ޔޫއެންޖީއޭ76 / ފޮރިން މިނިސްޓްރީ

ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް

ރައީސް ވަނީ އެކި ގައުމުތަކުގެ އިސް ލީޑަރުންނާއި ބައިނަލްއަގްވާމީ އެކި ޖަމިއްޔާ އަދި ޖަމާއަތްތަކުގެ އިސްވެރިންނާ އެކު 140 އަށް ވުރެ ގިނަ ބައްދަލުވުން ބާއްވަވައިފައި

ރާއްޖެ އަށް އިންޑިއާ އިން ވެކްސިން ހަދިޔާ ކުރަނީ: ކޮވިޑާ ގުޅިގެން އެކި ގައުމުތަކުން ރާއްޖެ އަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދިން -- ފައިލް ފޮޓޯ: މިހާރު

21 ސެޕްޓެމްބަރ 2021 - 13:41

2 comments

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރުގެ ދެތިން ގައުމެއްގެ ޝައުގުވެރިކަމާއި މަސްލަހަތަށް އެކަނި ބައްޓަންކޮށްގެން ހިންގާ ކަމަށް ބުނެ ކުރީގެ ސަރުކާރުތަކަށް އެތައް ފާޑުކިޔުމެއް ކުރިމަތިވި ނަމަވެސް މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެކަން މުޅިން ބަދަލުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ކުރިން ގޯސްވެފައި އޮތް ގުޅުންތައް ވެސް އަލުން ބަދަހިކޮށް، ރަހުމަތްތެރިކަން ވަރުގަދަކުރުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، ދުނިޔޭގެ ސުލްހަ އާއި އަމާންކަން ދެމެހެއްޓުމަށް ޓަކައި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ހަރަކާތްތެރިވާ މިނިވަން ހާރިޖީ ސިޔާސަތެއް ގާއިމުކޮށް ތަންފީޒުކުރުމެވެ. ރާއްޖެއަކީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކަށް އިހުތިރާމުކުރާ، ގައުމެއްގެ ގޮތުގައި އޮތުމާ އެކު ރާއްޖެއަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ހަދާފައިވާ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ، އިހުތިރާމުކުރާ ގައުމަށް އަލުން ހެދުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މަގުސަދެކެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

އެ މަންޒިލަށް ވާސިލުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ހެޔޮ ނަތީޖާތަކެއް ފެންނަމުން އެބަދެ އެވެ. ވެރިކަމުގެ މިވީ ތިން އަހަރުގެ ތެރޭގައި ރައީސް ވަނީ އެކި ގައުމުތަކުގެ އިސް ލީޑަރުންނާއި ބައިނަލްއަގްވާމީ އެކި ޖަމިއްޔާ އަދި ޖަމާއަތްތަކުގެ އިސްވެރިންނާ އެކު 140 އަށް ވުރެ ގިނަ ބައްދަލުވުން ބާއްވަވައިފަ އެވެ. މިއީ ރާއްޖެ އާއި އެކި ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުކުރެއްވުންތަކެކެވެ.

ކޮވިޑް 19: ގައުމުތަކާ އެކު އޮތް ގުޅުން ވަރަށް ސާފު

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ ރަމްޒުކޮށްދޭ އަނެއް ކަމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ އެވެ. ރާއްޖެއިން ކޮވިޑްގެ ބަލިމަޑުކަން އައުމާ އެކު އެންމެންގެ ރައްކާތެރިކަމަށް ޓަކައި އެޅި ފިޔަވަޅުތަކަށް އެކި ގައުމުތަކުން ތައުރީފްކުރިއިރު މި ޕެންޑަމިކްގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެކި ގައުމުތަކުން ރާއްޖެ އަށް އެހީވި އެވެ. މާލީ ގޮތުންނާއި ސިއްހީ އެކި އާލާތްތައް އެކި ގައުމުތަކުން ރާއްޖެ އަށް ފޯރުކޮށްދިނެވެ. މި ބަލިމަޑުކަމުން ދިފާއުވުމަށް މި އަހަރުގެ ކުރީކޮޅު ވެކްސިން ޖެހުމުގެ ޕްރޮގްރާމު ކާމިޔާބުކަމާ އެކު ފެށުން އެއް ސަބަބަކީ ވެސް ބޭރު ގައުމުތަކާ އެކު ރާއްޖޭގެ ގުޅުން ބަދަހިކޮށްފައި އޮތުމެވެ.

