ޚަބަރު / ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު ދެ ހަފުތާ ތެރޭގައި ނިންމަނީ

03 އޮކްޓޯބަރ 2021 - 15:55

އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖައްސައިދޭން އެދި ގާނޫނުތައް އިސްލާހުކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތިދުވަހު ވަނީ އުއްތަމަ ފަނޑިޔާރު ގެކޮޅަށް ވަދެ ސީސީޓީވީ ކެމެރާއަށް ގެއްލުން ދީފަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ އަށް ފަހު އެ ގެކޮޅުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. ސިފައިން 24 ގަޑިއިރު އެތަނުގައި ފޯރިމަރަ އެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވަނީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ.

އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއް ވަނީ އަމިއްލަ ގެކޮޅުގަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައި، ދެ ބާރަށް ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ނިންމުމުގެ ކުރިން، ދައުލަތުން ރަސްމީ ގެކޮޅެއް ދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަންޏެވެ. ދާއިމީ ގެކޮޅު އިމާރާތްކޮށް ނިމެންދެން ވެސް ސަރުކާރުން ނިންމާފައި ވަނީ ވަގުތީ ގެކޮޅު ހަމަޖައްސައިދިނުމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު ނިމެނޭ ތާރީހަކާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީއާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތަން ނިމޭނެ ކަަމަށެވެ. މަރާމާތަށް ފަހު ވަގުތީ ގެކޮޅު ނިމުމާ އެކު އުއްތަމަ ފަނޑިޔާރު އެތަނަށް ބަދަލުވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖައްސަނީ ރެހެންދި އެޕާޓްމެންޓެކެވެ. އެއީ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވެސް ދިރިއުޅުއްވި ތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން މަރާމާތު ކުރަމުން އަންނަނީ މުރައިދޫގެ އެވެ.

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް މި ގާނޫނުގައިވެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454