ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ އެއް އަހަރުުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިިމް އަދުނާނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިިރެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.
އޭނާ ވަޒީފާއިން ވަކިކުރީި ގާނޫނާ ޚިލާފަށް ކަމަށް ޓްރައިބިއުނަލާއި ހައި ކޯޓުން ނިންމާފައިވަނީ އެޗްއައިވީއަށް އޭނާ ޕޮޒިޓިވްވިޔަސް، ސިވިލް އޭވިއޭޝަންގެ މެޑިކަލް ޓެސްޓްތަކުން އޭނާ ފާސްވެފައި އޮތުމުންނާއި އޭނާގެ ކިބައިން އެހެން މީހެއްގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު ނެތް ކަމަށް ޑޮކްޓަރުގެ ލިޔުންތަކުގައި އޮތުމުންނެވެ. އެހެންވެ، އެއީ އޭނާއާ މެދު ތަފާތުކޮށް އަމަލު ކުރަންޖެހޭ މަގްބޫލު އުޒުރެއް ނޫން ކަމަށް ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމަސްޕެޓާސަންގެ އައްޕަ ދޮންއާދަނު
17 February 2022
ވަރަށް ދެރަ ކަމެއް ދިވެހިން ދިވެހިންގެ ގޮތުގައި މިހާރު ނުޖެހޭ ވަބާއެއް ނެތް
ގަމާރުމީހާ
12 September 2021
ތިހެންވިއްޔާ ތަންތަން ކުއްޔަށްހިފާ މީހުންވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން އެއްވބަސްވުން ހަދަންޖެހޭނެތާ.. އެއްބަސވުން އާނުކޮށް ބޭއްވުމުގެ އެއްވެސް އިޚުތިޔާރެއް ވެރި ފަރާތަށް އޮވެގެން ނުވާނެތާ.. އަދި ކޮންޓްރެކްޓް އުސޫލުން ނަގާ މުވައްޒަފުންވެސް މުޅި އުމުރަށް ގެންގުޅެންޖެހޭނެތާ
ޙގފބބވ
12 September 2021
ދެހާލަތު ވަރަށްތަފާތު
ވަޒީފާގެ ގާނޫނު
12 September 2021
މިއީ އަސްލު ވަޒީފާއާބެހޭ ގާނޫނުގެ މައްސަލައަކީ.. މެގަމޯލްޑިވްސް އަކީ އުދުހުމުގެ ޚިދުމަތްދޭ ކުންފުންޏެއް. އެމީހުންނަކީ ކަސްޓަމަރުން އަތުން ފައިސާ ހޯދައިގެން ހިންގާ ކުންފުންޏެއް. ތިމީހާގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުން ގެއްލޭން ފެށީމާ ގާނޫނާއި އެއްގޮތަށް ވަޒީފާގައި ބަހައްޓައިގެން ކުންފުނި ބަގުރޫޓުވާތަން ބަލަންތިބެންވީތޯ.. އެމީހުންގެ ވަޒީފާގެ އެއްބަސްވުން ނިމެންދެން ވަޒީފާގައި ގެންގުޅުނު. ވަޒީފާގެ އެއްބަސްވުން އާނުކުރީ. ކޮބާ މައްސަލައަކީ
1828
12 September 2021
އާދައިގެ ރައްޔިތަކަށް ވެއްޖެއްޔަ އެއް އަހަރުގެ މުސާރަ އެއީ އެކަށީގެންވާ ބަދަލެއް. 'އިއްޒަތްތެރި'އަކު ނަމަ ދައުލަތުގެ ބައުތުލްމާލުގެ 20% އެއީ އެކަށީގެންވާ ބަދަލަކަށް ވަނީ. ސަދޫމް ޖަސްޓިސް.
ބަބޫ
12 September 2021
ދެން އެމީހާ އުޅޭނޫޅޭގޮތް ސަރުކާރުން ބަލާތަ. ކިހިނެތް އިގެނީ އޭނަގެ ފަރާތުން ކިތަށްމީހުނަށް ފެތުރުނުކަމެއް.
ނާދިރު
12 September 2021
އެޔޮތީނު ބުނެފަ އޭނަގައިން އެހެން މީހަކަށް ފެތުރުމުގެ ނުރައްކަލެއް ނެތޭ. މިހާރު އެޗް.އައި.ވީ އަކީ ގަވާއިދުން ބޭސް ކާނަމަ މެނޭޖް ކުރެވޭ ބައްުޔެއް، އަދި ބޭސްކެއުމުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ނެތޭވެސް ބުނެވިދާނެ. ކަލޯ ދުނިޔެ ކުރިއަރަމުން އެބަދެޔޭ.
އަބްދުﷲއަލީ
12 September 2021
ބަބޫ، ދުނިޔެއަށް ހޭލަބަލަ. އަދި މި ގަރުނަށް ވަދެވޭތޭބަލާބަލަ. އޭނާ ކޮންމެ ގޮތަކަށް އުޅުނަސް އެއީކީ ބަބޫއާއި ބެހޭ ކަމެއްނޫން. މީހެއްގެ ބައްޔަކާ ހުރެ ވަޒީފާއިން ކަޑާލައިގެން ނުވާނެ!
މޮހިތި
12 September 2021
ބަބޫ ސައްކު ވަނީތޯ؟
މީޝާ
12 September 2021
މިބަލި ފެތުރޭގޮތް ވަރަށް ސާފު. އެއިން ކަމެއް ނުކޮށް އަމިއްލަ އަށް ހުރޭ އޭރަށް ހުންނާނީ ރަނގަޅަށް. ސަރުކާރަކަށް ނުދެވޭނެ އޭނައާއެއްކޮށް އެކަންކަން ކުރަނީ ކޮންބައެއްތޯ ބަލާކަށް. ދުވަހަކުވެސް ތިމާމެން ކުރަންޖެހޭ ކަމެއްނޯވޭދޯ. ހުސް ސަރުކާރު ކުރަންވީ ކަންްތައް