ރިއާ އަދި ސުޝާންތު.
30 ސެޕްޓެމްބަރ 2021 - 06:32
މިދިޔަ އަހަރު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަންނަ މަހު ފަށާ ކަލާޒްގެ "ބިގް ބޮސް 15" އިން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސުޝާންތުގެ މަރާ އެކު ބޮޑު ހައިޖާނު ގަނޑެއްގެ ތެރެއަށް ވެއްޓި ކެރިއަރަށް ވެސް ނޭދެވޭ އަސަރުކުރި 29 އަހަރުގެ ބަތަލާ، ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ އަށް ގެންނަން އޭގެ ޓީމުން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. ރިއާ "ބިގް ބޮސް 15" ގައި ބައިވެރިވާނެ ކަމުގެ އަޑުތައް ގަދަވީ ދާދި ފަހުން ކަލާޒްގެ ޓީމާ ބައްދަލު ކުރަން އެ މީހުންގެ އޮފީހަށް ވެސް ރިއާ ގޮސް އުޅެނިކޮށް ފެނުމާ ގުޅިގެންނެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި ޝޯގައި ބައިވެރިވާން ބިގް ބޮސްގެ ޓީމުން ރިއާ އަށް ހުށަހެޅީ ފީއަކަށް ކޮންމެ ހަފުތާއަކަށް 35 ލައްކަ ރުޕީސްދޭ ގޮތަށެވެ. އަދި އެ ފީ އަކީ ރިއާ ކަހަލަ ބައިވެރިޔަކަށް ބަލާފައި ވަރަށް ބޮޑު އަދަދެކެވެ.
"ބިގް ބޮސް" ގައި އެންމެ ބޮޑު ފީއަކަށް ބައިވެރިވި ސެލެބްރިޓީންގެ ތެރޭގައި އެ ޝޯގެ 13 ވަނަ ސީޒަން ކާމިޔާބުކުރި އަދި މި މަހުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން މަރުވި ސިދާތު ޝުކްލާ ހިމެނެ އެވެ. މި އަހަރު ކުރީކޮޅު ނިންމައިލި "ބިގް ބޮސް 14" ގައި ދެ ހަފުތާއެއްގެ މުއްދަތަށް "ތޫފާނީ ސީނިއާ" އެއްގެ ގޮތުގައި ސިދާތު ބައިވެރިވީ ހަފުތާއަކަށް 35-40 ކްރޯޑް ރުޕީސް ލިބޭ ގޮތަށް ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި "ބިގް ބޮސް 13" ގައި އޭނާ ވާދަކުރީ ހަފުތާއަކަށް 18-20 ކްރޯޑް ރުޕީސްގެ ފީއަކަށެވެ.
There's still lot of suspense over #RheaChakraborty entry in #BiggBoss15
— The Khabri (@TheRealKhabri) September 28, 2021
Makers are Trying their best to retain her by offering huge and most unexpected amount in #BiggBoss History
No Final decision as of now
މިހާތަނަށް ބަތަލާއިންގެ ތެރެއިން "ބިގް ބޮސް" ގައި އެންމެ ބޮޑު ފީއަކަށް ވާދަކުރީ ސީޒަން 13 ގައި ވާދަކުރި ރަޝްމީ ދެސާއީ އެވެ. އޭނާގެ ފީ އަކީ ހަފުތާއަކަށް 21 ލައްކަ ރުޕީސް އެވެ.
ބައެއް މީޑިއާތަކުން ބުނީ އަންނަ މަހުގެ 2 ގައި ދައްކަން ފަށާ "ބިގް ބޮސް 15" އަށް ރިއާ ގެންނަން ވާހަކަ ދެކެވުނަސް އަދިވެސް އެކަން މުޅިން ފައިނަލް ނުވާ ކަމަށެވެ. އަދި އެކަން ފައިނަލް ވިޔަސް، އެންމެ ފަހު ވަގުތާ ހަމައަށް ސަންސްޕެންސް ހިފަހެއްޓުމަކީ ވެސް ބިގް ބޮސްގެ ޓީމުން ކުރާނެ ކަމެކެވެ.
ރިއާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ޗެހެރޭ" އިންނެވެ. އެ ފިލްމަކީ ސުޝާންތުގެ މަރާ އެކު އޭނާ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުމުގެ މާ ކުރިން މަސައްކަތް ނިންމާފައި އޮތް ފިލްމެކެވެ.
"ބިގް ބޮސް 15" ގައި މި ފަހަރު ވާދަ ކުރާނެ ކަން ކަށަވަރު ވެފައިވާ ބައިވެރިންގެ ތެރޭގައި ދާދި ފަހުން ނިންމައިލި "ބިގް ބޮސް ވޫޓް" ގައި ވާދަކުރި ޝަމީތާ ޝެޓީ އާއި ޕްރަތީކް ސެހެޖްޕާލްގެ އިތުރުން ޓީވީ ބަތަލާ ތޭޖާސްވީ ޕްރަކާޝް އާއި ޓީވީ އެކްޓަރު ކަރަން ކުންދުރާ އާއި "ބޮގް ބޮސް 13" ގެ ދެވަނަ ލިބުނު އާސިމް ރިއާޒްގެ ބޭބެ އުމަރު ރިއާޒާއި ޑޯނަލް ބިޝްޓް އާއި ސިމްބާ ނާގްޕަލް އާއި ސާހިލް ޝްރޮފާއި އަފްސާނާ ޚާން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy