މިތުން.
05 އޮކްޓޯބަރ 2021 - 06:53
އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީއާ އެކު ކަލާޒް ޗެނެލުން މުޅިން އަލަށް އާ ރިއަލިޓީ ޝޯއެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ޝޯގެ ނަމަކީ "ހުނަރުބާޒް" އެވެ. މީގެ ޓެގް ލައިނަކީ "ދޭޝް ކީ ޝާން" އެވެ. މި ޝޯ އަކީ އާދަޔާ ހިލާފު އެކި ކަހަލަ ހުނަރުތައް ދައްކައިލަން ހާއްސަ ޝޯއެކެވެ. އެގޮތުން ބެލުންތެރިން ސިއްސުވައިލާ ކަހަލަ އެތައް ކަމެއް ކުރާ މީހުންގެ ކުޅަދާނަ ހުނަރުތައް "ހުނަރުބާޒް" އިން ގެނެސްދޭނެ އެވެ.
މި ޝޯ އަކީ ކަލާޒް އިން ކުރިން ގެނެސްދިން އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ކަހަލަ ޝޯއެކެވެ. އެ ޝޯގެ ނުވަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މި ފަހަރު ގެނެސްދޭ ޗެނެލް ވަނީ ބަދަލުވެފަ އެވެ. އެގޮތުން ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ވެސް ޖަޖެއްގެ ގޮތުގައި ބައިވެރިވާ އައިޖީޓީގެ 9 ވަނަ ސީޒަން ގެނެސްދޭން ހަމަޖެހިފައި ވަނީ ސޮނީ ޓީވީންނެވެ.
މިތުން، 71، އާ އެކު ކަލާޒް އިން "ހުނަރުބާޒް" ގެނެސްދޭން ނިންމިކަން އިއުލާންކުރި ނަމަވެސް ޝޯ ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކަލާޒް އަކީ މިހާރު ވެސް ބޮލީވުޑްގެ މަޝްހޫރު ފަންނާނުންތަކެއް ހިއްސާވާ ޝޯތަކެއް ގެނެސްދޭ އިންޑިއާގެ އެންމެ މަގުބޫލު އެއް ޗެނެކެވެ. އެގޮތުން ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" އާއި މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ "ޑާންސް ދިވާނޭ" އާއި ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" އަކީ ކަލާޒްގެ ޝޯތަކެވެ. އެ ޗެނެލުން މި މަހުގެ 16 ގައި ރަންވީރު ސިންގްއާ އެކު "ދަ ބިގް ޕިކްޗާ" ކިޔާ ކްއިިޒް ޝޯއެއް ވެސް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy