ދުނިޔެ / ޖަޕާން

ޖަޕާނުގެ ބޮޑުވަޒީރަކަށް ދެން ވާނީ ފުމިއޯ ކިޝީޑާ

ޖަޕާނުގެ ކުރީގެ ހާރިޖީ ވަޒީރު، އަދި ދެން ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ހުންނެވި ފުމިއޯ ކިޝީޑާ

29 ސެޕްޓެމްބަރ 2021 - 16:51

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރުގެ މަގާމަށް، އެ ގައުމުގެ ކުރީގެ ހާރިޖީ ވަޒީރު ފުމިއޯ ކިޝީޑާ މިއަދު އިންތިހާބުވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމު ދެން ލިބިވަޑައިގަންނަވާނީ އޭނާއަށް ކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.

އިއްޔެ ބޭއްވި ޕާޓީގެ އެތެރޭގެ އިންތިހާބުގައި، ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވި އެއްވެސް މެންބަރަކަށް، ވޯޓުގެ ސާފު އަގުލަބިއްޔަތު ލިބިވަޑައިނުގަތުމުން، އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ މެދުގައި ވޯޓުލުމުގެ ދެވަނަ ބުރެއް މިއަދު ބޭއްވި އެވެ. މިއަދުގެ ވޯޓުގައި، އެ ގައުމުގެ ވެކްސިން ކަންތަކާ ބެހޭ ވަޒީރު ޓާރޯ ކޯނޯގެ މައްޗަށް ފުމިއޯ ކުރި ހޯއްދެވީ، 257 ވޯޓު ހޯއްދަވައިގެންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރި، ވެރިކަން ކުރާ ޕާޓީގެ ލީޑަރު ޔޮޝިހީޑާ ސޫގާ، މަގާމުގައި އެއް އަހަރު ހޭދަކުރެއްވުމަށް ފަހު، މިމަސް ނިމުމާ އެކު މަގާމު ދޫކޮށްލައްވާނެ އެވެ. އެއާ އެކު، ބޮޑުވަޒީރުގެ މަގާމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އައްޔަންކުރައްވާނީ ފުމިއޯ ކަމާ މެދަކު މިހާރު ޝައްކެއް ނެތެވެ.

ސަބަބަކީ، ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތީ ފުމިއޯގެ ލިބެރަލް ޑިމޮކްރެޓިކް ޕާޓީއަށާއި އެ ޕާޓީއާއެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކަށެވެ. މިހާރުގެ ބޮޑުވަޒީރު މަގާމު ދޫކޮށްލެއްވުމުން، އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރަން ފަށާނީ، އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ.

އަދި އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޮންނަ އާންމު އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީ ގޮވައިގެން ވާދަކުރައްވާނީ ވެސް ފުމިއޯ އެވެ.

މިއަދު ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ވޯޓުލުމުގެ ނަތީޖާ ދައްކާ ގޮތުން އެނގުނީ، ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ބޭފުޅުންނަށް ވުރެ، ފުމިއޯގެ މަގުބޫލުކަން ބޮޑުވަމުން އަންނަ ކަމެވެ. އެ ޕާޓީ ކުރިން ވެރިކަމުގައި އޮތް ދުވަސްވަރު، ދިފާއީ ވަޒީރުކަމާއި ހާރިޖީ ވަޒީރުކަން ވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވީ ދެ އަންހެން ބޭފުޅުން ކަމަށްވާ ސަނައޭ ޓަކައިޗީ، 60، އާއި ސެއިކޯ ނޮޑާ، 61 އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ކަޓައިފަ އެވެ.

ފުމިއޯ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ނަމަވެސް، ޖަޕާނުގެ ހާރިޖީ އަދި އަސްކަރީ ސިޔާސަތަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުފެނެ އެވެ. އޭނާއަކީ ވެސް ދިފާއީ ގޮތުންނާއި އަސްކަރީ ގޮތުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454