ޗައިނާ ސަރުކާރުން ރާއްޖެ އަށް 112،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ފޮރިން މިނިސްޓްރީ

މުޅި ދުނިޔެ އަށް ކުއްލިއަކަށް ވަރަށް ބޮޑަށް ކޮވިޑް ފެތުރި، ގައުމުތައް ލޮކްޑައުންކުރުމާ އެކު ގައުމުތަކުގައި އުޅެމުން އައި ދިވެހިން ހާލުގައި ޖެހި، އަނބުރާ ރާއްޖެ އަށް ނާދެވިފައި ތިއްބާ އެ މީހުން އާއިލާތަކުގެ ގާތަށް ގެނެސްދެވުނީ ވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތް ރަނގަޅު ހާލަތުގެ ސަބަބުންނެވެ. އަނެއް ކަމަކީ އިގްތިސޯދީ ގޮތުން ރާއްޖެ އަށް ދަތިވި ދަނޑިވަޅުގައި ވެސް ގައުމުތަކުގެ އެހީތެރިކަމާ އެކު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމެވެ.

ކޮމަންވެލްތާއި ގަތަރާ ދެމެދު ގުޅުން އިއާދަކުރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު، ރާއްޖެ ކޮމަންވެލުން ވަކިވާން ނިންމި ނިންމުމާ އެކު ފެނިގެންދިޔައީ ބައިނަލްއަގްވާމީ މުޖުތަމައުން ރާއްޖެ މުޅިންހެން އެކަހެރިވި މަންޒަރެވެ. ކޮމަންވެލްތުން ވަކިވީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ ޑިމޮކްރަޓިކް ނިޒާމާ ދެކޮޅު ހަރަކާތްތަކެއް އާންމުވެ ކޮމަންވެލްތުން ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ރާއްޖެއިން ވަނީ އަލުން ކޮމަންވެލްތާ ގުޅިފަ އެވެ.

ސައުދީން ކަނޑައެޅި އެމްބާގޯއަކާ ގުޅިގެން ރާއްޖެއިން ގަތަރާ އެކު އޮތް ގުޅުން ކަނޑާލީ ޖޫން 5، 2017 ގަ އެވެ. ގަތަރާ އެކު އަލުން ގުޅުން ބަދަހިކޮށް އެ ގުޅުން ރަސްމީކޮށް އާ ކުރީ މިދިޔަ މާޗު މަހުގެ 15 ގަ އެވެ. އެ ގުޅުން އަލުން އިޔާދަކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެ އާއި މެދުއިރުމަތީގެ އެހެން ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ.

\އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފެށުމާއި އެ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަތުމަށް ބޭއްވި ތާރީހީ ޖަލްސާގައި 75 ވަނަ ސެޝަންގެ ރައީސް ވޮލްކަން ބޮޒްކިރް އާއި ޝާހިދު ވާހަކަ ދައްކަވަނީ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަނެއް ބޮޑު ކާމިޔާބަކީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ރާއްޖެ އަށް ލިބުމެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މަގާމަށް ގެނައުމަށް ރާއްޖެ އަށް 143 ގައުމަކުން ތާއީދުކުރި އެވެ. މި ކާމިޔާބީއަކީ 4.7 މިލިއަން ރުފިޔާ ކެމްޕެއިން ހަރަކާތަކާ އެކު ރާއްޖެ އަށް ލިބުނު ކާމިޔާބީއެކެވެ.

ކުރީ ސަރުކާރުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށް ރާއްޖެއިން 17.6 މިލިއަން ރުފިޔާގެ ކެމްޕެއިން ހަރަކާތެއް ހިންގި އެވެ. އެކަމަކު އެންމެ 46 ވޯޓު ރާއްޖެ އަށް ލިބިފައިވާތީ އެ ގޮނޑި ރާއްޖެ އަށް ކާމިޔާބެއް ނުކުރެވުނެވެ.

