"ލާލް ސިންގް ޗައްޑާ" ޝޫޓިން ނިންމާލައި އެކަން ފާހަގަކުރަން ކޭކެއް ފަޅަނީ.
19 ސެޕްޓެމްބަރ 2021 - 06:50
އެކްޓަރު އާމިރު ޚާންގެ އާ ފިލްމު "ލާކް ސިންގް ޗައްޑާ" އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ފިލްމުގެ ޝޫޓިން ފެށިތަނާ ކޮވިޑް-19 އާ ހެދި މަސައްކަތް ހުއްޓި ހުރިހާ ކަމެއް އޮޅުންބޮޅުންވީ އެވެ.
މި އަހަރުގެ ޑިސެމްބަރު 24 ގައި ފިލްމު ރިލީޒްކުރާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެއީ އަދި ކަށަވަރު ކަމެއް ނޫނެވެ. އެކަމަކު މި ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ވަނީ ނިމިފަ އެވެ.
މިދިޔަ ހަފުތާގައި ފިލްމުގެ ކުދިކުދި ބައެއް މަނަޒްރުތައް ނަގަން ފެށުމަށް ފަހު، އެމަސައްކަތް ނިންމައި ކާސްޓާއި ކްރޫ ވަނީ އެކަން ހުކުރު ދުވަހު ފާހަގަކުރަން ކޭކެއް ވެސް ފަޅައިފަ އެވެ. އޭގެ ފޮޓޯ ޓްވީޓާގައި ޕޯސްޓްކުރީ ފިލްމުގެ ސްކްރީންޕްލޭ ލިޔުނު އެކްޓަރު އަތުލް ކުލްކަރްނީ އެވެ.
It’s a film wrap for #LaalSinghChaddha !!#aamirkhan @AndhareAjit pic.twitter.com/P1hWMdI1OZ
— atul kulkarni (@atul_kulkarni) September 17, 2021
އަދުވައިތު ޗަންދު ޑައިރެކްޓްކޮށް ގެނެސްދޭ "ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އިންޑިއާގެ 100 އެއްހާ ލޮކޭޝަނުގައި މަންޒަރުތައް ނެގި، ފިލްމުގެ ލީޑް ތަރިންނަކީ އާމިރާއި ކަރީނާ ކަޕޫރެވެ. މިދިޔަ ހަފުތާފައި ފިލްމުގެ ކަރީނާ ފިލްމުގެ ޕެޗްވޯކްތައް ނިންމައި މިހާރު ހުރީ ފިރިމީހާ ސައިފް އަލީ ޚާނާއި ކުދިންނާ އެކު ޗުއްޓީ އަށް ރާއްޖޭގަ އެވެ. އަންނަ އަންގާރަ ދުވަހަކީ އޭނާގެ 41 ވަނަ އުފަން ދުވަހެވެ.
އުފަން ދުވަސް ވެސް ފާހަގަކުރަން ރާއްޖެ އަށް ކުރާ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ކަރީނާގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. މިދިޔަ މަހު ސައިފްގެ އުފަން ދުވަސް ވެސް ފާހަގަކުރީ ރާއްޖޭގަ އެވެ.
Gorgeous mommy, #KareenaKapoorKhan drops a stunning picture from her vacation. pic.twitter.com/GFMUh5nqbk
— Filmfare (@filmfare) September 17, 2021
އިއުލާންކުރީއްސުރެ އާމިރުގެ ފޭނުން އިންތިޒާރުކުރަމުން އަންނަ "ލާލް ސިންގް ޗައްޑާ" އަކީ އޭނާ އާއި ކަރީނާ އެކީގައި ކުޅުނު ތިން ވަނަ ފިލްމެވެ. ދެ ތަރިންގެ ކުރީގެ ފިލްމުތަކަކީ 2012 ގެ "ތަލާޝް" އާއި 2009 ގެ "3 އިޑިއަޓްސް" އެވެ.
"ލާލް ސިންގް ޗައްޑާ" ގެ ކާސްޓްގައި ޓީވީ ބަތަލާ މޯނާ ސިންގް އާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލު ނާގަ ޗައިތަނިއާ ވެސް ހިމެނެ އެވެ. އަދި މި ފިލްމުގެ ހާއްސަ ފެނިލުންތަކުން ޝާހްރުކް ޚާނާއި ސަލްމާން ޚާން ވެސް ފެންނާނެ އެވެ.
އާމިރުގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ. އެ ފިލްމަކީ އޭނާގެ ކެރިއަރުގެ އެންމެ ނާކާމިޔާބު ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy