ދުނިޔެ / އެމެރިކާ

ވެކްސިން ފުރިހަމަކުރި މީހުންނަށް އެމެރިކާ ހުޅުވާލަނީ

އޮގަސްޓް 2، 2021؛ ގައުމުން ބޭރަށް ފުރަން ތައްޔާރުވެފައި ތިބި ބަޔަކު، އެމެރިކާގެ މިޔާމީ އިންޓަނޭޝަނަލް އެއާޕޯޓްގައި. ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް، މިއަހަރުގެ ނޮވެމްބަރުން ފެށިގެން އެމެރިކާ ހުޅުވައިލުމަށް އެ ގައުމުން މިހާރު ވަނީ ނިންމާފައި. --އޭއެފްޕީ

21 ސެޕްޓެމްބަރ 2021 - 12:29

1 comments

ކޮވިޑުން ދިފާއުވުމުގެ ގޮތުން، އިނގިރޭސި ވިލާތާއި ވިލާތުގެ އިއްތިހާދުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކޮށްފައި އޮތް އޮތުން އުވާލައި، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، އެމެރިކާ ހުޅުވާލަން އެ ގައުމުން އިއްޔެ ނިންމައިފި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނި ގޮތުގައި، ބިދޭސީ ދަތުރުވެރިން އެ ގައުމަށް އެތެރެވުން މަނާކޮށްފައި އޮންނަތާ 18 މަސް ފަހުން، އަންނަ ނޮވެމްބަރު މަހުން ފެށިގެން، އެ ގައުމު ހުޅުވައިލާނެ އެވެ.

އެމެރިކާ ސަރުކާރުން މިކަން މި އިއުލާން ކުރީ، އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެމެރިކާ އަށް ވަޑައިގެން، ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އިއްޔެ ބައްދަލުކުރެއްވި ފަހުންނެވެ. މި ބައްދަލުކުރެއްވުމުގައި، އެމެރިކާ އަށް އެތެރެވުން މަނާކޮށްފައި އޮތް އޮތުން އުވައިލުމަށް، ރައީސް ބައިޑެން އަރިހުގައި ދެންނެވުމަށް އޮތީ ކުރިން ތާވަލުކޮށްފަ އެވެ.

އެމެރިކާގެ މި ނިންމުމަކީ، އިނގިރޭސި ވިލާތުން ވެސް ކޮވިޑްގެ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ ލުއިތައް ތަންފީޒު ކުރުން އިތުރަށް ފަސޭހަވާނެ ކަމެކެވެ. އިނގިރޭސި ވިލާތުން ވެސް މިހާރު ނިންމާފައިވަނީ، ކޮވިޑުން ދިފާއުވުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް، މި ފެށޭ އޮކްޓޫބަރު މަހުން ފެށިގެން ލުއިތަކެއް ދިނުމަށެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތަށް އެހެން ގައުމުތަކުން އެތެރެވުމުގައި މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއި ކުރުމާއި، އިނގިރޭސި ވިލާތަށް އެތެރެވުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓް ހެދުމުގައި ވެސް ލުއިތަކެއް ދިނުން ހިމެނެ އެވެ.

ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، އެހެން ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން ވަގުތީ ގޮތުން މެދުކަނޑައިލީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގަ އެވެ.

އެމެރިކާ ސަރުކާރުން އިއްޔެ ނިންމި ނިންމުމަށް އިނގިރޭސި ވިލާތުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، ވިލާތުގެ ގައުމުތަކަށް އެމެރިކާ ހުޅުވައިލުމަކީ ވިޔަފާރި އާއި އިގްތިސާދަށް އަންނާނެ ވަރަށް ބޮޑު ތިޔާގި ކަމަކަށް ވާނެ އެވެ.

އިނގިރޭސި ވިލާތުގެ އާ ހާރިޖީ ވަޒީރު ލިޒް ޓްރޫޒް ވިދާޅުވި ގޮތުގައި އެމެރިކާގެ ނިންމުމަކީ، އިގްތިސާދު އަލުން އިއާދަކުރުމަށާއި ވިޔަފާރިތަކަށް އަދި ދެ ގައުމުގެ އާއިލާތަކަށް ވެސް ވަރަށް މުހިންމު ނިންމުމެކެވެ. އެމެރިކާގެ މި ނިންމުމަކީ އިނގިރޭސި ވިލާތުގެ އެއާލައިންތަކަށް ވަރަށް މުހިންމު ނިންމުމަކަށް ވާނެ އެވެ.

އެމެރިކާ އަށް ދަތުރުކުރުން މަނާކޮށްފައި އޮތުމުން، އިނގިރޭސި އެއާލައިންތަކުގެ ވަރަށް ގިނަ ދަތުރުތަކެއް ވަނީ މެދުކެނޑިފަ އެވެ. އެ ދަތުރުތައް ހުއްޓުމުގެ ސަބަބުން ހީތުރޯ އެއާޕޯޓަށް ލިބޭ އަހަރީ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނި، އަދި މިހާރު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ވަބާ މިހާތަނަށް 229 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިއްޖެ އެވެ. އޭގެ ތެރެއިން 4.7 މިލިއަން މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް މިބަލި ޖެހުނީ އެމެރިކާ އިންނެވެ. އެމެރިކާގެ 43.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު، އޭގެ ތެރެއިން 690 ހާހަށް ވުރެ ގިނަ މީހުން އެމެރިކާ އިން މަރުވެފައިވެ އެވެ.

ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުގެ 33.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 445 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިސޯޓް ބޯއީ

21 September 2021

އެކަމަކު އަދިވެސް ރާއްޖޭގައި ގިނަ ރިސޯޓްތަކުގައި، އެތާގެ މުވައްޒަފުންނަށް ރިސޯޓްތައް ހުޅުވައެއް ނުލާ. އޮފްއަށް ގޮސް އެނބުރި ރިސޯޓަށް އައިސް ކަރަންޓީންވާން މަޖުބޫރުކުރުވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454