ބޭރު ދުނިޔޭގައި ރާއްޖެ އަށް އިތުބާރު ބޮޑުވެ، ގުޅުން ބަދަހިކުރުމުގެ ނަތީޖާއަކީ އެކި ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ފަހިވުމެވެ. މި ސަރުކާރުގެ މިވީ ތިން އަހަރުގައި 429 ދިވެއްސަކަށް ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދިނެވެ. އަދި ޔޫއެން ކޮވިޑް ރެސްޕޮންސް އެންޑް ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓް ފަންޑު މެދުވެރިކޮށް ރާއްޖެ އަށް އެހީގެ ގޮތުގައި 360،000 ޑޮލަރުގެ ޕްރޮޖެކްޓެއް ފަށާފައިވާއިރު މި ޕްރޮޖެކްޓުގެ މަގްސަދަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިންނާއި ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ނިޒާމު ހަރުދަނާކުރުމެވެ.

ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސަބަބުން ރާއްޖެ އަށް ފުރުސަތުތައް ފަހިވަމުން އައި ނަމަވެސް ކުރީގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވަމުން ބުނީ ގެއްލުން ނުވާނެ ކަމަށެވެ. އެކަމަކު އިގްތިސޯދީ ގޮތުންނާއި ހާރިޖީ ގޮތުން އަދި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ބަންދުވި އެވެ. އެ ނިންމުމާ އެކު ރާއްޖޭގެ އެތުލީޓުންނަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނެވެ.

އިރާނާއި ގަތަރު ފަދަ ގައުމުތަކާ ސިޔާސީ ގުޅުން ކަނޑާލުމުގެ ސަބަބުން އޯއައިސީ ފަދަ ޖަމާއަތްތަކުގެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ގެއްލުނެވެ. އިންޑިއާއާ ދުރަށް ޖެހުމުގެ ސަބަބުން ސާކް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނުބޭއްވި ސަރަހައްދީ ހަމަޖެހުމަށް ބުރޫއެރި އެވެ. ބައިނަލްއަގްވާމީ އެހީ އަށް ރާއްޖެ ޖެހުނު ދަނޑިވަޅުގައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި ލޯނު ލިބުމަށް ދަތިވި އެވެ.

ފާއިތުމިވީ ތިން އަހަރުގެ ތެރޭގައި ބޭރު ދުނިޔޭގެ އިތުބާރު ހޯދައި ގުޅުން ބަދަހިކުރުމަށް ކުރި އެކި މަސައްކަތްތަކާ އެކު އެތައް ފުރުސަތުތަކެއް ފަހިވަމުން އަންނައިރު މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބުކަން ކަމާ މެދު ޝައްކެއް ނެތެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

21 September 2021

އިންޑިއާއިން ދިވެހި ފިނިހަކަސަރުކާރަށް ސަނާކިޔަސް ދިވެހިން ނޫޅޭ މިސަރުކާރުގެ ހާރިޖީސިޔާސަތުގެ ކަންކަން ނޭނގިގެންނެއް. މިސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައިވަނީ ހަމައެކަނިއިންޑިއާއަށް. އެކަމަށް އަހަރެމެން ގިނަދިވެހިން ކިޔަނީ ނާކާމިޔާބުއަދި ނާތަހުޒީބީ ހާރިޖީ ސިޔާސަތައް. ތިހެން ސިނާ ކިޔާލަ ކިޔާލާ ތިބެވޭނީ 2023އަންނަން ދެން. އިރާދަކުރެއްވިއްޔަ 2023ގައި މިޤައުމުގައި ޤާއިމްވެގެންތިބި އިންޑިއާ ސިފައިން މި ފަސްގަނޑުން ފައިބައިގެންދާ މަންޒަރު ފެންނާނެ

The name is already taken The name is available. Register?

އިންސާފު

21 September 2021

އިންޑިއާ އައުޓް. ވަރައް މޮޅު ރައްޔިތުން ގުބޯ ހައްދަނއ މިހާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454