ދުނިޔެ / ޖަރުމަން

ޖަރުމަން އިންތިހާބު ހަނި ގޮތަކަށް ކާމިޔާބުކުރީ ސޯޝަލް ޑިމޮކްރޭޓުން

27 ސެޕްޓެމްބަރ 2021 - 12:40

ޖަރުމަން ވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި، މިހާތަނަށް ސާފު ކުރެވުނު ނަތީޖާތަކަށް ބަލާއިރު، ވަރަށް ކުޑަ ތަފާތަކުން، މެދުމިނު ވާތުފިޔައިގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ކުރި ހޯދައިފި އެވެ.

ވޯޓުލުން ކުރިއަށް ދިޔައިރު ވެސް، ގިނަ ބަޔަކު ތިބީ ވޯޓު ދޭންވީ ކޮން ބަޔަކަށް ކަން ކަނޑައަޅަން ނޭނގިފަ އެވެ. އެހެން ނަމަވެސް ގިނަ މީހުން ލަފާކުރީ، ޗާންސެލަރު އެންޖެލާ މާކެލްގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީ ކުރި ހޯދާނެ ކަމަށެވެ.

އިއްޔެގެ އިންތިހާބުގައި ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ވަނީ 25.7 ޕަސެންޓް ވޯޓު ކާމިޔާބު ކޮށްފަ އެވެ. ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީ އާއި ކްރިސްޓިއަން ސޯޝަލް ޔޫނިއަންގެ ކޯލިޝަނަށް ލިބުނީ 24.1 ޕަސެންޓް ވޯޓެވެ. ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ، 14.8 ޕަސެންޓުގެ ވޯޓުން، ގްރީންސް ޕާޓީ އެވެ.

މިހާތަނަށް ސާފުކުރެވުނު ނަތީޖާ އަށް ބަލާއިރު، ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް ވެސް ސަރުކާރެއް އެކުލަވައިލެވޭނީ އެހެން ޕާޓީތަކާ އެކުގައި ކޯލިޝަނެއް އުފައްދައިގެންނެވެ. މިހާރު ހުންނެވި ޗާންސެލަރު އެންޖެލާ މާކެލްގެ ދައުރު ހަމަވުމުން، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ، މިހާރުގެ ވައިސް ޗާންސެލަރު އަދި ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އޮލާފް ސްކޯލްޒް އެވެ.

ޗާންސެލާ އެންޖެލާ މާކެލް މިހާރު ފުރުއްވަމުން ގެންދަވާ ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު 22 އަށެވެ. އޭނާގެ ވެރިކަމުގެ 16 އަހަރުގެ ތެރޭގައި ޖަރުމަން ވިލާތަށް އައި އިގްތިސާދީ ކުރިއެރުންތައް އިތުރު ހަރުފަތަކަށް ކުރިއެރުވުމަކީ، އެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއްގެ އެންމެ އިސް ޒިންމާއަށް ވާނެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މިހާރުގެ ޗާންސެލަރު އެންޖެލާ މާކެލް ވާދައެއް ނުކުރައްވަ އެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް، މަގާމުގައި ހުންނެވި ޗާންސެލަރަކު ވާދަނުކުރައްވައި ބޭއްވި ފުރަތަމަ އިންތިހާބެވެ. އެ ގޮތުން ބަލާއިރު މަގާމުން ވަކިވެވަޑައިގަންނަވާ އިރު، އެންޖެލާ މާކެލް ދެ ރެކޯޑެއް ހައްދަވާނެ އެވެ. ފުރަތަމަ ރެކޯޑަކީ، އިންތިހާބަކުން ބަލިނުވެ، ހަތަރު ދައުރު ފުރިހަމަ ކުރައްވައި، މަގާމުން އަމިއްލަފުޅަށް ވަކިވެވަޑައިގަންނަވާ ފުރަތަމަ ޗާންސެލަރަށް ވުމެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާއާ ގުޅިގެން، އާ ސަރުކާރެއް އެކުލަވައިލުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނެއް، މި އަހަރުގެ ޑިސެމްބަރު 19ގެ ނިޔަލަށް ނުހެދިއްޖެ ނަމަ، ދެ ވަނަ ރެކޯޑަކަށް ވެގެންދާނީ އެންމެ ދިގު މުއްދަތަކަށް ޖަރުމަން ވިލާތުގައި ވެރިކަން ކުރެއްވި ޗާންސެލަރުގެ ރެކޯޑެވެ.

މިހާތަނަށް ޖަރުމަނު ވިލާތުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޗާންސެލަރަކީ، އޮކްޓޫބަރު 1، 1982 އިން އޮކްޓޫބަރު 27، 1998 އަށް އެމަގާމު ފުރުއްވި ހެލްމުޓް ކޯލް އެވެ. އޭނާ 16 އަހަރާއި 26 ދުވަހު އެ މަގާމު ފުރުއްވި އެވެ.

ޖަރުމަން ވިލާތުގެ ސިޔާސީ ފަރާތްތައް ދެކޭ ގޮތުގައި، މި އަހަރުގެ ކްރިސްމަސް (ޑިސެމްބަރު 25)ގެ ކުރިން، އާ ކޯލިޝަނެއް އުފެއްދޭނެ ކަމަކަށް ނުބެލެވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454